ހދ.ކުޅުދުއްފުށި ސިޓީގައި ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމަށް ފެށި މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ނިމޭނޭކަމަށް އެމްޑަބްލިއުއެސްސީން ހާމަކޮށްފިއެވެ.
އެމްއެމްޓީވީގައި ވާހަކަދައްކަވަމުން ޤައުމީ ފެން ކުންފުނީގެ މޭނެޖިންގް ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ހަކަތައިގެ ގޮތުގައި ޑީސަލް އަންދައިގެން ކުޅުދުއްފުށީގައި ފެނުގެ ހިދުމަތް ދިނުމުގެ ބަދަލުގައި އެ ހިދުމަތް ސޯލާ ހަކަތަ ބޭނުންކޮށްގެން ދިނުމަށް ފެން ކުންފުނިން ފަށާފައިވާ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުޅުދުއްފުށީގައި ފެނުގެ ހިދުމަތް ދޭން ފަށާއިރު، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ނިމޭނޭކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ މިދިޔަ އަހަރު ޖަޕާނު ސަރުކާރުގެ އެހީގައި ފެށި މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ޖާގަހުރި ރަށްރަށުގައި ކަމަށެވެ.
މަތީން ވިދާޅުވީ ޑީސަލްގެ ބަދަލުގައި ފެން އުފެއްދުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުން ކުންފުނީގެ ހަރަދުތައް ކުޑަކުރެވި އެތައް ގޮތަކުން ފައިދާތައް ލިބިގެންދަކަމަށެވެ. އެގޮތުން ކާރިސާއެއް ފަދަ ހާލަތެއް ކުރިމަތިވިނަމަވެސް ފެނުގެ ހިދުމަތް ކަށަވަރު ކުރެވިގެންދާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޭރުން އެއްޗެއް ނުގެނެވިގެން ދަތުރު ނުކުރެވިގެން ދަތުރުފަތުރު ހުއްޓިގެން ހިދުމަތަށް ބުރޫއެރުމުގެ ފުރުސަތު ކުޑަވާނެ. ދެން އަނެއްކާ ތެޔޮ އަންދާ ވަރު މަދުވާނެ. ތެލަށް އަޅުގަނޑުމެން މި ހަރަދުކުރާ ޑޮލަރުގެ އަދަދު މަދުވެގެންދާނެ. އެހެންވީމަ އެތައް ބައިވަރު ފައިދާއެއް ހުރި ކަމެއް މިއީ
މަތީން ވިދާޅުވިއެވެ
މަތީން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް ރ.ދުވާފަރުގެ އިތުރުން މާފުށީގައިވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. ޖާގައިގެ ދަތިކަމާހުރެ މާލޭގައި މިކަން ކުރިއަށްނުގެންދެވުނު ނަމަވެސް، އިތުރު ހޯދުންތައް ހޯދައި މުސްތަގްބަލްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެނުގެ ހިދުމަތް ދިނުމަކީ ޤައުމީ ފެންކުންފުނީގެ ތަސައްވުރެއްކަމަށްވެސް މަތީން ވަނީ ފާހަގަކުރައްވާފައެވެ.
ކުޅުދުއްފުށީގައި ސޯލާ ހަކަތަ ބޭނުންކޮށްގެން ހިންގާ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފައްދައިދޭނޭ ޑީސެލިނޭޝަން ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރެވިގެންދާއިރު، ނިޒާމުގެ ޔަގީންކަން ކަށަވަރުކުރުމަށް، 1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުއަށް އެމްޑަބްލިއުއެސްސީން 46 އިންސައްތަ ހަރަދުކުރާއިރު އަނެއްބައި ހަރަދުކުރަނީ ޖަޕާން ސަރުކާރާއި، ކެނެޑޭވިއާއިންނެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ޖަޕާނާއި އެމްޑަބްލިއުއެސްސީން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
އިޔާދަކުރަނިވި ހަކަތައިގެ އެހީގައި ކުޅުދުއްފުށީގައި ފެން އުފައްދަން ފެށި މަސައްކަތް ނިމެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ