ބުރުނު ޝިކާރުގައި މިފަހަރު އަލަށް ''ޖޫނިއާ އަންހެން ޑިވިޝަން'' ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ ބޮޑީބޯޑިންގް ތާރީޚުގައި އަލަށް ޖޫނިއާ އަންހެން ޑިވިޝަން ތައާރަފުކޮށް، ދާދިފަހުން ފެށި "ބުރުނު ޝިކާރު ބޮޑީބޯޑިންގް ޗެލެންޖް 2026'' ފަށައިފިއެވެ. މިއީ ރާއްޖޭގެ ބޮޑީބޯޑިންގްގެ ތާރީޚުގައި މި ޑިވިޝަން ހިމެނުނު ފުރަތަމަ ފަހަރެވެ. މި މުބާރާތަކީ ރާއްޖޭގައި އެންމެ ދިގު މުއްދަތަކަށް ބާއްވަމުން އަންނަ ބޮޑީބޯޑިންގް ސިލްސިލާގެ 8 ވަނަ އެޑިޝަނެވެ. އޭޕްރީލް 26 އިން މެއި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ކުރިއަށްދާ މި މުބާރާތަކީ، 2026 ވަނަ އަހަރުގެ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިންގް ލީގު ހުޅުވައިދޭ ރަސްމީ މުބާރާތެވެ. މޯލްޑިވްސް ބޮޑީބޯޑިންގް އެސޯސިއޭޝަން (އެމްބީބީއޭ) އިން ފާހަގަކުރާ ގޮތުގައި، މިއަހަރު އަލަށް ތައާރަފުކުރި ޖޫނިއާ އަންހެން ޑިވިޝަނުގައި 10 އެތުލީޓުން ވާދަކުރެއެވެ. މިއީ 2022 ވަނަ އަހަރު އަންހެން އޯޕަން ޑިވިޝަން ތައާރަފުކުރުމަށްފަހު، މި ކުޅިވަރުން އަންހެން އެތުލީޓުން ކުރިއެރުވުމަށް އެސޯސިއޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ އެސޯސިއޭޝަނުން ދެކެއެވެ. މިއަހަރުގެ ބުރުނުޝިކާރު މުބާރާތުގެ ޕޯސްޓަރު-- ''މި ނިންމުމަކީ އަންހެން ކުދިން ބޮޑީބޯޑިންގްގައި ބައިވެރިވުމަށް ހިތްވަރުދީ، މި ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް'' އެމްބީބީއޭގެ ބަޔާނުގައިވެއެވެ. މި އަހަރުގެ ބުރުނު ޝިކާރު މުބާރާތުގައި ޖުމްލަ 35 އެތުލީޓުން ހަތަރު ޑިވިޝަނެއްގައި ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ 21 އެތުލީޓުން ވާދަކުރާ މެންސް އޯޕަން ބަޔާއި، 8 އެތުލީޓުންގެ ޖޫނިއާ މެން ބަޔާއި، 9 އެތުލީޓުންގެ ޑްރޮޕްނީ ބައިގެ އިތުރުން އަލަށް ތައާރަފުކުރި ޖޫނިއާ އަންހެން ބައެވެ. މި މުބާރާތަށް 1700 ރޭންކިންގް ޕޮއިންޓް ކަނޑައެޅިފައިވާއިރު، މިއީ ސީޒަނުގެ ނިމުމުގައި ލީގު ޗެމްޕިއަން ހޮވުމަށް ބޭނުންވާ ޕޮއިންޓްތަކުގެ ތެރެއިން މުހިންމު ބައެކެވެ. 2026 ވަނަ އަހަރުގެ ލީގުގައި ޖުމްލަ ތިން މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުރީ އަހަރުގެ ކާމިޔާބީތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ މުބާރާތުގައި މެންސް އޯޕަން ބައިން އެއްވަނަ ހޯދީ އާމިން އުމަރު މޫސާއެވެ. ޖޫނިއާ މެން ބައިން އިޔާން އަހުމަދު އެއްވަނަ ހޯދިއިރު، ޑްރޮޕްނީ ބައިގެ ޗެމްޕިއަނަކީ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. މޯލްޑިވްސް ބޮޑީބޯޑިންގް އެސޯސިއޭޝަނަކީ ރާއްޖޭގެ ބޮޑީބޯޑިންގް ކުރިއެރުވުމަށްޓަކައި، ގްރާސްރޫޓް ފެންވަރުގައި އެތުލީޓުން ބިނާކޮށް، ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި މިހާތަނަށް ފާހަގަކޮށްލެވޭ ގިނަ މަސައްކަތެެއް ކޮށްފައިވާ، އަދި މިހާރުވެސް ކުރަމުން އަންނަ އެސޯސިއޭޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ