ހުޅުމާލެ 3: ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 55 ހެކްޓަރުގެ ބިން ހިއްކައި މަޝްރޫއުގެ 87 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ހިއްކައި ފަރުކޮޅުފުއްޓާ މިހާރު ވަނީ ގުޅުވާލައިފަ އެވެ.މަޝްރޫއުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު އަލުން މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު 10 ގަ އެވެ.އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއޭސީއެލުން ބުނީ މިހާތަނަށް 55 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށާއި އެއީ އެތަނުން ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ 87 ޕަސެންޓް ކަމަށެވެ.ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކައި ނިމުމުން، އެ ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށެވެ. އެތަން ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ ކަމަށް ލަފާ ކުރެއްވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، މިހާރު ބޭނުންކުރާ ބޮޑެތި ޑްރެޖަރުތައް ދެން މިސްރާބު ޖަހާނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތަށެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ހައްލުކުރުމަށްޓަކައި ސަރުކާރުން ދަނީ ރަސްމާލެ، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ގުޅިފަޅު ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ