ކުރީގެ ރައީސް ނަޝީދު އާއި އެމްޑީޕީގެ ރައީސް، ޝާހިދު ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ބައްދަލުކުރައްވައިފި އެވެ.އެ ދެ ބޭފުޅުން ބައްދަލުކުރައްވާފައި ވަނީ ޝާހިދުގެ ގެކޮޅު ހ. ރަބީއު ވިލާގަ އެވެ.މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.ޝާހިދު އާއި ނަޝީދު ބައްދަލުކުރައްވާފައި މިވަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުންތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތަކެއް ކުރުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. ޝާހިދު އާއި ނަޝީދުއަކީ ވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ދެ ބޭފުޅުންނެވެ.އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކާއެކު ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައި ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތްތަކެއް ކުރެއްވުމަށް ފަހު ނަޝީދު އާއި އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން އެނބުރި އެމްޑީޕީއާ ގުޅުނީ މިދިޔަ ޖޫން މަހު އެވެ.ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ބޮޑަށް މަސައްކަތް ކުރައްވަނީ މިދިޔަ މަހު އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލްގެ ޓީމާ އެކުގަ އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އާއި ވެސް ނަޝީދު ބައްދަލުކުރައްވާނެ އެވެ. އެ ބައްދަލުވުން ވެގެން ދާނީ، 2023 ވަނަ އަހަރަށްފަހު އެ ދެ ބޭފުޅުން ބައްދަލުކުރައްވާނެ ފުރަތަމަ ބައްދަލުވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ