ދިވެހި ހުރިހާ ޙައްޖުވެރިން ތިބީ އަރަފާތު ބިމުގައި، ހާލު ރަނގަޅު

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދައިކުރަން ދިޔަ ހުރިހާ ޙައްޖުވެރިން ވެސް މިހާރު ތިބީ ހެޔޮ ހާލުގައި އަރަފާތު ބިމުގައި ކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން މިއަދު ބުނެފިއެވެ. މިއަދަކީ މި އަހަރުގެ ޙައްޖު ދުވަހެވެ. ޙައްޖުވެރިން އިއްޔެ ތިބީ މިނާގައެވެ. މިއަދު އަރަފާތު ބިމުގައި ތިބެ މެންދުރު ނަމާދަށް ފަހު، އިމާމުމީހާ ޙައްޖު ޚުތުބާ ދެއްވާނެއެވެ. އެއަށް ފަހު ޙައްޖުވެރީން މިއަދުގެ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެއެވެ. އެ ނަމާދުތަކަށް ފަހު އަރަފާތުގެ ސަރަހައްދަށް ގޮސް، އިރުއޮއްސެންދެން ޙައްޖެވެރިން އެ ތަނުގައި ތިބޭނެއެވެ. https://x.com/hajjmission_mv/status/1930376135965065365 ސައުދީއަށް މޫސުން ލަފައިކުރާ ގޮތުން އެ ސަރަހައްދަށް ވަރަށް ހޫނުގަދަ ވާނެއެވެ. ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ޙައްޖާޖީން ހެދުނާއި ހަވީރާ އެ ބަޔަކަށް ޚާއްސަ ކުރެވިފައިވާ ޓެންޓުތަކުގައި ތިބުމަށް ސައުދީގެ ޙައްޖު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ޙައްޖުވެރިން މިއަދު ހޭދަކުރާނީ ދުޢާކުރުމާއި އިސްތިޣުފާރު ކުރުމާއި ޒިކުރު ކުރުމުގައެވެ. އެ ގޮތުން ޚުޝޫޢަތްތެރިކަމާ އެކު ﷲ ތައާލާއަށް ކުރިމަތިލައިގެންހުރެ، އަމިއްލަ ނަފުސަށާއި، އަހުލުންނާއި މުސްލިމުން އަޚުންނަށް ހެޔޮ ދުއާ ކުރާނެއެވެ. https://x.com/hajjmission_mv/status/1930365750457577496 ޙައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމުތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މި އަހަރު ވަނީ ލިބިފައެވެ. އެގޮތުން، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަކުރާ ކަމަށް ޙައްޖު މިޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ