ރެއާލް އެއްވަރުވުމުގެ ފައިދާ ބާސެލޯނާ އިން ނަގައިފި ރެއާލް އެއްވަރުވުމުގެ ފައިދާ ބާސެލޯނާ އިން ނަގައިފި

ވީގޯ، ސްޕެއިން (ނޮވެމްބަރު 10) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ރެއާލް ވަޔެކާނޯއާ 0-0 އިން އެއްވަރުވުމުގެ ފައިދާނަގައި، ބާސެލޯނާ އިން 4-2 އިން ސެލްޓަ ވީގޯ ބަލިކޮށް ފަރަގުކުޑަކޮށްފި އެވެ.
މި ހަފްތާގެ މެޗުތަކުގެ ނަތީޖާ އަށް ފަހު ރެއާލުން ލީގުގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑެއްގަ އެވެ. ރެއާލަށް 12 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 12 މެޗުން ވަނީ 28 ޕޮއިންޓް ލިބިފަ އެވެ.
ވަޔެކާނޯ އިން ރޭގެ މެޗުގައި ރެއާލް ހުއްޓުވުމުގައި ރަނގަޅު މަސައްކަތްތަކެއް ޓީމެއްގެ ގޮތުގައި ކުރިއިރު، މިއީ، ރެއާލަށް ވަޔެކާނޯ ދަނޑުގައި މޮޅެއް ނުލިބި ނިންމާލަން ޖެހޭ ހަތަރު ވަނަ ސީޒަނެވެ. ރެއާލްގެ އެޓޭކަރުންނަށް ރޭގެ މެޗުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނުއިރު، މެޗަށް ފަހު ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.
ރޮބަޓް ލެވަންޑޯސްކީގެ ގޯލުން ބާސެލޯނާ އިން ލީޑުނެގިތާ މިނިޓެއް ފަހުން ސެލްޓަ އަށް އެއްވަރުކޮށްދިނީ، ސާޖިއޯ ކަރެއިރާ އެވެ. މެޗުގެ 37 ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް ދިން ބޯޅައަކުން ލެވަންޑޯސްކީ ލަނޑު ޖަހައި، އަނެއްކާ ވެސް ބާސެލޯނާ އަށް ލީޑުނަގައިދިނެވެ. އޭގެ ފަސް މިނިޓް ފަހުން، ސެލްޓަ އިން ދެ ވަނަ ފަހަރަށް ނަތީޖާ ހަމަަހަމަކުރީ ބޯހާ އިގްލީސިއަސް ޖެހި ގޯލުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، ރެޝްފޯޑް ކުރި އެޓޭކަކަށް އަރައި، ލަމީން ޔަމާލް ވަނީ ގޯލެއް ޖަހައި، ބާސެލޯނާ އަށް އަލުން ލީޑުނަގައިދީފަ އެވެ. އަދި، މެޗުގެ 73 ވަނަ މިނިޓްގައި ރެޝްފޯޑް ނެގި ކޯނަރަކުން ބޮލުން ގޯލެއް ޖަހައި، ލެވަންޑޯސްކީ ވަނީ ސްޕެނިޝް ލީގުގައި އޭނާގެ ތިން ވަނަ ހެޓްރިކް ފުރިހަަމަކޮށްފަ އެވެ. މިއީ، ކެރިއަރުގައި އޭނާ ޖެހި 17 ވަނަ ހެޓްރިކް އެވެ.
ބާސެލޯނާ އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އިތުރު ވަގުތުގައި ސެލްޓަގެ އިއާގޯ އަސްޕާސް އަށް ކުރި ފައުލަަަކަށް ބާސެލޯނާގެ ފްރެންކީ ޑި ޔޯން އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ