ރޯދައަށް 15 މިސްކިތް ހުޅުވައިފި، އިތުރު 19 މިސްކިތް ހުޅުވަން ތައްޔާރުވަނީ
މި ރޯދަމަހަށް މިހާތަނަށް 15 މިސްކިތެއް ހުޅުވައިފައިވާ ކަމަށާއި، ރޯދަމަހުގެ ތެރޭގައި ވެސް ބައެއް މިސްކިތް ހުޅުވައި، ޖުމްލަ 19 މިސްކިތެއް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ, ރޯދަ މަހަށް ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލުކޮށް، 15 މިސްކިތް ހުޅުވައިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މި ރޯދަ މަސް ތެރޭ ވެސް ބައެއް މިސްކިތް ހުޅުވާނެ ކަމަށާއި، ޖުމްލަ 19 މިސްކިތް ހުޅުވާނެ ކަމަށެވެ. އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ބިނާކުރި މިސްކިތްތައް ހިމެނޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން، މާލޭގައި 800 މީހުންނަށް ވުރެ ގިނަ މީހުން ނަމާދުކުރާ މިސްކިތްތަކުގެ، ފިރިހެނުންނާއި އަންހެނުންގެ ނަމާދުކުރާ ބައިތައް އޭސީކޮށް ނިންމައިފައިވާކަން ޝަހީމް ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ރޯދަމަހަށް ނިންމާނެ ކަމަށް، މި އަހަރު ރައީސް ޑރ. މުހައްމަަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޝަހީމް ވަނީ، މި ރޯދަމަހު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ ކަމަށާއި، އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކަށް ބޭރުން ހާފިޒުން ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު، މާލެ ސިޓީގައި 24 މިސްކިތެެއްގައި ދިވެހި ޒުވާން ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ ކަމަށާއި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ރޯދަަމަހުގެ ތިން ވަނަ ހުކުރުގައި ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ވެސް ޒުވާނުން އިމާމުވެ ނަމާދު ކުރާނެކަން ޝަހީމް ފާހަގަކުރެއްވިއެވެ. https://sun.mv/218101 ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ރައީސް ވަނީ، މާލޭގެ މަޖީދީމަގާއި ރަށްދެބައިމަގު ގުޅޭ ކަންމަތީގައި އިމާރާތްކޮށްފައިވާ މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް ހުޅުއްވައިދެއްވައިފައެވެ. އަމިއްލަ ފަރާތެއްގެ ދީލަތި އެހީއެއްގެ ދަށުން ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެ މިސްކިތަކީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ