ނިޔަތް މުހިންމުވަނީ ކީއްވެ؟

ކޮންމެ ޢަމަލެއްގައި، ވަކިން ޚާއްޞަކޮށް ދީނީ އަޅުކަންތަކުގައި ނިޔަތެއް އޮންނަން ޖެހޭ ވާހަކަ ވަރަށް ގިނައިން އަޑު އިވެއެވެ. ސުވާލަކީ، ނިޔަތަކީ ކޮން އެއްޗެއްހެއްޔެވެ؟ އަދި ނިޔަތް މުހިންމު ވަނީ ކީއްވެހެއްޔެވެ؟ އާދެ! ނިޔަތަކީ ކޮން އެއްޗެއްކަން އެނގުމާއި ނިޔަތުގެ އަހަންމިއްޔަތު އެނގުމަކީ ކޮންމެ މުސްލިމަކަށް ވެސް ވަރަށް ބޭނުންތެރި ކަމެކެވެ. ނިޔަތާ ނުލައި އެވެސް ޢަމަލެއް ސީދާ ނުވެއެވެ. އަދި އެ ޢަމަލަކުން ފައިދާއެއް ވިޔަސް ގެއްލުމެއް ވިޔަސް ނުވެއެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ނިޔަތް އެއީ ކޮން އެއްޗެއްކަން ވަރަށް ރަނގަޅަށް ދަސްކުރަން އެބަޖެހެއެވެ. ނިޔަތަކީ ކަމެއްގެ އަސްލެވެ. ކަމެއްގެ ކުންނެވެ. އެ ކަމެއް ކުރުމުގެ ބޭނުމެވެ. އެއްވެސް ބޭނުމެއް ނެތި ކުރާ ކަމަކީ އެއްވެސް ކަމަކަށް ވާނެތޯއެވެ؟ އެހެންކަމުން ނިޔަތް ވާނީ ކޮންމެ ޢަމަލެއް ވެސް އޭގެ މަތީގައި ބިނާވެގެން އަންނަ އަސާސަށެވެ. ޢަމަލު އެއީ ޢިމާރާތެއް ނަމަ، ނިޔަތަކީ އޭގެ ބިންގަލެވެ. މި ކަން ބަޔާންކުރައްވައި މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއް ޒިކުރުކޮށްލާނަމެވެ. «إِنَّمَا الأَعْمَالُ بِالنِّيَّاتِ» (رواه البخاري) މާނައީ: "ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ، ނިޔަތްތަކުގެ މައްޗަށެވެ." ކޮންމެ މީހަކަށް ވެސް އޭނާގެ ޢަމަލުން ފައިދާ ނުވަތަ ގެއްލުން ވާނީ އޭނާ ކަނޑައެޅި ނިޔަތުގެ ސަބަބުންނެވެ. ނިޔަތާ އެއްގޮތަށް ޢަމަލު ހިނގައްޖެނަމަ އޭނާއަށް އެ ކަމުގެ ފައިދާ ހުންނާނެއެވެ. އަދި ނިޔަތާ ޚިލާފަށް އޭނާ އެ ކަން ކުޅަ ނަމަ، ގަސްތުކުޅަ މަގުން އެއްވެސް ފައިދާއެއް ނުލިބި އިސްރާފަކަށް އެ ކަން ވެގެން ހިގައިދާނެއެވެ. ދެންމެ ބަޔާންކުރި ޙަދީޘުގައި އިތުރަށް އަންގަވައިފައި ވަނީ މިފަދައިންނެވެ. «وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى» (رواه البخاري) މާނައީ: "އަދި ހަމަކަށަވަރުން ކޮންމެ މީހަކަށް، އެ މީހަކު ނިޔަތްގަތް ގޮތެއްގެ މަތިން އެ ކަމެއް ލިބިގެން ވެއެވެ." ނިޔަތަކީ ކޮބައިކަން މިހާރު ކޮންމެސް ވަރަކަށް އެނގޭނެ ކަމަށް ޤަބޫލުކުރަމެވެ. ދެން މި ބަލައިލަނީ ނިޔަތް މުހިންމު ވާ ސަބަބަށެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި ނިޔަތުގެ ބޭނުމަކީ، ކުރަންއުޅޭ ކަންތައް ތިމާއަށް ސާފުކޮށް އެނގުމެވެ. އަދި ތިމާ މިހާރު ކުރަން ތި އުޅެނީ، ނުވަތަ ކުރަމުން ތި ގެންދަނީ ވަކި ޚާއްޞަ ކަމެއް ކަމާއި އެ ނޫން ހުރިހާ ކަމެއް ނޫންކަން ތިމާއަށް އެނގުމެވެ. މީގެ ބޭނުމަކީ އެހެން ހުރިހާ ކަމަކުން މިންޖުވެގެން، ހަމައެކަނި ވަކި ކަމަކަށް މީހާ ސަމާލުވެގެން ހުރުމެވެ. އިސްލާމީ އިޞްޠިލާޙުގައި ނިޔަތަކީ މީހަކު ކުރާ ޢަމަލުތަކުގެ ތެރެއިން، އަޅުކަމުގެ ގޮތުން ކުރާ ޢަމަލުތަކާ އާދަކާދައިގެ ގޮތުން ކުރާ ޢަމަލުތައް ވަކިކުރުމެވެ. މިސާލަކަށް ފެންވެރުމާއި ހިނައިގަތުމުގެ ތަފާތެވެ. ޖުނުބުވެރިޔާ ހިނައިގަތުމުގެ ނިޔަތެއް ނެތި ފެންވަރާ، ކިތަންމެ ވަރަކަށް ސާފު ވިޔަސް އޭނާ ޖުނުބުގެ ހަދަޘުން އަރައިގެން ކަމަށް ނުވާނެއެވެ. އޭނާ އެ ހުރީ ފެންވަރައިގެންނެވެ. އެހެނަސް ޖުނުބުގެ ޙަދަޘުން އަރައިގަތުމަށް ނިޔަތްނުގަންނާތީ އޭނާގެ ކިބައިން ހަދަޘްވެރިކަން ފިލައިނުދަނީއެވެ. ޖުނުބުވެރިޔާގެ މައްޗަށް ޙަރާމުވެގެންވާ ހުރިހާ ކަމެއް އޭނާގެ މައްޗަށް ވެސް ޙަރާމްވެގެން ވެއެވެ. ޤުރުއާން ކިޔެވުމާއި ނަމާދުކުރުން ފަދަ އަޅުކަންތަކަކީ ޖުނުބުވެރިޔާއަށް ޙަރާމުކުރައްވައިފައި އޮތް އަޅުކަންތަކެވެ. ހަމައެހެންމެ ކެއިންބުއިމަށް ބަލައިލިކަމުގައި ވިޔަސް، ނިޔަތުގެ ސަބަބުން ބޮޑު ތަފާތެއް އާދެއެވެ. މީރުކޮށް ކައިލަން ގަސްތުކޮށްގެން މީހަކު ކައިފިއްޔާ އޭނާއަށް އެ ކެއުމުން ލިބޭނީ އޭނާ ގަސްތުކުޅަ ކަމުގެ ނަތީޖާއެވެ. އެއީ މީރުކޮށް ކެއުމެވެ. އަޅުކަމެއްގެ ގޮތުން އޭނާގެ ފަތަށް އެއްވެސް ސަވާބެއް އިތުރެއް ނުވާނެއެވެ. އެއާ ޚިލާފަށް މީހަކު ކަނީ ﷲއަށް ކިޔަމަންތެރިވެ، އެއިލާހު އެންގެވި އަޅުކަންތައް ކުރުމަށް، ހަށިގަނޑުގައި ބާރުޖައްސަން ކަމުގައި ވެއްޖެއްޔާ އޭނާގެ ކެއުމުން ވެސް އޭނާއަށް ދަރުމައާއި އަޖުރު ލިބޭނެއެވެ. އަދި އެކަން ޤިޔާމަތްދުވަހުން އޭނާ ދެކޭނެއެވެ. މި ހިސާބުން އެނގިގެން މި ދިޔައީ އަޅުކަމާ އެހެން ކަންކަމާ ވަކިކުރާ އެއްޗަކީ ނިޔަތް ކަމެވެ. އަދި ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް އަޅުކަމެއްގެ ގޮތުގައި ހަދައި، ﷲގެ ޙަޟުރަތުން ސަވާބު ހޯދޭނޭ ކަން ވެސް އެނގިގެން ހިގައްޖެއެވެ. އެއީ އޭނާ ކުރާ ކަންކަން ﷲގެ ރުހުން އޮންނަ ގޮތަށް ނިޔަތްގަތުމުންނެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގެ ކޮންމެ ކަމެއް ވެސް ސަވާބު ލިބޭ ގޮތަށް ބަދަލުކުރެވިދާނެއެވެ. އެއީ ކުރާ ކޮންމެ ކަމެއްގެ ނިޔަތް ﷲއަށް ޓަކައި ކުރާ ކަމަކަށް ބަދަލުކޮށްލައިގެންނެވެ. ނިޔަތުގެ އަނެއް ބޭނުމަކީ، އެއް އަޅުކަން އަނެއް އަޅުކަމާ ވަކިކުރުމެވެ. މިސާލަކަށް، ފަރުޟު ކަންކަމާއި ސުންނަތް ކަންކަން ވަކިކުރުމެވެ. ނަމާދުކުރުމުގެ ނިޔަތުގައި މީހަކު ނަމާދެއް ކުރުމުން އެއީ ސުންނަތް ނަމާދެއްތޯ ނުވަތަ ނޫންތޯ ނޭނގޭނެއެވެ. އެ ކަން ކަނޑައަޅަނީ ނިޔަތެވެ. ރޯދަ ވެސް އެ ނޫން ހުރިހާ އަޅުކަމެއް ވެސް އޮތީ ހަމަ މި ޙުކުމުގައެވެ. ރަމަޟާންމަހުގެ ދުވަހެއްގައި މީހަކަށް ސުންނަތް ރޯދައެއް ނުހިފޭނެއެވެ. އަދި ހަމަ އެފަދައިން އެ ނޫން މަހެއްގައި ފަރުޟު ރޯދައެއް ހިފާނަމަ އެ ކަމުގެ ނިޔަތް ފަރުޟު ރޯދައިގެ މައްޗަށް ޚާއްޞަކުރަން ޖެހޭނެއެވެ. އެހެންނޫނީ އެ ރޯދަ ހިމެނޭނީ ސުންނަތް ރޯދައެއްގެ ގޮތުގައެވެ. ޢަމަލުތަކުގައި، ވަކިން ޚާއްޞަކޮށް އަޅުކަމުގައި ނިޔަތް މުހިންމު ވަނީ މި ދެންނެވި ސަބަބުތަކަށް ޓަކައެވެ. މީހަކު ނަމާދުކުރީ ނަމާދަށް ނިޔަތް ގަނެގެން ނަމަ އޭނާގެ ނަމާދު ޤަބޫލުވެއެވެ. އެއްވެސް ނިޔަތެއް ނެތި ނަމަދުކުރި މީހާގެ ނަމާދު، ނަމާދަކަށް ނުވާނެއެވެ. އަދި ހަމަ އެހެންމެ މީސްތަކުންނަށް ދައްކަން ނަމާދުކުރި މީހާގެ ޢަމަލު ވެގެންދާނީ ކުޑަ ޝިރުކަށެވެ. މިހިރީ ހައްތާވެސް ނިޔަތް މުހިންމުވާ ކަމުގެ ހެކިތަކެވެ. ނިޔަތާމެދު ސަމާލުވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ