ވަގު ޓީޓީ މައްސަލަ: ޝިފާއުއަށް ހުކުމް ކުރުން މާދަމާ ހެނދުނު

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، ހުސެއިން ޝިފާއުގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކުގެ ހުކުމް އިއްވުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ. ޝިފާއުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި 23 ދައުވާއާއެކު ޕީޖީން ވަނީ، ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ނަގައިފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ. އެ ދައުވާތަކުގެ ތެރެއިން 16 ދައުވާއެއް ވަނީ ސާބިތުވެފައެވެ. މި ދައުވާތަކަށް އަދަބު ކަނޑައެޅުން މާދަމާ ހެނދުނަށް ތާވަލުކޮށްފައިވާއިރު، މާދަމާ ޖުމްލަ 23 މައްސަލަ ތާވަލުގައި އެބައޮތެވެ. ޝިފާއުގެ މައްޗަށްކޮށްފައިވާ ދައުވާތަކުގެ ތެރޭގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާ ހިމެނެއެވެ. ޝިފާއުގެ މައްޗަށް 16 ދައުވާއެއް މިދިޔަ ހަފުތާގައި ސާބިތުވުމާއެކު އޭނާ ވަނީ ބަންދުކޮށްފައެވެ. https://sun.mv/214667 ޝިފާއު ވަގު ޓީޓީ ބޭނުންކުރި މައްސަލައިގައި 2021 ވަނަ އަހަރު ވެސް ފުލުހުން ހޯދަން އިއުލާން ކުރިއެވެ. އެ މައްސަލައިގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28ގައި އޭނާ ހައްޔަރު ކުރިއެވެ. އެކަމަކު އޭނާ ދޫކޮށްލުމުން އޭނާ ފުރައިގެން ދިޔައީ ރާއްޖޭން ބޭރަށެވެ. އޭގެ ފަހުން އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. އަދި ފިލައިގެން އުޅުމަށްފަހު ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ. ޝިފާއުއަކީ، މި ސަރުކާރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ކުރިން އައްޔަން ކުރި މީހެކެވެ. އެކަމަކު އޭނާވަނީ ކުއްލިއަކަށް މަގާމުން ވަކިކޮށްފައެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް ކުރިން ވަނީ އޭނާ ވަކިކުރިކަން ޔަގީން ކޮށްދެއްވައިފައެވެ. އެކަމަކު ވަކިކުރި ސަބަބެއް ވިދާޅެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ