ޑޮކިއުމެންޓްރީ މައްސަލައިގައި އަދަދުގެ މެނޭޖިން އެޑިޓަރު ޙަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އައިޝާ"ގެ ނަމުގައި "އަދަދު" ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލައިގައި އެ ނޫހުގެ މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު (ހަސަނާ)ގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފިއެވެ. މިދިޔަ މަހުގެ ފަހުކޮޅު އަދަދު ނޫހުން ވަނީ ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ހަދާފައިވާ ޑޮކިއުމެންޓްރީއެއް އާންމުކޮށްފައެވެ. އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ރޭ ވަނީ ކޯޓު އަމުރަކާ އެކު އެ ނޫހުގެ އޮފީހަށް ވަދެފައެވެ. އަދަދު ނޫހުގެ އޮފީހަށް ވަދެ، ފުލުހުން ވަނީ އެ އޮފީހުގައި ހުރި އިލެކްޓްރޯނިކް ސާމާނުތައް ރޭ ދަންވަރު ގެންގޮސްފައެވެ. އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ޙުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ވަނީ އެއް މަސް ދުވަހުގެ ނިޔަލަށް ހިފަހައްޓާފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، ފިޔާޒްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް އޭނާ ރާއްޖޭގައި ހުރުން މުހިންމު ކަމަށް ފުލުހުންނަށް ފެންނާތީއެވެ. https://sun.mv/221200 އަދި، ޙަސަނަށް ފޮނުވި ކޯޓު އަމުރުގައި ވަނީ އޭނާ ރާއްޖޭން ފުރައިގެން ބޭރަށް ދާން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ. https://x.com/mjamaldives/status/2048992132925632565 ކޯޓު އަމުރުގައިވާ ގޮތުން، ޙަސަންގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ތިން މަސް ދުވަހުގެ ނިޔަލަށެވެ. އެއީ ރެއިން ފެށިގެން އަންނަ ޖުލައި މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށެވެ. އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި، ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ރެއިޑުކޮށް، އެ ނޫހުގެ ތަކެތި ބަލައި ފާސްކުރި މައްސަލައިގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައިނުވެއެވެ. މިކަމާ ގުޅޭގޮތުން އެ ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޝަތުގެ ބަހެއް ހޯދުމަށް "ސަން"އިން ގުޅައި، މެސެޖުކުރުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ