އެއް ލީޓަރުގެ ޕްލާސްޓިކު ފެން ފުޅި މަނާކުރާ ތާރީހު 2028 އަށް ފަސްކޮށްފި އެއް ލީޓަރުގެ ޕްލާސްޓިކު ފެން ފުޅި މަނާކުރާ ތާރީހު 2028 އަށް ފަސްކޮށްފި

އެއް ލީޓަރުން ފެށިގެން 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖޭގައި އުފެއްދުމާއި އެތެރެކުރުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީހު އަނެއްކާ ވެސް ރައީސް މުހައްމަދު މުއިއްޒު ފަސްކޮށްފި އެވެ.
ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރުގައި ކުރިން އޮތީ މި ސައިޒުތަކުގެ ޕްލާސްޓިކު ފެން ފުޅި އެތެރެކުރުމާއި އުފެއްދުން ޑިސެންބަރު 1، 2025 އިން ފެށިގެން މަނާވާ ގޮތަށެވެ. އަދި ވިއްކުން މާޗު1، 2026 އިން ފެށިގެން މަނާވާ ގޮތަށެވެ.
ނަމަވެސް ރޭ ރައީސް މުއިއްޒު ގަރާރެއް ނެރުއްވައި، އެއް ލީޓަރުން ފެށިގެން 500 މިލިލީޓަރާ ހަމައަށް ހުންނަ ފެންފުޅި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރުން ޑިސެންބަރު 1، 2027 އަށް އަދި ވިއްކުން ޖޫން 1، 2028 އިން ފެށިގެން މަނާވާ ގޮތަށް ކަނޑައަޅާފައިވެ އެވެ.
ގަރާރުގެ 13 ވަނަ މާއްދާގައި މިގޮތަށް ކަނޑައަޅާފައި ވާއިރު، 500 މިލިލީޓަރަށް ވުރެ ކުދި ފެންފުޅި އެތެރެކުރުމާއި އުފެއްދުން، އަދި ވިއްކުން މިހާރު ވެސް އޮތީ މަނާކޮށްފަ އެވެ.
ޕްލާސްޓިކު ފޭސް އައުޓް ކުރުން ނުވަތަ މަނާކުރުމުގެ ޕްރޮގްރާމް ހިންގަން ފެށީ ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އެ ގާނޫނުގައި އޮންނަ ގޮތުން މަނާވާނެ ޕްލާސްޓިކުގެ ބާވަތްތަކާއި ތާރީހުތައް ކަނޑައަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕްލާސްޓިކް މަނާކުރުމުގެ ގަރާރުގެ ދަށުން މިހާތަނަށް ބޭނުންކުރުން ހުއްޓާލާފައިވާ 13 ބާވަތުގެ ތެރޭގައި ކުދި ކޮތަޅާއި، ސުޕާރީ، އެންމެ ކުދި ފެން ފުޅީގެ އިތުރުން ކާތައްޓާއީ ޖޫސް ޕެޓީ ކޮތަޅު ފަދަ އެއްޗެހި ހިމެނެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުން ފެށިގެން މަނާކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ