ރައީސް މުއިއްޒުގެ ސަރުކާރަށް ގައުމު ދިން ބަޔަކަށް ދެން ފުރުސަތެއް ނުލިބޭނެ: އާދަމް އާޒިމް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރަށް ފުރުސަތު ދިން، ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް އަލުން އެމްޑީޕީގައި އިތުރު ފުރުސަތެއް ދެން ނުދެވޭނެ ކަމަށް މާލޭ މޭޔަރުކަމަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ. އަންނަ ހަފުތާ ހުކުރު ދުވަހު އޮންނަ ޕްރައިމަރީއަށް ކެމްޕޭން ކުރެއްވުމަށް ބޭއްވި ކެމްޕޭން ޖަލްސާގައި އާދަމް އާޒިމް ވަނީ އޭނާއާ ވާދަކުރައްވާ، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އަލީ އާޒިމަކީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގައި އުޅުއްވައި، އެމްޑީޕީގެ ކެންޑިޑޭޓް އެއިރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި، އަލުން މިދިޔަ އަހަރުގެ ތެރޭ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އާދަމް އާޒިމް ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް ޑިމޮކްރެޓްސް ހައްދަވައި އެ ޕާޓީއަށް ވަޑައިގެންނެވި ބޭފުޅުން ގާތު، އެ ފަދައިން ކަން ނުކުރައްވަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ކަމަށެވެ. އަދި، މިހާރުގެ ޕީއެންސީ ސަރުކާރުގެ އަތްމައްޗަށް ގައުމު ނުދޭން އެތައް ފަހަރަކު ގޮވާލެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެ މީހުންގެ އަތްމަތީ މި ގައުމު އޮއްވައި. އެމްޑީޕީން އަނބުރާ މި ގައުމު ރައްޔިތުންނަށް ދިނީމާ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ނުކުމެ އެ މީހުންގެ އަތްމައްޗަށް މި ގައުމު ދިނީމާ މިއަދު މި ހާލަތު ޖެހިގެން މި އުޅެނީ. އަޅުގަނޑުމެން އާދޭސްކުރިން. ރުއިން. އެހެން ނުހަދާށޭ،" އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ފަދައިން އާދޭސްކޮށް ގޮވާލެއްވީ، އެހެން ކަންވެއްޖެ ނަމަ ރައްޔިތުންނަށް ޖެހޭނެ ހާލު އެނގިލައްވާތީ ކަމަށެވެ. މިއަދު އެ ކަން ރައްޔިތުން ތަހައްމަލުކުރަމުން އަންނަ ކަމަށާއި ދަރިވަރުންގެ ސްކޮލަޝިޕްތައް ކެންސަލްވެ، ބޭސް ނުލިބޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އޭނާއަކީ މިދިޔަ އެމްޑީޕީ ސަރުކާރުގައި އިސް މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި އެ ސަރުކާރުގައި ދިމާވި ކޮވިޑުގެ ބަލިމަޑުކަމުގައި ވެސް މިފަދަ ދަތިކަމެއް ރައްޔިތުންނަށް ދިމާނުވާކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މިއަދު އިސްރާފު ބޮޑު ސަރުކާރެއް ގައުމާ ހަވާލުވުމުން ގައުމު އޮތީ ވަރަށް ހާލުގައި ކަމަށް ވިދާޅުވިއެވެ. އެއާއެކު އާޒިމް ވިދާޅުވީ، ދެން މި ސަރުކާރު ގެންނަން މަސައްކަތް ކުރި ބޭފުޅުންނަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެ ކަމަށެވެ. އާޒިމް ވިދާޅުވީ، އޭނާއަކީ އަބަދު ވެސް އެމްޑީޕީއަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށާއި އެއީ އެ ޕާޓީއަކީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ފިކުރެއް އޮތް ހަމައެކަނި ޕާޓީއަށް ވެސް ވާތީ ކަމަށެވެ. "ރައްޔިތުންނަށް ހެޔޮ އެދޭ ފިކުރެއްގެ ޕާޓީއަކީ މި ޕާޓީ،" އޭނާ ވިދާޅުވިއެވެ. އަލީ އާޒިމާއި، އާދަމް އާޒިމާ ދެމެދު ވަރަށް ވާދަވެރި ކެމްޕޭނެއް އަންނަނީ ކުރަމުންނެވެ. މާލޭގެ މޭޔަރުކަމަށް އާޒިމް ވަޑައިގެންނެވީ ކުރިން މޭޔަރުކަމުގައި ހުންނެވި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކޮށްގެންނެވެ. އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ