ދުވަސް ނުފުރާ ވިހައި މަހެއް ނުވާ ކުދިންނަށް ޚާއްސަ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރަކަށް ފައިސަލް
ދުވަސްނުފުރާ ވިހާ ކުދީންގެ ތެރެއިން މަހެއް ނުވާ ކުދިންނަށް މެދުވެރިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ޚާއްސަ، ރާއްޖޭގެ އެންމެ ފުރަތަމަ ނިއުނޮޓޮލޮޖިސްޓް ޑރ. މުޙައްމަދު ފައިސަލް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވަން ފައްޓަވައިފިއެވެ. ނިއޮނޮޓޮލޮޖިސްޓުންނަކީ ދުވަސް ނުފުރާ ވިހާ ކުދިންނަށް މެދުވެރިވާ ސިއްހީ އެކިއެކި ކަންކަމަށް ފަރުވާ ދޭން ޚާއްސަ ޑޮކްޓަރުންނެވެ. މިއީ މި ސަރަހައްދުގައި ވެސް އަދި ދުނިޔޭގައި ވެސް ވަރުން މަދުން ނޫނީ ޑޮކްޓަރުން ޚާއްސަ ނުވާ ދާއިރާއެކެެވެ. "ސަން"އާ ވާހަކަދައްކަވަމުން، ފ. ނިލަންދޫއަށް އުފަން ފައިސަލް ވިދާޅުވީ އަލަށް އުފަންވާ ކުޑަކުދިންނަަށް ދޭ ސިއްހީ ޚިދުމަތަކީ ވަރަށް ކްރިޓިކަލް ޚިދުމަތެއް ކަމަށެވެ. ސަބަބަކީ އެ ކުދީންގެ ހަށިގަނޑާއި އެތެރެ ހަށީގެ ގުނަވަންތައް ހުންނާނީ އެއްކޮށް ފުރިހަމަ ނުވުމެވެ. އެހެންވެ އެއީ ވަރަށް ކުދިކުދި ގުނަވަންތަކެއް ކަމަށް ވުމުން ކަމަށް ފައިސަލް ވިދާޅުވިއެވެ. ޑރ. ފައިސަލް ސްރީލަންކާގެ ފުރަތަހަމަ ނެނޮޓޮލޮޖިސްޓާއެކު -- ޑޮކްޓަރެއްގެ ގޮތުގައި ފައިސަލް މަސައްކަތް ކުރައްވަމުން އަންނަތާ ވިހި އަހަރުވީއިރު، މި ދާއިރާއިން ޚާއްސަވާން އޭނާ ކިޔެވުމުގެ ފުރުސަތު ހޯއްދެވީ ސަރުކާރުގެ ފަރާތުން 2022 ވަނަ އަހަރު ހުޅުވައިލި ތަމްރީނު ފުރުސަތެއްގެ ތެރެއިންނެވެ. ޖުމްލަ ދެ އަހަރަށް ސްރީލަންކާގައި އޮތް މި ތަމްރީނު އޭނާ ފުރިހަމަކުރެއްވީ ރާއްޖޭގައި މި ދާއިރާއިން ޚިދުމަތް ކުރުމުގެ ޝައުގާއެކުގައެވެ. "އެންމެ ކުރީއްސުރެ ވެސް އެންމެ އިންޓްރެސްޓް ހުންނަނީ ނިއުނޮޓެލޮޖީއަށް. އެކަމަކު ފުރުސަތަކީ ވަރަށް ނުލިބޭ އެއްޗެއް ދެއްތޯ. ޚާއްސަކޮށް މީހުން އެހާ މަދު އޭރިއަކަށް ވާތީ. ނިއުނޮޓޮލިޖީ ސާވިސްގައި މި ސަރަހައްދުގައި އަދިވެސް އެހާ އެޑްވާންސް މީހުން ނޫޅޭ،" އޭނާ ވިދާޅުވިއެވެ. ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެސް ދުވަސްނުފުރާ ވިހާ ކުދީންނަށް ދިމާވާ ސިއްހީ އެކި މައްސަލަތަކަށް ފަރުވާ ދިނުމުގެ ނިޒާމެއް އޮތީ ގާއިމްވެފައެވެ. ނަމަވެސް އެއީ އެންމެ އަސާސީ ޚިދުމަތްތައް ލިބޭ ނިޒާމެކެވެ. ޑރ. ފައިސަލް ވިދާޅުވީ ދުވަސް ނުފުރާ ވިހާ ކުދިންނަށް ފަރުވާ ދިނުމުގައި ޖުމްލަ ހަތަރު ލެވެލްއެއް އޮންނަ ކަމަށެވެ. ފުރަތަމަ ލެވެލްއަކީ އެންއައިސީޔޫގައި ފަރުވާ ދިނުމެވެ. ދެވަނަ ލެވެލްއަކީ ދުވަސްނުފުރާ ނަމަވެސް، ވިހަން ދޭ ތާރީޚާ ގާތްކޮށް ވިހައި، ބައެއް ފަރުވާތައް އެޑްވާންސްކޮށް ދޭންޖެހޭ ހާލަތެވެ. އޭގެ ތެރޭ ނޭވާލާން އުނދަގޫވުން ފަދަ ކަންކަމުގައި ވެންޓިލޭޓަރަށް ލުން ފަދަ ކަންކަން ހިމެނެއެވެ. ލެވެލް ތިނަކީ، އެފަދަ ކުދިންގެ ޓެސްޓުތައް ހެދުމަށް ބޭނުންވާ ވަސީލަތްތަކާއި، އެ ނޫން ވެސް ކަންކަން ފުރިހަމަވެފައި ހުރުމެވެ. އޭގެ ތެރޭ ލެބޯޓްރީ ޚިދުމަތްތައް ހިމެނެއެވެ ލެވެލް ހަތަރަކީ، އެ ފަދަ ކުދިންނަށް ދިމާވާ މައްސަލަތަކުގައި ސާޖަރީ ހެދޭނެ ފަދަ އިންތިޒާމުތައް ވެސް ހަމަޖެހިފައި ހުރުމެވެ. މިސާލަކަށް ހިތުގެ މައްސަލައެއް ދިމާވާ ހާލަތުގައި، ވަގުތުން އޮޕަރޭޝަން ކުރެވޭ ފަދަ ވަސީލަތްތައް ހުރުން ވެސް ހިމެނެއެވެ. ޑރ. ފައިސަލް ޖަޔާވަރްދަނާ ހޮސްޕިޓަލުގައި ނަރުހުންނާއި ޑޮކްޓަރުންނާ އެކު -- "އެގޮތަށް ބަލައިކަމަށް ވެއްޖެޔާ ރާއްޖޭގައި ރަށްތަކުގައި އާންމުކޮށް މި ހުންނަނީ ލެވެލް އެކެއް. ލެވެލް ދޭއް ވެސް އަތޮޅު ތެރޭ ނުހުރޭ. މާލޭގައި މި ހުންނަނީ ލެވެލް ދޭއް، ލެވެލް ތިނެއް ވެސް އެއްކޮށް ފުރިހަމަ ނުވޭ. އައިޖީއެމްއެޗުގައި ވެސް ލެވެލް ތިނެއް އެއްކޮށް ފުރިހަމަ ނުވޭ،" ޑރ. ފައިސަލް ވިދާޅުވިއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި، އައިވީއެފް ފަދަ ސިއްހީ އެކި ފަރުވާތަކާއެކު، ދުވަސްނުފުރާ ވިހާ ކުދިން އިތުރު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވާނީ ވެސް އިތުރު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އަލަށް އުފަންވާ ކުދީންނަށް ޚާއްސަ ފަރުވާ ލިބޭނެހެން ނިއުނޮޓޮލޮޖީގެ ފަރުވާގެ ނިޒާމު ތަރައްގީކުރުމަކީ، ގައުމަށް ސިއްހީ ވިސްނުމެއްގެ އިތުރަށް އިގްތިޞާދީ ގޮތުން ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އުންމީދަކީ، މި ޚިދުމަތުގެ މުހިންމުކަން ދެނެގަނެ ރާއްޖޭގައި މި ޚިދުމަތް ފުޅާވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ