ކޮންމެ އަހަރަކު ސިޔާސީ މުވައްޒަފުންގެ ޕާޕޮމަންސް ބަލާ، މި އަހަރުގެ ބައި މިހާރު ކުރިއަށް އެބަދޭ: ތަރުޖަމާނު

ކޮންމެ އަހަރަކު ވެސް ސިޔާސީ މުވައްޒަފުންގެ ޕާފޮމަންސް ބެލުމަށް ސަރުކާރުން އެސެސްމަންޓެއް ކުރިއަށްގެންދާ ކަމަށާއި މި އަހަރުގެ އެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ވެރިކަންކުރާ ޕާޓީގެ ހިދުމަތްތެރިންނާއި ހަރަކާތްތެރިންނަށް ސިޔާސީ ވަޒީފާ ދިނުމަކީ މި ގައުމުގައި އޮތް ސަގާފަތެކެވެ. މި ސަރުކާރުގައި ވެސް 1000އަށް ވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަން ފެންނައިރު މި ކަމަށް ކުރާ ހަރަދާއި ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދު އަދާހަމަކޮށް ހާމަނުކުރާތީ މީހުންގެ ފާޑުކިއުން ވެސް ބޮޑެވެ.
ތަފްސީލް - ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ވަކި އަދަދަކަށް ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.
ސަރުކާރުގެ މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ ފެންވަރު ބެލުމަށް އެސެސްމަންޓެއް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ މާލީ ގޮތުން ފައިސާ ރައްކާކުރުމުގެ ވިސްނުމުގައި ވަކި އަދަދަކަށް މުވައްޒަފުން ވަކިކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
"ވަކި އުސޫލެއްގައި ވަކި ފޯމެއްޓައި ކަރުދާހެއް ހުށަހަޅައިގެން ސުވާލުތަކެއް ވެސް ހިމެނޭ ގޮތަށް ސިޔާސީ މުވައްޒަފުންގެ މަސައްކަތް ބަލާފައި އެބަހުރި ހުސްވި އަހަރު ވެސް. ކޮންމެ އަހަރަކު ވެސް ހާއްސަކޮށް ސިޔާސީ މުވައްޒަފުން އެސެސްކުރެވޭ،" މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ކުރަނީ ސުޕަވައިޒުކުރާ ނުވަތަ ޕާފޮމަންސް ބަލާ ފެންވަރު ތިބި ބަޔަކާ ހަވާލުކޮށްގެން ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ކަމަށެވެ.
ކޮންމެ އަހަރަކު ވެސް ހިންގާ މި އެސެސްމަންޓްގެ ނަތީޖާއަށް ބަލާފައި ސަރުކާރުން ތިން ފިޔަވަޅެއް އަޅަމުންދާކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ. އެއީ:
މުވައްޒަފުގެ މަސައްކަތް ރަނގަޅުކަމަށް ވަންޏާ ހުރި މަގާމެއްގައި ބެހެއްޓުން
މަސައްކަތް ރަނގަޅު ނޫންނަމަ ވަޒީފާއިން ވަކިކުރުން
މުވައްޒަފުގެ ތަޖުރިބާއަށް ބަލާފައި އެހެން މިނިސްޓްރީއެއްގައި ރަނގަޅަށް މަސައްކަތްކުރެވޭނެ ކަމަށް ބެލެވޭނަމަ އެ މިނިސްޓްރީއަކަށް ބަދަލުކުރުން
"އޭނާގެ މަސައްކަތުގެ ސަބަބުން އެ ވުޒާރާއަކަށް އިތުރު އާރޯކަމެއް ނުލިބެންޏާ ކީއްކުރަން ބަހައްޓަންވީ. ބަހައްޓާނެ ކަމެއް ނެތްތާ. ދެން އިތުރަށް އޭނާ އެ މަގާމަކު ނުބަހައްޓާނަމޭ،" މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ މުވައްޒަފުންނަކީ ވެސް ދައުލަތުގެ ޓެކްސް ފައިސާއިން، ދައުލަތުގެ ބަޖެޓުން މުސާރަ ދެވޭ ބަޔަކަށް ވާތީ އޭނާއާ ހަވާލުކުރެވޭ މަސައްކަތް އެންމެ އެކަށީގެންވާ ވަރަށް އަދި އެންމެ ބޭނުންވާ ފެންވަރަށް ކުރަމުންދޭތޯ ސަރުކާރުން ބަލަން ޖެހޭނެ ކަމަށެވެ.
ސިޔާސީ ވަޒީފާ ދޭނީ އޭރެއްގެ ވެރިކަންކުރާ ޕާޓީގައި ތިބި އަދި އެ ޕާޓީއަށް ހިދުމަތްކޮށް ވަފާތެރިކަމުގައި ތިބި ބަޔަކަށް ވީ ނަމަވެސް މަސައްކަތްނުކުރާނަމަ ދައުލަތުގެ ބަޖެޓުން މުސާރަ ދީގެން ނުބެހެއްޓޭނެ ކަމަށް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ