ލަންޑަން (ޑިސެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑް ލީގުގައި ޖެހި 100 ވަނަ ގޯލާ އެކު، މެންޗެސްޓާ ސިޓީން 5-4 އިން ފުލަމް އަތުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
ލީގުގެ ދެ މެޗަށް ފަހު ހާލަންޑްގެ ފަރާތުން ފެނުނު ލަނޑުން ސިޓީން ލީޑުނެގި މި މެޗުގައި އެ ޓީމުން ލަނޑު ޖަހާނެ ގިނަ ފުރުސަތު ހޯދި އެވެ. ހާލަންޑް ވަނީ މި މެޗުގައި ޖެހި ލަނޑާ އެކު، ލީގުގައި 111 މެޗުން 100 ގޯލު ޖަހައިފަ އެވެ. ހާލަންޑަކީ އެންމެ މަދުން މެޗު ކުޅެގެން، އެ އަދަދަށް ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެ ގޮތުން، މީގެ ކުރިން ރެކޯޑް އޮތް އެލަން ޝިއަރާ އަށް ވުރެން 13 މެޗު މަދުން ކުޅެ، ހާލަންޑް މި ވަނީ އެ އަދަދަށް ގޯލު ޖަހައިފަ އެވެ.
މި މޮޅާ އެކު، ސިޓީން މި ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އާސެނަލަށް 13 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ސިޓީން މި ވަނީ 14 މެޗުން 28 ޕޮއިންޓް ހޯދައިފަ އެވެ.
ސިޓީން މި މެޗުގައި ތިން ގޯލުގެ ލީޑެއް ނެގި އެވެ. އެއީ، ހާލަންޑްގެ އިތުރުން، ޓިޖާނީ ރައިންޑާސް އާއި ފިލް ފޯޑެން ޖެހި ގޯލުތަކުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެމިލް ސްމިތު ރޯވްގެ ލަނޑުން ފުލަމް އިން އުންމީދެއް ހޯދި މި މެޗުގައި، ދެ ވަނަ ހާފު ފެށިގެން، ފޯޑެން ވަނީ ސިޓީ އަށް އަނެއްކާ ވެސް ތިން ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. އަދި، ޖެެރެމީ ޑޮކޫގެ ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ފުލަމްގެ ސެންޑަ ބާގާ އަތުން ބައިކޮޅަށް ގޯލެއް ވަދެ، ސިޓީން އަނެއްކާ ވެސް ފަރަގު ބޮޑުކުރި އެވެ.
އެކަމަކު، ފުލަމް އިން ފަހުން ތިން ގޯލު ޖަހައި ސިޓީ ހާސްކޮށްލި އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އަލެކްސް އިވޯބީގެ އިތުރުން ސެމުއެލް ޗުކުވޭޒާ ދެ ގޯލެވެ.
ލީގުގައި ރޭ އިތުރު ވަގުތުގެ ތެރޭގައި، ކްރިސްޓިއަން ރޮމޭރޯ ޖެހި އޯވަހެޑް ކިކުން ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ 2-2 އިން ނިއުކާސަލް ޔުނައިޓެޑާ އެއްވަރުވެފަ އެވެ. ބްރޫނޯ ގިމާރޭސް މެޗުގެ 71 ވަނަ މިިނިޓްގައި ނިއުކާސަލަށް ލީޑުނަގައިދިންއިރު، އޭގެ ހަ މިނިޓް ފަހުން، ރޮމޭރޯ ވަނީ ޓޮޓެންހަމް އަށް އެއްވަރުކޮށްދީފަ އެވެ. އަދި، 86 ވަނަ މިނިޓްގައި އެންތަނީ ގޯޑަންގެ ޕެނަލްޓީން ނިއުކާސަލް އަލުން ލީޑުނެގިއިރު، ރޮމޭރޯ ވަނީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި، އޯވަހެޑް ކިކަކުން ލަނޑެއް ޖަހައި، ޓޮޓެންހަމް ސަލާމަތްކޮށްދީފަ އެވެ.
މި ޕޮއިންޓާ އެކު، ޓޮޓެންހަމް، 14 ވަނައިގައި އޮތީ 19 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ނިއުކާސަލް، 13 ވަނައިގައި އޮތީ ވެސް 19 ޕޮއިންޓް ހޯދައިގެންނެވެ. ބޯންމައުތު ދަނޑުގައި 1-0 އިން މޮޅުވި އެވަޓަން ވަނީ 14 މެޗުން 21 ޕޮއިންޓް ހޯދައި، ނުވަ ވަނަ އަށް ޖެހިލައިފަ އެވެ.
ހާލަންޑްގެ 100 ވަނަ ގޯލާ އެކު ސިޓީ އަށް އުނދަގޫ މޮޅެއް ހާލަންޑްގެ 100 ވަނަ ގޯލާ އެކު ސިޓީ އަށް އުނދަގޫ މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ