ސޯޝަލް މީޑިއާގެ އެކި މަންސަތަކުގެ ސަބަބުން ކުޑަކުދިންގެ އަހުލާގަށާއި ތޮބީއަތަށް ނޭދެވޭ ބަދަލުތަކެއް އަންނަމުންދާ ކަމަށް ބުނެ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކޮށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ގޮވާލާ އިލެކްޓްރޯނިކް ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ތާއިދު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ސ. ހިތަދޫ އަލީ ޢާނިމް މުފީދު ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ، ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ބޭނުންކުރުން އާންމުވެފައިވާ ކަމަށެވެ. އަދި ގިނަ ވަގުތު ކުދިން ކުރާ ކަންތައްތައް ބެލުމަށް ބެލެނިވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި، ޔޫޓިއުބް، ޓިކްޓޮކް އަދި އެހެނިހެން މަންސަތަކުން ކުޑަކުދިންނަށް ފާހިޝް ބަސްތަކާއި ނުބައި އަމަލުތައް ދަސްވަމުންދެއެވެ. މީގެ ސަބަބުން ކުދިންގެ ކިބައިން ނޭދެވޭ އަހުލާގީ ބަދަލުތަކެއް ފެންނަމުންދާތީ، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއްވަރަށް ރާއްޖޭގެ ގާނޫނީ ނިޒާމު ހަރުދަނާކުރަން ޖެހޭ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.
މި މައްސަލަ ހައްލުކުރަން އެދިފައި ވަނީ ފޭސްބުކް، އެކްސް (ޓްވިޓާ)، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކާއި، ކާކުކަން ނޭނގޭ ގޮތަށް ޕޯސްޓް ކުރެވޭ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުދިން ވަނުން މަނާކުރާ ގޮތަށް ގާނޫނު އިސްލާހުކުރުމާއި، ގާނޫނާ ހިލާފަށް ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާނަމަ، ބެލެނިވެރިންނާއި ކުދިންނަށް ކައުންސެލިން ދެވޭނެ ނިޒާމެއް ގާއިމްކުރުމާއި މިކަން ތަކުރާރުވާ ނަމަ، ޖެންޑާ މިނިސްޓްރީއަށް ހާއްސަ ބާރުތަކެއް ދީގެން އެ މައްސަލަ ބެލޭނެ ގޮތް ހަމަޖެއްސުން ހިމެނެ އެވެ.
މީގެ އިތުރުން ސްކޫލްތަކާއި ކޮލެޖުތަކަށް މޯބައިލް ފޯނު ވެއްދުން މަނާކުރާ ގަވައިދެއް ހަދައި، އެ ގަވައިދަށް އަމަލުކުރަން ފެށުމަށް ޕެޓިޝަނުގައި ގޮވާލާފައިވެ އެވެ.
މަޖިލީހުގެ ގަވާއިދަށް ޕީއެންސީން ގެނައި ބަދަލުގައިވާ ގޮތުން ޕެޓިޝަނެއް މަޖިލީހުގައި ކުރިޔަށް ގެންދާނީ 500 މީހުން ސޮއިކުރުމުންނެވެ.
ޓޫރިސްޓުން ނިވާކަން ކުޑަ ހެދުމުގައި އުޅުން ހުއްޓުވަން ގޮވާލައި ހުށަހެޅި ޕެޓިޝަން މަޖިލީހުގައި ކުރިއަށް ގެންދެވޭ ވަރަށް ވަނީ ތާއިދު ލިބިފަ އެވެ.
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ޕެޓިޝަނެއްް ހުށަހަޅައިފި ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ޕެޓިޝަނެއްް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ