އުކުޅުވަޅު ހުޅުގެ ކަށިތަކަށް ފަރުވާދޭ ސާޖަރީގެ ފަހުގެ ޓެކްނޮލޮޖީ އައިޖީއެމްއެޗުގައި

އުކުޅުވަޅު ހުޅުގެ ހަލާކުވަމުންދާ ކަށިތަކަށް ފަރުވާ ދިނުމަށް، 'ކޯ ޑިކޮމްޕްރެޝަން' ސާޖަރީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ތަޢާރަފު ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްސާކުރި ޕޯސްޓެއްގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ފަރުވާގައި ޚާއްސަ އާލާތްތަކެއް ބޭނުންކޮށްގެން ހަލާކުވަމުންދާ ކަށި ސާފުކުރުމަށްފަހު، "ބޯން ގްރާފްޓް" އަދި "ޕީ.އާރު.ޕީ" މެދުވެރިކޮށް އާ ކަށި އުފެއްދުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. މިއީ، 'މިނިމަލީ އިންވޭސިވް' ނުވަތަ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފައިގެން ކުރިއަށްގެންދާ ސާޖަރީއަކަށް ވުމުން، ބަލި މީހާ އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، ފަރުވާއަށްފަހު އަވަހަށް ފަސޭހަވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ވިދާޅުވިއެވެ.
މި ޚިދުމަތް ތަޢާރަފު ކުރުމުގައި ދަރުމަވަންތަ ހޮސްޕިޓަލް އަދި އައިޖީއެމްއެޗުގެ ކަށީގެ ބަލިތަކާބެހޭ ޑިޕާޓްމަންޓުގެ ހީވާގި ޑޮކްޓަރުންނާއި، ނަރުހުން އަދި ޓެކްނިކަލް މުވައްޒަފުންގެ އިތުރުން މިކަމުގައި ބައިވެރިވި ހުރިހާ މުވައްޒަފުން ކުރެއްވި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ، ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށް ސީއީއޯ ވަނީ ވިދާޅުވެފައެވެ.
މީގެކުރިން ލިބެން ނެތް ގިނަ ޚިދުމަތްތަކެއް ދަރުމަވަންތަ ހޮސްޕިޓަލްގައި ދަނީ ތަޢާރަފް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗު އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ލޮލުގެ ފަރުވާއަށް ޚާއްސަ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތްވެސް ރަސްމީކޮށް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ