އަންނަ އާދިއްތަ ދުވަހަކީ ފިތުރު އީދަށް ވާނެކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ: މައުމޫން

އަންނަ އާދިއްތަ ދުވަހަކީ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ، ސައުދީ އަރަބިއާއާއި މިސްރާއި ތުރުކީއާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މި މަހުގެ 29ވަނަ ދުވަހު އިރުއޮއްސުމަށް ފަހުގައި އަށް މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހަނދު ނޯއްސި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ކަމަށެވެ. އެހެންވެ، ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭކަމަށް މައުމޫން ފާހަގަކުރެއްވިއެވެ. މި މަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް އިރުއޮއްސެނީ 18:14 ގައި ކަމަށާއި ހަނދު އޮއްސެނީ ވެސް، ހަމަ އެ ގަޑީގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތް ނަމަވެސް ގިނަ އިސްލާމީ ޤައުމުތަކަށް އެ ދުވަހަކީ ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމަށް ވާނެތީ، އާދިއްތަ ދުވަހަކީ ރާއްޖެއަށް ވެސް ޝައްވާލު މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެންނަކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު އެހެން ވިދާޅުވެފައިވަނީ، ހަނދު ސާބިތު ކުރުމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާ ހަމަތަކުގެ އަލީގައި ކަން ފާހަގަކުރައްވާފައިވެއެވެ. ކަލަންޑަރުގައިވާ ގޮތުން އީދު ދުވަހަކީ އޭޕްރީލް އެކެއްވާ، ހޯމަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ