ލުބުނާންއަށް އިޒްރޭލުން ދެމުންދާ ބޮމުގެ ހަމާލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކަށް ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. އާޓިސްޓު އާބިދު އަލް ކާދިރީ މަސައްކަތްކުރަމުން އަންނަނީ އެ ހަމަލާތަކުގެ ތެރެއިން، ގެދޮރެއް ނެތި ވަގުތީ ހިޔާތަކުގައި ދިރިއުޅެންޖެހިފައިވާ ކުޑަކުދިންނަށް އާޓް މެދުވެރިކޮށް އެހީތެރިވާށެވެ.
ބެއިރޫތަށް އުފަން 'މަލްޓިޑިސިޕްލިނަރީ' އާޓިސްޓު އަލް ކާދިރީއަށް ވަނީ މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ހަތަރު ފަހަރެއްގެ މަތިން ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. އަދި މިދިޔަ މަހު އޭނާގެ ދަރިފުޅާ އެކު ބެއިރޫތުގައި އޭނާގެ ސްޓޫޑިއޯގައި ހުއްޓާ ކައިރީގައި ހުރި ހޮޓަލަކަށް ބޮމުގެ ހަމަލާއެއް ދިނެވެ. އޭނާ ބުނިގޮތުގައި އޭގެ ފަހުން އޭނާ އާއި އޭނާގެ އާއިލާ އަންނަނީ އެކި ވަގުތީ ހިޔާތަކަށް ބަދަލުވަމުންނެވެ.
އަލް ކާދިރީގެ އާޓް މަސައްކަތްތަކަށް ހިޔާލު ހޯދަނީ ސިޔާސީ ކާރިސާތަކުންނެވެ. އެގޮތުން 2020ގައި ބެއިރޫތުގެ ބަނދަރު ގޮއްވާލި ހާދިސާ އާއި އިޒްރޭލުން 2023ގައި ގާޒާއަށް ދޭން ފެށި ހަމަލާތަކާއި 2024ގައި ލުބުނާނަށް ދިން ހަމަލާތަކާ ގުޅޭ ގޮތުން އަލް ކާދިރީ އުފައްދާފައިވާ މަސައްކަތްތަކެއް ވެ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން އޭނާ ވަނީ "ޓުޑޭ އައި ވޯންޑް ޓު ބީ އަ ޓްރީ"ގެ ނަމުގައި އިހުސާސުން ފުރިފައިވާ ޗާކޯލް މިއުރަލްތަކެއް އުފައްދާފަ އެވެ.
"އަޅުގަނޑުމެންގެ ވަށައިގެންވާ މުޅި ދުނިޔެ އަނދަމުންދާއިރު، ކުރަހަން ބޭނުންކުރާ ކެންވަސް އަކީ އަޅުގަނޑުމެންގެ ޖަޒުބާތީ އަދި ނަފްސާނީ އިހުސާސުތައް ދައްކާލެވޭނެ ރައްކާތެރި ވަސީލަތެއް. އިހުސާސްކުރެވޭ ހިޔާލުތައް ވެސް އޭގެ ޒަރިއްޔާއިން ދައްކާލެވޭ،" އަލް ކާދިރީ ކިޔައިދިނެވެ. އަދި އޭނާގެ މި ތަޖުރިބާގެ ސަބަބުން ލުބްނާނުގެ ސްކޫލުތަކާއި ސެންޓަރުތަކުގައި ގެދޮރު ގެއްލިފައިވާ ކުދިންނާ އެކު މަސައްކަތް ކުރުމަށް ހިޔާލު ލިބުނު ކަމަށް އޭނާ ބުންޏެވެ.
އަލް ކާދިރީ މިހާތަނަށް ވަނީ ލުބުނާންގެ ގެދޮރު ގެއްލިފައިވާ ކުޑަކުދިންނަށް ހަ ތަނެއްގައި ކުރެހުމުގެ ސެޝަންތަކެއް ބާއްވާފަ އެވެ. އޭގެ ތެރެއިން ބައިސޫރު އޮފިޝަލް ސެކަންޑަރީ ސްކޫލާއި ޗައުއިފާތު ކަލްޗަރަލް އަދި ސޯޝަލް ސެންޓަރަކީ ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތައް ހިޔާވަހިކަން ހޯދާ މަރުކަޒުތަކެވެ. ދިގު ހުދު ކަރުދާސް ރޯލެއްގައި އެ ކުދިން ބޭނުން ގޮތަކަށް ކުރަހައި އެ ކުދިންގެ އިހުސާސުތައް ހިއްސާ ކުރަން ދޫކޮށްލަ އެވެ.
"އެ ހުދު ކަރުދާހަކީ އެ ކުދިން ހާމަ ކުރަން ބޭނުންވާ އިހުސާސުތައް، އެއްވެސް ހުރަހެއް ނެތި ބޭނުންކުރެވޭނެ ރައްކާތެރި ވައިޓް ސްޕޭސްއެއް،" އޭނާ ބުންޏެވެ. އެ ކުރެހުންތަކުން ފެންނަ އެންމެ އާންމު ކަންތައްތަކުގެ ތެރޭގައި ލުބްނާނުގެ ދިދަ އާއި ގުދުރަތީ ތަކެތި އަދި އެ ކުދިން އުޅުނު ގެދޮރުގެ މަންޒަރުތައް ހިމެނެ އެވެ.
"އެ ކުދިން ދިރިއުޅެނީ ވަރަށް އުނދަގޫ ހާލަތެއްގައި. ނިކަމެތި އަދި ހިތާމަވެރި ހާލަތެއްގައި،" އަލް ކާދިރީ ބުންޏެވެ. "އެކަމަކު އެ ކުދިންގެ ކިބައިގައި ހާއްސަ ކަމެއް އެބަހުރި، އެއީ ދަތިތަކުން އަރައިގަނެ އެ ވަގުތުގައި އުފާވެރިކަމަށް ފުރުސަތު ދިނުމުގެ ގާބިލުކަން. އެއީ އުމުރުން ދުވަސްވަމުން އަންނަ ވަރަކަށް އަޅުގަނޑުމެން ކިބައިން ގެއްލިގެންދާ ކަމެއް."
އާޓް ވޯކްޝޮޕްގެ ކޮންމެ ސެޝަނަކަށް ފަހު ކޮންމެ ކުއްޖަކަށް ވެސް ކުލަ އާއި ނޯޓް ފޮތްތަކާއި ކުރަހާ ފޮތް އަލް ކާދިރީ ދެ އެވެ. މީގެ އިތުރުން އޭނާގެ އާޓިސްޓު ރަހުމަތްތެރިން މިކަމުގައި ވޮލަންޓިއަރުންގެ ގޮތުގައި އެހީތެރިވާން ގޮވާލަ އެވެ.
އަލް ކާދިރީ ބުނީ މި ޕްރޮޖެކްޓްގައި މިހާތަނަށް 300 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އޭނާ އުއްމީދު ކުރަނީ 1،000 ކުދިންނާ ހަމައަށް ވާސިލުވުމަށެވެ. އޭނާގެ އަމާޒަކީ އެ ކުދިންގެ ކުރެހުންތައް މައުރަޒެއްގައި ދައްކާލުމެވެ. ދެން އެ ކުރެހުންތައް ފޮތެއްގެ ގޮތުގައި ވިއްކައި އެއިން ލިބޭ ފައިސާ އެ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ހަދިޔާ ކުރުމެވެ.
އަބީދު އަލް ކާދިރީ: ލުބުނާންގެ ގެދޮރު ގެއްލިފައިވާ ކުޑަކުދިންނަށް ލުޔެއް ގެނެސްދޭ އާޓިސްޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ