ޔުމްނުގެ ހައްގުގައި ޒުވާނުން ކުރާ މުޒާހަރާ މިރޭ ވެސް ކުރިއަށް ޔުމްނުގެ ހައްގުގައި ޒުވާނުން ކުރާ މުޒާހަރާ މިރޭ ވެސް ކުރިއަށް

މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން މިރޭ ވެސް މުޒާހަރާ ކުރަން ފަށައިފި އެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން މުޒާހަރާ ފެށީ ސާޖަންޓް އާދަމް ހަލީމް އިންވެސްޓިގޭޝަން ބިލްޑިން ކައިރީގަ އެވެ. އެ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.
ޔުމްނުގެ ދައްތަ ރޭ ނޫސްވެރިންނަށް މައުލޫމާތު ދެމުން ޔުމްނުއާ ހަވާލާދީ ބުނީ ހ. ފެންޓެނޯއީ ގެއިން އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި ވެއްޓުނު ވަގުތު އޭނާއާއެކު ބަޔަކު ތިބި ކަމަށެވެ.
"އެ ގޭގައި ހިނގި ހާދިސާ، އެ ވީ ކަމަކީ، ޔުމްނުގެ އަނގައިން ބުނެފައި ވަނީ އެފަދަ ކަމެއް އަމިއްލައަކަށް ނުކުރަމޭ. އަޅުގަނޑު އަމިއްލައަކަށް ނުވެއްޓެމޭ އެތަނަކުންނެއް،" އޭނާ ބުންޏެވެ. "އެތާނގައި ރައުދުގެ އިތުރުން ވެސް ހަތަރު މީހަކު ހިމެނޭ."
ހ. ފެންޓެނޯއީއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އަދި ވެއްޓުނު ދުވަހު އެ ގެއަށް ދިޔައީ މައްސަލައިގައި ހިމެނޭ އިތުރު މީހެއް ކަމަށްވާ ޔޫސުފް ޔައްސާރު އަބްދުލްގަފޫރުގެ ދައުވަތަކަށް ކަމަށް ޔުމްނު ބުނި ކަމަށް އާއިލާއިން ބުނެ އެވެ.
ޒުވާނުން ސިލްސިލާކޮށް މުޒާހަރާ ކުރަން ފެށީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދި، ބައެއް ކަންކަން ފޮރުވާ ކަމަށް ތުހުމަތު ކުރުމަށްފަހު އެވެ.
ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކާއި އެކު ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރިޓަޔާ ކުރައްވާފަ އެވެ. އެއަށްފަހު ފުލުހުންގެ ގިނަ ޑިޕާޓްމަންޓްތަކަށް ބަދަލުތަކެއް ވެސް ގެނެސްފައިވެ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވަގުތީ ގޮތުން ހަމަޖައްސާފައި ވަނީ ޔުމްނުގެ ކޭސް ބެލުމާއި ހަވާލުވެގެން ހުނެނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ.
ފުލުހުންގެ ތަހުގީގާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ