ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގޮނޑިތައް ސަރުކާރަށް ހޯދައިދިނުމަށް، އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ބޮޑެތި އަގުތައް ހުށަހަޅައިގެން ނަން ނަގުވަމުންދާ ކަމުގެ ތުހުމަތު އެމްޑީޕީއިން ކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހަވީރު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންތިހާބުގެ ޓައިމްލައިން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިހާތަނަށް ހާމަނުކުރުމެވެ.
ތަފްސީލް - އެ ޕާޓީގެ ކެމްޕޭން ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވީ އޭގެ ނާޖާއިޒް ފައިދާ ޕީއެންސީން ނަގަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ޓައިމްލައިން އާއްމުކޮށްފައި ނެތުމުން ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނެ އެންމެ ފަހު ތާރީހަކީ ކޮބައިކަމެއް ނޭނގޭ ކަމަށާއި އެއީ ސަރުކާރުން ބޭނުންވާ ކެންޑިޑޭޓުންގެ ނަން ނެގުމަށް ޖާގަ ދިނުމަށް ކުރާ ކަމެއް ކަމަށެވެ.
އަދި މިހާރު ވެސް، ބައެއް ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ބޮޑެތި އަގުތައް ހުށަހަޅައިގެން، ނަން އަނބުރާ ގެންދާތަން ފެންނަ ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ޕީއެންސީއިން މިހާތަނަށް ވަނީ އިންތިހާބަކާ ނުލައި 10 ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ. އެއީ އެ ގޮނޑިތަކަށް އިތުރު މީހަކު ކުރިމަތިނުލާތީ އެވެ. އެކަމަކު އެމްޑީޕީއިން ތުހުމަތު ކުރަނީ އެ ގޮނޑިތަކަށް ކުރިމަތިލާން ކުރިން ނިންމައިގެން ތިބި މީހުން ޕީއެންސީއިން "ގަތީ" ކަމަށެވެ.
އިންތިހާބުގެ ކުރިން ޕީއެންސީން ހޯދާފައިވާ ބައެއް ގޮނޑިތައް:
ހއ. ބާރަށާއި އުތީމު ކައުންސިލްގެ ރައީސްގެ މަގާމު
އދ. ދިއްދު އާއި އޮމަދޫ ކައުންސިލްގެ ރައީސްގެ މަގާމު
ބ. އޭދަފުށީ ކައުންސިލްގެ އަންހެން މެމްބަރުންގެ މަގާމު
ތ. ވިލުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 10 ގޮނޑީގެ ތެރެއިން އަށް ގޮނޑި
އަބްދުﷲ ވަހީދު ވިދާޅުވީ އީސީއިން ހާމަނުކުރާ މައުލޫމާތު ޕީއެންސީއިން އާއްމު ކުރާ ކަަމަށެވެ. އެކަން ކުރެވެނީ، ކޮމިޝަންގެ ހުއްދައާ އެކު، އީސީގެ ޑާޓާތަކަށް ޕީއެންސީއަށް ވަދެވޭތީ ކަމަށާއި މިއީ އިންސާފުވެރި އިންތިހާބަކަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ޓައިމްލައިން ހާމަނުކުރާތީ އަޅުގަނޑުމެންނަކަށް ނޭނގޭ ކިހިނެއް ކަމެއް [އެކި ކަންކަމަށް] ވަގުތު ދޭން ކަނޑައަޅާފައި ހުރީ. ރީރަޖިސްޓްރޭޝަނަށް ކަނޑައަޅާފައިވާ މުއްދަތެއް ވެސް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
"އެހެންވެ، އަޅުގަނޑުމެން އީސީއަށް ގޮވާލަން އިންސާފުވެރި އިންތިހާބަކަށް މަގުފަހިކޮށްދިނުމަށް."
ކައުންސިލް އިންތިހާބު: އަގު ހުށަހަޅައިގެން ނަން ނަގުވަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ