އެއްކޮށް ބާއްވަންވީ މަޖިލީހާއި ކައުންސިލްގެ އިންތިޚާބު، އެހެންނޫނީ ޚަރަދު ކުޑަކުރުމުގެ ވާހަކަ ދެކޮޅު ނުޖެހޭ: އުމަރު
މައި ދެ އިންތިޚާބު ކަަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުގެ ބަދަލުގައި، މަޖިލިސް އިންތިޚާބާއެކު ބާއްވަންވީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ. މި ސަރުކާރުން އަންނަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ރުހުން ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދެ އިންތިޚާބު އެއްކޮށް ބާއްވަން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރުމަށް ފަހު، އެކަމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ވަނީ ތައްޔާރުވެފައެވެ. އެކަމާ ގުޅޭ ގޮތުން އުމަރުގެ ޚިޔާލު އެކްސްގައި ފާޅުކުރައްވަމުން ވިދާޅުވީ، ތިން އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ދެ އިންތިޚާބެއް އޮންނަ ގޮތަށް ބަދަލުކުރުމަކީ އޭނާ ވެސް ތާއިދުކުރައްވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެއްކޮށްލަންވާނީ އެންމެ މުހިންމު ދެ އިންތިޚާބެއް ނޫން ކަމަށާއި އެއްކޮށްލަންވާނީ އެންމެ ކުޑަ ދެ އިންތިޚާބު ކަމަށް އުމަރު ވިދާޅުވިއެވެ. އެއީ މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް އޭނާ ވިދާޅުވިއެވެ. https://x.com/umarnaseermv/status/2038227594097942915 އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެ ބޮޑު އިންތިޚާބު ކަމަށެވެ. އަނެއް ދެ އިންތިޚާބަކީ ވަކިވަކި ދާއިރާތަކާ ގުޅުންހުރި އިންތިޚާބުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. "ޚަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިޚާބު އެއްކުރުމަށް ފަހު އެންމެ ކުޑަ އިންތިޚާބު ބޮޑު ޚަރަދު ކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫނެވެ." އުމަރު ވިދާޅުވިއެވެ. އެހެންވެ، އެންމެ ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަށް 'ނޫނެކޭ' ބުނަން އޭނާ ގޮވައިލެއްވިއެވެ. މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ، ލޯކަލް ކައުންސިލް އިންތިޚާބާއެކުގައެވެ. މި ސަރުކާރުން ބުނާ ގޮތުގައި، ދެ އިންތިޚާބު އެކުގައި ބާއްވަން ޖެހެނީ ޚަރަދު ކުޑަ ކުރުމަށެވެ. އެކަމަށް އެމްޑީއޭއާއި އަދާލަތު ޕާޓީގެ އިތުރުން، ޖުމްހޫރީ ޕާޓީންވެސް ތާއިދުކޮށްފައިވެއެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅު ކަމަށް އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ