ގޫގުލް ޕިކްސެލް 11 ޕްރޯ ފޯލްޑްގެ ފަރުމާ ލީކުވެއްޖެ، ކެމެރާ މޮޑިއުލްއަށް ބޮޑު ބަދަލެއް!

ގޫގުލްގެ ކުރިއަށް އޮތް ފޯލްޑަބަލް ފޯނު، "ޕިކްސެލް 11 ޕްރޯ ފޯލްޑް"ގެ ފަރުމާ ދައްކައިދޭ ކޮމްޕިއުޓާ އެއިޑަޑް ޑިޒައިން (ސީއޭޑީ) ރެންޑާތަކެއް އިންޓަނެޓުގައި އާންމުވެއްޖެއެވެ. މަޝްހޫރު ޓިޕްސްޓަރު "އޮންލީކްސް" އާއި "އެންޑްރޮއިޑް ހެޑްލައިންސް" ގުޅިގެން އާންމުކޮށްފައިވާ މި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ފޯނުގެ ބޭރުގެ ކެމެރާ މޮޑިއުލްއަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. މިދިޔަ އޮގަސްޓް މަހު ނެރުނު ޕިކްސެލް 10 ޕްރޯ ފޯލްޑާ ޚިލާފަށް، އާ ފޯނުގެ ފަހަތުގައި އިންނަ ކެމެރާ އައިލެންޑްގައި ހިމެނެނީ ކެޕްސޫލް ބައްޓަމުގެ (ޕިލް-ޝޭޕްޑް) ދެ މޮޑިއުލްއެވެ. އަދި ފޯނުގެ ފްލޭޝް ލައިޓް މިފަހަރު އިނީ ކެމެރާ ގޮޅީގެ ބޭރުގައި، ފޯނުގެ މަތީ ކަނުގައެވެ. މީގެ އިތުރުން، ކުރިން ކެމެރާ އައިލެންޑުން ބޭރުގައި ހުރި ސެކަންޑަރީ މައިކްރޯފޯން ވެސް މިހާރު ވަނީ ކެމެރާ ގޮޅީގެ ތެރެއަށް ބަދަލުކޮށްފައެވެ. ލީކްކޮށްލައިފައިވާ ބައެއް ފޮޓޯ --- މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ އޭގެ ބޯމިނެވެ. ރިޕޯޓްތައް ބުނާގޮތުން ޕިކްސެލް 11 ޕްރޯ ފޯލްޑް ވާނީ ކުރީގެ ފޯނަށްވުރެ ތުނި ފޯނަކަށެވެ. އެގޮތުން ފޯނު ހުޅުވާލައިގެން ހުންނައިރު ބޯމިނުގައި ހުންނާނީ 4.8 މިލިމީޓަރެވެ. އަދި ފޯނު ލައްޕާލާފައި އޮންނައިރު ހުންނާނީ 10.1 މިލިމީޓަރެވެ. މިއީ ޕިކްސެލް 10 ޕްރޯ ފޯލްޑާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ފޯނުގެ ސްކްރީނަށް ބަލާއިރު، ބޭރު ސްކްރީނުގެ މެދުގައި ސެލްފީ ކެމެރާ އިންނަ އިރު، އެތެރޭގެ ބޮޑު ސްކްރީނުގެ ސެލްފީ ކެމެރާ އިނީ ކަނާތްފަރާތު މަތީގައެވެ. ޓެކްނިކަލް މައުލޫމާތަށް ބަލާއިރު، މި ފޯނުގައި ބޭނުންކުރާނީ ގޫގުލްގެ އަމިއްލަ 3 ނެނޯމީޓަރުގެ "ޓެންސަރ ޖީ5" ޗިޕްސެޓެވެ. މިއީ ޕިކްސެލް 10 ސީރީޒްގައި ވެސް ބޭނުންކޮށްފައިވާ ޕްރޮސެސަރެވެ. މީގެ އިތުރުން، ކެމެރާ ސިސްޓަމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސް، މި އަހަރުގެ ފަހުކޮޅު މި ފޯނު ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ. މިދިޔަ އަހަރު ނެރުނު ޕިކްސެލް 10 ޕްރޯ ފޯލްޑްގައި ހިމެނެނީ 48 މެގަޕިކްސެލްގެ މައި ކެމެރާއަކާއި، 10.5 މެގަޕިކްސެލްގެ އަލްޓްރާވައިޑް އަދި 10.8 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ