ނިޢްމަތެއް ލިބުމުން ޝުކުރުވެރިވުމުގެ މާނައިގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ޝުކުރުވެރިވާކަން ޢަމަލުން ދެއްކުމެވެ.
މިޘާލަކަށް ސަލާމަތް ޞިއްޙަތުގައި ހުންނައިރު ވީހައި ގިނައިން އަޅުކަންކުރުން، ތަނަވަސްކަން ލިބުމުން ވީހައި ގިނައިން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން، ޙަޔާތުގެ ބައިވެރިއަކު ލިބުމުން ލޯތްބާއި އިޙްތިރާމާއިއެކު ދިރިއުޅުން، ދަރިން ލިބުމުން އޯގާތެރިކަމާއިއެކު ގެންގުޅެ ބޮޑުކުރުން މައިން ބަފައިން މުސްކުޅި ވެއްޖެ ނަމަ އެމީހުންނަށް ޚިދުމަތްކުރުން އިތުރުކުރުމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުން ފަދަ ކަންކަމެވެ.
މިއަދުގެ ދުނިޔެއަށް ބަލައިފިނަމަ ނިޢްމަތް ދެއްވެވުމުން މިފަދަ ކަންކަމަށް ސަމާލުކަން ދެނީ ވަރަށް މަދު މީހެކެވެ. ނަތީޖާއަކަށްވެގެންދަނީ ދެއްވެވި ނިޢްމަތް ދާދިއަވަހަށް އެމީހަކާއި ވަކިވެ ދިއުމެވެ. އަދި އެމީހަކަށް ދުނިޔެ އާ އާޚިރަތްވެސް ގެއްލުމެވެ.
ގިނަ ބައެއްގެ ޢާއިލާތައް ވެސް ރޫޅެމުންދަނީ ނިޢްމަތަށް ޝުކުރުވެރި ނުވެވޭތީއެވެ. ބަނގުރޫޓުގެ ފަޤީރުވަމުން ދަނީވެސް ނިޢްމަތްތަކަށް ޝުކުރުވެރި ނުވެވޭތީއެވެ. ޚާޢްޞަކޮށް މައިން ބަފައިންނަށް އެހީތެރިނުވުމާއި ރަޙިމުގެ ގުޅުން ކެނޑުމަކީ މީހާ ފަޤީރުވެ ނިކަމެތިވާ ކަމެކެވެ.
ރަޙިމުގެ ގުޅުން ކެނޑުމަކީ ހަމައެކަނި ވާހަކަ ނުދެއްކުމެއް ނޫނެވެ. އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ނުދިނުމަކީވެސް ރަޙިމުގެ ގުޅުން ކެނޑުމެވެ. ވީމާ ތަނަވަސްކަން ދަމަހައްޓަން ބޭނުންވާ މީހުން ބަޔާން މިކުރި ކަންކަމަށް އިސްކަން ދޭށެވެ. އެއީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން ގިނަ ކުރުމާއި ޙަޔާތުގެ ބައިވެރިއަކު ލިބުމުން ލޯތްބާއި އިޙްތިރާމާއިއެކު ދިރިއުޅުމާއި ދަރިން ލިބުމުން އޯގާތެރިކަމާއިއެކު ގެންގުޅެ ބޮޑުކުރުމާއި މައިން ބަފައިން މުސްކުޅި ވެއްޖެ ނަމަ އެމީހުންނަށް ޚިދުމަތްކުރުން އިތުރުކުރުމާއި އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުން ފަދަ ކަންކަމެވެ. އެކަންކަން ކުރާ މީހާއަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކޮށްދެއްވަވާނެއެވެ. އިން ޝާ ﷲ.
ރަނގަޅަށް ހަނދާންކުރާށެވެ! ނިޢްމަތް މިންވަރު ކުރެއްވެވުމުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ނިޢްމަތަށް ޝުކުރުވެރިވުމެވެ. ނިޢްމަތަށް ޝުކުރުވެރިވުމުގެ އެންމެ މުހިންމު އެއްބައި ގިނަ އަބަކަށް އޮންނަނީ އޮޅިފައެވެ. އެކަމުގެ ނޭދެވޭ އަސަރު ގިނަ ބައަކަށް ކުރެއެވެ. ވީމާ އިތުރަށް ވިސްނައިލާށެވެ!
އެއްވެސް ނިޢްމަތަކީ ދާއިމަށް ލިބިފައި އޮންނާނެ ކަމެއް ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ނިޢްމަތް ލިބުނު ފަދައިން ގެއްލެން ވެސް ގެއްލޭނެއެވެ. ނިޢްމަތް ލިބުމަށްފަހު ގެއްލިގެން ނުދާނީ ހަމައެކަނި ސުވަރުގޭގައެވެ. ދުނިޔެއަކީ ސުވަރުގެ އެއް ނޫނެވެ. ވީމާ ދުނިޔޭގައި ލިބޭ ނިޢްމަތްތައް ގެއްލޭނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. ކަން ހިނގާނެ ގޮތެވެ!
ގޮތް ބަލަން ނުވަތަ އަޖުމަބަލަން ނަމަވެސް ނިކަން ރަޙިމުގެ ގުޅުމަށް ރައްކައުތެރިވެބަލާށެވެ! ވަޒީފާގެކުރިއެރުންވެސް ލިބޭނެއެވެ. އެދޭ ކަންކަންވެސް ޙާޞިލުކުރެވޭނެއެވެ! ތަނަވަސްކަންވެސް އިތުރުވާނެއެވެ! އިން ޝާ ﷲ އެހެނީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ. ރަޙިމުގެ ގުޅުން ކަނޑާ މީހުންނާ ﷲ ތަޢާލާ ގުޅުން ކަނޑުއްވަވާނެތެވެ!
- ޝައިޚް ޙަމްޒާ ޔޫސުފްގެ ދަރުސަކުން
އިޞްލާޙްކޮށްލަމާ!: ދެއްވަވާ ނިޢުމަތް ބޮޑުތަނުން އިތުރުކުރުމުގެ ފުރުޞަތު އޮތްއިރު ގިނަ ބައަކު އަންނަނީ އެފުރުޞަތު ނަގާލަމުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ