މަޝްވަރާތައް ނާކާމިޔާބުވުމުން އެމެރިކާއިން އީރާނާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އީރާނުގެ ބަނދަރުތަކަށް ވަދެނިކުމެވާ އުޅަނދުފަހަރަށް ހުރަސްއެޅުމަށް ކަނޑުގެ ބްލޮކޭޑެއް ގާއިމުކުރާނެކަން އެމެރިކާއިން ރޭ އިއުލާނުކޮށްފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، މި ބްލޮކޭޑް މިއަދު ފަށާނެ އެވެ. އަދި އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ ގައުމެއްގެ އުޅަނދުފަހަރަށް، ވަކި ފަރާތަކަށް ނުޖެހި މި ފިޔަވަޅު ތަންފީޒުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް އީރާން ނޫން އެހެން މަންޒިލްތަކަށް ދަތުރުކުރާ އުޅަނދުފަހަރަށް މީގެ އަސަރެއް ނުކުރާނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިންޒާރު ދެއްވި ގޮތުގައި އީރާނަށް ފީ ދައްކާ އުޅަނދުފަހަރު ހުއްޓުވާނެ އެވެ.
"ގައިރު ގާނޫނީ ފީއެއް ދައްކާ އެއްވެސް ފަރާތަކަށް ކަނޑުމަތީގައި ރައްކާތެރިކަމާ އެކު ދަތުރެއް ނުކުރެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުން ދޭ ކޮންމެ ހަމަލާއަކަށް ބާރުގެ ބޭނުންކޮށްގެން ރައްދުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާނުން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ މަޝްވަރާތަކުގެ ތެރޭގައި ތެހެރާނަށް ކުރިމަތިލާން ޖެހުނީ އިންތިހާ ދަރަޖައިގެ ޑިމާންޑްތަކާއި ބަދަލުވަމުންދިޔަ ޝަރުތުތަކާ އަދި ބްލޮކޭޑާ ކަމަށެވެ. އަދި ހެޔޮ ނިޔަތަށް ލިބޭނީ ހެޔޮ ނިޔަތް ކަމަށާއި ދެކޮޅުވެރިކަމަށް ލިބޭނީ ދެކޮޅުވެރިކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިވޮލިއުޝަނަރީ ގާޑްސްއިން ބުނީ ކަނޑުއޮޅިއާ ކައިރިވާ ބޭރުގެ އަސްކަރީ އުޅަނދުފަހަރާ މެދު އަމަލުކުރާނީ ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފުވުން ކަމަށް ބަލައިގެން ކަމަށެވެ.
މި ނުތަނަވަސްކަން އިތުރުވެފައިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު އުފެދުނު ބޮޑެތި ހިޔާލު ތަފާތުވުންތަކާ ހުރެ މަތީ ފަންތީގެ މަޝްވަރާތައް މެދުކެނޑުމާ ގުޅިގެންނެވެ. ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށާއި ސަރަހައްދީ ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓާލުމަށް އެމެރިކާއިން ކުރި ޑިމާންޑްތަކަށް އީރާނުން ވަނީ އިންކާރުކޮށްފަ އެވެ.
މި މައްސަލައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބުރޫއަރާފަ އެވެ. އެގޮތުން، ތެލުގެ އަގު އުފުލި، ބްލޮކޭޑް ފެށުމުގެ ކުރިން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ މަދުވެފަ އެވެ.
މަޝްވަރާތައް މެދުކެނޑުނު ނަމަވެސް، ދެ ފަރާތުން ވެސް އިތުރު މަޝްވަރާތަކަށް ތައްޔާރަށް ތިބިކަމުގެ އިޝާރާތެއް ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ