"ހައުސިން ޔުނިޓްތައް އަޅަން އެއްވެސް ފުނަ ގަހެއް ނުކަނޑާނަން"

ވިލިމާލޭގައި ހައުސިން ޔުނިޓްތައް އަޅާ ސަރަހައްދުގައި ހުރި އެއްވެސް ފުނަ ގަހެއް ކަނޑާނުލާނެ ކަމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީގެ ޗެއާމަން މުޙައްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ވިލިމާލޭގައި ހިންގާ 300 ހައުސިންގ މަޝްރޫޢު ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއަށެވެ. މި މަޝްރޫއުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރުސީސީގެ ޗެއާމަން އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނާޡިމް ވިދާޅުވީ، މި ސަރުކާރަކީ ތިމާވެއްޓާ ރައްޓެހި އަދި ތިމާވެށީގެ ކަންކަން ދެނެގަނެގެން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ.
"އަޅުގަނޑުމެން މި ޕްރޮޖެކްޓް ނިމިގެންދާއިރު މި ރަށުގައި ވަކިން ހާއްސަކޮށް މިތަނުގައި ހުރި އެއްވެސް ފުނަ ގަހެއް ކަނޑައެއްނުލާނެ. އެއްވެސް ފުނަގަހެއް ކަނޑާނުލާ އިރާދަކުރެެއްވިއްޔާ މި ރަށުގައި 300 ހައުސިންގ ޔުނިޓު އަޅާނީ،" ނާޡިމް ވިދާޅުވިއެވެ.
ވިލިމާލޭގައި ތަރައްޤީކުރާ މި މަޝްރޫޢުގެ ދަށުން 17 ބުރީގެ ތިން އިމާރާތް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތްތަކަކީ ދިވެހިން ފަރުމާކޮށް، ދިވެހި އިންޖިނިއަރުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަޝްރޫޢެއްކަން ނާޡިމް ފާހަގަކުރެއްވިއެވެ. އަދި މިތަން ފަރުމާކޮށްފައިވަނީ އިމާރާތްކުރުމާއި ބެހޭ ވުޒާރާގެ ލަފާގެ މަތިން، އެހެން ފްލެޓުތަކުން ނުލިބޭނެ ފަދަ ގިނަ ޚިދުމަތްތަކަކާއެކުގައެވެ. އެގޮތުން 900 އަކަފޫޓުގެ ތަނަވަސް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ބެޑްލިފްޓާއި، ކުނި އުކާލެވޭނެ ނިޒާމު ފަދަ ފަސޭހަތައް ހިމެނޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރުކަންވެސް މިހާރު ކުރައްވަމުންގެންދަވާ ނާޡިމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތި ލިބުމުގެ ދަތިކަން ހުރި ނަމަވެސް، ސަރުކާރުގެ އިރުޝާދާއެކު މި މަޝްރޫޢަށް ބޭނުންވާ ސާމާނު ހޯދުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ކަމަށެވެ.
"މިކަމަށް ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާ. މި މަސައްކަތާއި ގުޅިގެން އަޅުގަނޑަކަށް ގަބޫލެއް ނުކެރެވޭ މި ޕްރޮޖެކްޓު ކުރިއަށްދާއިރު މެޓީރިލްސް ލިބުމާއި މިކަހަލަ އެއްވެސް ކަމެއް ދިމާވެދާނެ ކަމަކަށް. އެއީ ރައީސް އެެކުލަވާލާފައިވާ ކޮމިޓީން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ މި ޕްރޮޖެކްޓު ބާރަށް ކުރިއަށްގެންދިއުމަށް އެއްވެސް ކަހަލަ މައްސަލައެއް ދިމާނުވާނެކަން. ވަކިން ހާއްސަކޮށް މެޓީރިލް ލިބުމުގައި"ނާޡިމް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް 24 ގަޑިއިރު ދެ ދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ. އަދި ގާތްގަނޑަކަށް 400 އެއްހާ މުވައްޒަފުން މި މަސައްކަތުގައި އުޅޭނެ ކަމަށް ލަފާކުރެވޭއިރު، ބީއެމްއެލްގެ އަމާޒާއެއްގޮތަށް 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ނާޡިމް ވަނީ ދެއްްވާފައެވެ.
ނާޡިމް ވިދާޅުވީ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އިޤްތިޞާދީ ގޮތުން ބޮޑެތި ނަފާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އާރުސީސީއާ ހަވާލުކުރެވިފައިވާ އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި 55 ކައުންސިލް އިމާރާތް ކުރުން ފަދަ މުހިންމު މަސައްކަތްތައް ހިމެނޭކަމަށާއި، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާކަން ނާޡިމް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ