އީރާނާ ގުޅޭ ގޮތުން ދެކެވެމުންދާ ފުށުއަރާ ވާހަކަތައް ގާތުން ބަލަމުންދާ ކަމަށް ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ބުނެފިއެވެ.
ކްރެމްލިންގެ ތަރުޖަމާނު، ދިމިތްރީ ޕެސްކޮވް ވިދާޅުވީ އީރާނާ ގުޅޭގޮތުން ތަފާތު އެކި ބަޔާންތައް އެއް ދުވަހުގެ ތެރޭގައި އިވިފައިވާ ކަމަށެވެ. އީރާނުގެ ޙާލަތު ގާތުން ބަލަމުން ދާނެ ކަމަށާއި، މައްސަލައަށް ޞުލްޙަވެރި ޙައްލެއް އަވަސް މުސްތަޤުބަލެއްގައި ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕެސްކޮވް މިހެން ވިދާޅުވެފައި މި ވަނީ އެމެރިކާއާއި އީރާނާ ދެމެދު ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާއިން އެ ކަން ދޮގުކުރެއެވެ. ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަަަމަލާދީ ހަނގުރާމަ ފެށި ފަހުން އެ ފަދަ އެއްވެސް މަޝްވަރާއެއް ކުރިއަށް ގޮސްފައިވާ ކަމަށް އީރާނުން މިހާތަނަށް ބުނެފައެއް ނުވެއެވެ.
އީރާނުން ހުރުމުޒު ކަނޑުއޮޅި ފުރިހަމައަށް ހުޅުަވައިނުލާ ނަމަ އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް މީގެ ކުރިން ވަނީ ދެއްވައިފައެވެ. އެ އިންޒާރު ދީފައި ވަނިކޮށް އީރާނުގެ ބޫޝަހަރު ނިއުކްލިޔަރ ޕަވަރ ޕްލާންޓާ ކައިރި ސަރަޙައްދަކަށް އެމެރިކާއާއި ޔަހޫދީން ވަނީ ޙަމަލާ ދީފައެވެ. ނަމަވެސް އެ ޙަމަލާގައި ނިއުކްލިޔަރ މަރުކަޒަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އެ ޙަމަލާއާއެކު ކްރެމްލިނުން ވަނީ އީރާނުގެ ބޫޝަހްރު ނިއުކްލިޔަރ ޕަވަރ ޕްލާންޓު ކައިރިއަށް ދިން ޙަމަލާއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ސަރަޙައްދަށް ޙަމަލާ ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ރަޝިޔާއިން ބުނެފައިވެއެވެ. އަދި އެ ކަމާ ގުޅޭ ގޮތުން ހުރި ރަޝިޔާގެ ކަންބޮޑުވުންތައް އެމެރިކާއާއެކު ޙިއްޞާކޮށްފައިވާނެ ކަމަށް ޕެސްކޮވް ވަނީ ވިދާޅުވެފައެވެ. އެ ފަދަ ނިއުކްލިޔަރ ޕަވަރ ޕްލާންޓަކަށް ޙަމަލާ ދީފި ނަމަ އިޢާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ލިބޭނެ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.
ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވަނީ ރަޝިޔާގެ ދައުލަތުގެ ނިއުކްލިޔަރ ކުންފުނި، ރޮސަޓޮމްގެ އިސްވެރިޔާ، އެލެކްސޭ ލިކަޝެވްއާ ފޯނު މެދުވެރިކުރައްވައި ވާހަަކަ ދައްކަވައި، ބޫޝަހްރު ސަރަޙައްދަށް ދިން ކަމަށް ބުނާ ޙަމަލާއާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައިއޭއީއޭއިން ބުނީ ނިއުކްލިޔަރ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައި ހަތް އުޞޫލާ އެއްގޮތަށް, އެއްވެސް އަސްކަރީ ޙަރަކާތެއްގެ ސަބަބުން ނިއުކްލިޔަރ ޕަވަރ ޕްލާންޓުތަކަށާއި އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތަށް ނުރައްކާވެގެން ނުވާނެ ކަމަށެވެ. އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިކަމާއެކު ވަޒީފާ ޢަދާ ކުރެެވެން ޖެހޭނެ ކަމަށް ގްރޮސީ ވިދާޅުވެފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ރަޝިޔާއިން ދަނީ މެދުއިރުމަތީ ހަނގުރާމައިގެ ޙާލަތު ގާތުން ބަލަމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ