މަގާމާ ހަވާލުވިތާ 44 ދުވަސްފަހުން ޓޮޓްނަމްގެ ކޯޗު ވަކިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބެއް ކަމަށްވާ ޓޮޓްނަމް ހޮޓްސްޕާގެ ކޯޗުކަމުގެ މަޤާމާ އީގޯ ޓިއުޑޯ ހަވާލުވިތާ 44 ދުވަސްފަހުން އޭނާ އެ މަގާމުން ވަކިވެއްޖެއެވެ. ކްލަބުން ރަސްމީކޮށް ހާމަކޮށްފައިވާ ގޮތުގައި، އޭނާ މަޤާމުން ވަކިވީ ކްލަބާއި އޭނާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންނަމަވެސް، ކްލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އޭނާގެ ކޯޗުކަމުގެ މުއްދަތު ނިމުމަކަށް އަންނާނެކަމަށް ގިނަ ބަޔަކު ކުރިންވެސް އޮތީ ލަފާކޮށްފައެވެ. އޭނާ މި މަޤާމުގައި ހޭދަކޮށްފައިވަނީ އެންމެ 44 ދުވަހެވެ. ކްރޮއޭޝިއާއަށް ނިސްބަތްވާ އީގޯ ޓިއުޑޯއަށް، އޭނާގެ ކުރު ކޯޗުކަމުގެ މުއްދަތުގައި ކްލަބުން އުންމީދުކުރި ފަދަ ނަތީޖާތަކެއް ނެރެދެވިފައެއް ނުވެއެވެ. ޓީމުގެ ކުޅުން ރަނގަޅުވުމުގެ ބަދަލުގައި، އޭނާގެ އިރުޝާދުގެ ދަށުން ޓޮޓްނަމްގެ ނަތީޖާތައް ދިޔައީ އިތުރަށް ދަށަށެވެ. މިހާރު ޓޮޓްނަމް އޮތީ ޕްރިމިއާ ލީގު ތާވަލުގެ ފުލުން ހަތަރުވަނައިގައެވެ. އެއީ ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ހޭމްއަށްވުރެ އެއް ޕޮއިންޓު ކުރީގައި އޮވެގެންނެވެ. ޓިއުޑޯގެ އިރުޝާދުގެ ދަށުން ޓޮޓްނަމް ކުޅުނު 7 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ އެއް މެޗުންނެވެ. އެއް މެޗު އެއްވަރުވެފައިވާއިރު، 5 މެޗުން ވަނީ ބަލިވެފައެވެ. ވަކިވި ޓޮޓްނަމްގެ ކޯޗު -- މިކަމާ ގުޅިގެން ޓޮޓްނަމުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ދެފަރާތް އެއްބަސްވެގެން ހެޑް ކޯޗު އީގޯ ޓިއުޑޯ ވަގުތުން ކްލަބުން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދޭ ކަމަށެވެ. މީގެ އިތުރުން، އޭނާގެ އެހީތެރިންގެ ގޮތުގައި މަސައްކަތްކުރި ޓޮމިސްލާވް ރޮގިޗް އާއި ރިކާޑޯ ރަގްނާޗީވެސް ވަނީ އެމީހުންގެ މަޤާމުތަކުން ވަކިވެފައެވެ. އަދި ފާއިތުވި 6 ހަފްތާގެ ތެރޭގައި އެ ފަރާތްތަކުން ކޮށްދިން ބުރަ މަސައްކަތަށް ކްލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ. ފުޓުބޯޅައިގެ ނަތީޖާތަކުގެ އިތުރުން، އީގޯ ޓިއުޑޯގެ ބައްޕަ ދާދިފަހުން ނިޔާވުމާ ގުޅިގެން ކްލަބުން ވަނީ އޭނާއަށް އަމިއްލަ ގޮތުންވެސް ހިތްވަރުދީފައެވެ. ކްލަބުގެ ބަޔާނުގައި ބުނެފައިވަނީ، އީގޯއަށް ދާދިފަހުން ކުރިމަތިވި ހިތާމައިގައި ކްލަބުން ބައިވެރިވާ ކަމަށާއި، މި ދަތި ދަނޑިވަޅުގައި އޭނާއަށާއި އޭނާގެ އާއިލާއަށް ކްލަބުގެ ފުރިހަމަ އެއްބާރުލުމާއި ހެޔޮއެދުންތައް ފޮނުވާ ކަމަށެވެ. އީގޯ ޓިއުޑޯ ވަކިވުމާއެކު، އިނގިރޭސިވިލާތުގެ މި ކްލަބަށް މިހާރު ވަނީ ވަރަށް އަވަހަށް އައު ކޯޗެއް ހޯދަން މަޖުބޫރުވެފައެވެ. ޕްރިމިއަރ ލީގުގައި ބާކީ މަދު މެޗުތަކެއް އޮތްއިރު، ޓީމުގެ މިސްރާބު ބަދަލުކޮށް، ރެލިގޭޝަން ޒޯނުން ޓީމު ސަލާމަތްކޮށްދެވޭނެ ފަދަ ޤާބިލު ކޯޗެއް އައްޔަންކުރުމަކީ މިވަގުތު ޓޮޓްނަމުގެ އެންމެ ބޮޑު އަމާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ