އައްމަޓީގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޕާސްޕޯޓް ހިފަހައްޓައިފި

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން، މަކަރާއި ޙީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ސީލައިފްގެ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ)ގެ މައްޗަށް އުފުލި ދައުވާތައް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ބުނީ އައްމަޓީގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 42 ދައުވާ ސާބިތު ނުވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ.އެ އޮފީހުން ހައިކޯޓުގައި އެދިފައިވާނީ އެ މައްސަލައިގެ ހެކި ގަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެއީ މަދަނީ ތަބީއަތުގެ މައްސަލައެއް ކަމަށް ކޯޓުން ކަނޑައަޅާފައި ވަނީ އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް މާނަކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.އަދި، މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އައްމަޓީ ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ހައިކޯޓަށް ހުށަހެޅުމުން، އިއްޔެ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ. ސީލައިފް މައްސަލައިގެ ތަހުގީގު މަރުޙަލާގައި އަންމަޓީ ފިލައިގެން ސްރީލަންކާގައި އުޅެނިކޮށް، 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފައިވަނީ 2021 ވަނަ އަހަރުގެ މާރިޗު މަހުގަ އެވެ. އޭގެ ފަހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމާއި، ޞިއްޙީ ސަބަބުތަކަށްޓަކައި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އެތައް މަރުޙަލާތަކެއް ކޯޓުތަކުގައި ހިނގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ