ރޭއަޅުކަންކުރުމާ އެކަމުން ހޯދެން އޮތް ބޮޑުފައިދާގެ ކުޑަކުޑަމިންވަރެއް!

ދަމުނަމާދާއިމެދު ތަންކޮޅެއް ފުންކޮށް ވިސްނައިލަންޖެހޭ ކަންކަން ބައިވަރެވެ. އެއީ އެނަމާދުގެ ވަގުތެވެ. ޢިޝާނަމާދަށްފަހު އަވަހަށް ނިދާފައި ފަތިސް ނުވަނީސް ހޭލަންޖެހޭ ގޮތަށް އޮތީ ކީއްވެގެން ހެއްޔެވެ؟ ރޭގަނޑުގެ ފަހުދަންފަޅީގައި އަޅުކަންކޮށް ޛިކުރުކުރަންޖެހޭ ސަބަބެވެ. ނިދި ނަގާލާފައި ތެދުވަން އުނދަގޫވަގުތެއްގައި ކުރަން އޮތް ސަބަބެވެ.  
އެއީ ފަރުޟު ނަމާދުތައް ކުރެވެނީ އަމިއްލަ ދިރިއުޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއިއެކުގައެވެ. ނަތީޖާއެއްގެ ގޮތުން ނަމާދު ނިމުމާއިއެކު މަސައްކަތަށް އަވަސްވެގަނެވެއެވެ. މިސްކިތުގައި ޛިކުރުކުރަން މަޑުކޮށްލަން ބޭނުންވިނަމަވެސް މަޑުކޮށްލެވެން އޮންނަނީ ވަރަށް މަދު މީހަކަށެވެ. ސަބަބަކީ ކުރަންޖެހޭ މަސައްކަތްތައް ގިނަކެމެވެ.
ނަމަވެސް ދަމުނަމާދުކުރަނީ އެހެން އެއްވެސް ކަމަކަށް ވިސްނަން ޖެހޭނެ ވަގުތެއްގައެއް ނޫނެވެ. ދަމުނަމާދު ނިމުމާއިއެކު ކުރާނެ އިތުރު މަސައްކަތެއް ނޯވެއެވެ. ވީމާ އެމީހާގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ވަގުތު ހޭދަކުރުމުގެ ފުރުޞަތު އެބަ އޮވެއެވެ. ބޭނުންވަރަކަށް ނަމާދު ދިގުކޮށް، ޛިކުރުކޮށް ދުޢާކުރަން ވަގުތު ހޭދަކުރަންވީއެވެ.  
ހަމައެއާއިއެކު އެވަގުތަކީ ފޯނުކޯލްތަކަށް ޖަވާބުދޭންޖެހޭ ވަގުތެއްވެސް ނޫނެވެ. އަޑުތައް އެހައި މަޑުވަގުތެވެ. ވީމާ ﷲ ތަޢާލާއަށްޓަކައި ސިކުނޑި ހުޅުވާލައިގެން އިނުމުގެ ފުރުޞަތު ބޮޑު ވަގުތެކެވެ.  
އަދި ކީއްހެއްޔެވެ؟ އެވަގުތަކީ ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ފައިބާވަޑައިގެން މީސްތަކުންނަށް ބަސްފުޅު ވަޙީކުރައްވަވާ ވަގުތެވެ. "ތިމަން ﷲ ގެ ޙަޟްރަތަކަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯ؟ ފާފަތައް ފުއްސަވައި ދެއްވެވުން އެދެނީ ކާކުތޯ؟" ސުވާލުކުރައްވަވާ ވަގުތެވެ. އަދި އެމީހާ އެދޭ ކަންކަން ހިންމްވައިދެއްވަވާނެކަމަށް ވަޙީކުރައްވަވާ ވަގުތެވެ. ވީއިރު ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރަން އެއަށްވުރެ މުހިންމު ވަގުތެއް ނެތެއް ނޫންހެއްޔެވެ؟  
ވީމާ މިހިރަ ހުރިހާ ކަންކަމަކީވެސް ރޭގަނޑުގެ ފަހުދަންފަޅީގައި ދަމުނަމާދުކުރަން ޖެހޭ ސަބަބުތަކެވެ. ދަމުނަމާދުކުރުމުން ދެއްވަވާ ނިޢްމަތްތައް ގުނާ ޢަދަދު ނުކުރެވޭނެއިރު ކަންނެތްވެ ނިދަން އޮންނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ