އައްޑޫ ސިޓީ ހިތަދޫގައި 'ސްކޫޕު' ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމާ އެކު، އެ ގްރޫޕަށް ނިސްބަތްވާ 9 މީހަކީ އެ ގްރޫޕުގެ މެންބަރުންކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު މަޖިލީހަށް ހުށަހަޅައި ފާސްކުރި 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'އަށް މިދިޔަ އެގޮސްޓުގައި ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ހަދާފައިވާ މި ގާނޫނު އޮންނަ ގޮތުން، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެކެވެ. މިފަދަ ކުށްކުރާ މީހުންނާއި އެކަމުގައި ބައިވެރިވާ މީހުންނަށް ވެސް ހަރުކަށި އަދަބުތަކެއް މި ގާނޫނުގައި ކަނޑައަޅާފައިވާއިރު، މިފަދަ ކުށްތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ވެސް ވަނީ ދީފަ އެވެ.
އެގޮތުން، ގޭންގު ލީޑަރުންނާއި ގޭންގު މެންބަރުން ކަނޑައެޅުމުގެ ބާރު ވެސް ފުލުހުންނަށް ވަނީ ދީފަ އެވެ. އެކަމަކު، ގޭންގެއް ކަމަށް ކަނޑައެޅެނީ ކޯޓު މެދުވެރިކޮށެވެ.
ތަފްސީލް - ކޯޓަށް ހުށަހެޅީ، އެ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ފުލުހުން ފޮނުވާފައިވާ ހުށަހެޅުން ދިރާސާކުރުމަށް ފަހު ކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ. އެގޮތުން، އެ އޮފީހުން ބުނީ:
ފުލުހުން ހުށަހެޅި ހުށަހެޅުމާއި ހެކިތައް ދިރާސާކޮށް ބެލިއިރު 'ސްކޫޕު' ގްރޫޕަކީ 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'ގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އަދި މިހާރު ވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށް ފެނޭ
އެހެންކަމުން ސްކޫޕު ގްރޫޕަކީ ގޭންގެެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަވެފައިވާ 9 މީހަކު އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައަޅައިދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާނެ
އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ 'އެސް ކޭ ޕީ ސްޕޯޓްސް ކްލަބް' އުވާލުމަށް ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި އެދިފައިވާނެ
'ސްކޫޕު' އަދި 'ސްކޫޕު ކަންމަތި'ގެ އިތުރުން 'އެސްކީޕީ' ލިޔެފައިވާ ފާރުތަކާއި އެންމެހާ ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ
މިއީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން 'އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް (ގޭންގް)'އެއް ކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ ހުށަހެޅުމެވެ.
ޕީޖީ އޮފީހުން ބުނީ، މިކަމާ ގުޅިގެން ކޯޓުން ގޮތެއް ކަނޑައެޅުމުން ގާނޫނުގެ ދަށުން އެ ގްރޫޕާއި ގްރޫޕްގެ މެންބަރުންނާ މެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން ގެންދާނެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ކުށްކުރާ ގްރޫޕްތަކާ މެދު ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ.
އެނގުން މުހިންމު - މިއީ ގޭންގު ކުށްތަކުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ފުލުހުންގެ ހިދުމަތުން ޕީޖީ އޮފީހަށް ހުށަހެޅި މިފަދަ ދެވަނަ ހުށަހެޅުމެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، ކުރީގެ ހުށަހެޅުން ދިރާސާކޮށް ބެލިއިރު، ގޭންގެއް ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަމަށް ސާބިތުކުރުމަށް ބޭނުންވާ ވަރަށް ތަހުގީގު ފުރިހަމަވެފައެއް ނުވެ އެވެ.
އެހެންވެ، އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ހުށަހެޅުން އޮތީ ފުލުހުންނަށް އަނބުރާ ފޮނުވާލާފަ އެވެ.
ގާނޫނުގައި 'އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް' މާނަކޮށްދީފައިވަނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށް ވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައި ވިޔަސް ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް މާލީ ނުވަތަ އެ ނޫން ވެސް މާއްދީ މަންފާއެއް ހޯދުމަށް ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށެވެ. މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅެނީ ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު 'އެކްޓިވް' ގްރޫޕްތަކާ މެދުގަ އެވެ.
އައްޑޫ 'ސުކޫޕް' ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ