ހުޅުމާލެ ފެސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމުގެ ފަހު ފުރުސަތު އެޗްޑީސީން ދީފިއެވެ.
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާތީވެ، އެޗްޑީސީން ވަނީ، އެ ސަރަހައްދުގައި މަސައްކަތްކުރުމަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާފައެވެ. އެޗްޑީސީން މިއަދު ބުނީ އުޅަނދުތައް ނެގުމަށް މީގެކުރިން ކޮށްފައިވާ އިޢުލާންތަކާ އެއްގޮތަށް ނަގާފައިނުވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ކަނޑު އުޅަނދުފަހަރުގެ އިތުރުން އެހެނިހެން ތަކެތިވެސް ހުރިކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. އެޗްޑީސީން ބުނީ އެ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރުގެ އިތުރުން، އެހެނިހެން ތަކެތި 27 ނޮވެމްބަރ 2025 ގެ 23:59 ގެ ކުރިން އެ ސަރަހައްދުން ނަގަންޖެހޭނޭކަމަށެވެ. މި މުއްދަތުގައި ނުނަގައިފިނަމަ އެޗްޑީސީން އެތަކެތި ނަގާނެކަމަށާއި، މިގޮތަށް އެތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެވާހަކަ އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ވަނީ ބިންހިއްކަމުން ގެންދާ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާ ގޮތަށް ހުރި އުޅަނދުތައް އެޅުމަށް ވަގުތީ ގޮތުން ހާއްސަ ސަރަހައްދެއްވެސް ހަމަޖައްސާފައެވެ.
އެގޮތުން ސަފާރީތައް އެޅުމަށް ހާއްސަކުރެވިފައި ވަނީ ކ. ގުޅީފަޅު، ކ. ކުޑަގިރި އަދި ކ. ތިލަފުށި ފަޅުތެރެއިން ބައެކެވެ. ދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރު އެޅުމަށް ކަނޑައަޅާފައިވަނީ ކ. ގުޅީފަޅު އަދި ކ. ތިލަފުށި ފަޅުތެރެއިން ވަކި ސަރަހައްދުތަކެކެވެ.
އެޗްޑީސީން ވަނީ ހިއްކުމަށް ތައްޔާރުވަމުންދާ ސަރަހައްދުގައިވާ ހުރިހާ އުޅަނދުތައް މި މަހުގެ 6 ވަނަ ދުވަހުގެ 00:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ނިމެންދެން އެ އިދާރާއިން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ބަދަލު ކުރުމަށް އެދިފައެެވެ.
އެޗްޑީސީން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް މެދުކަނޑާލިއިރު 15 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާ ނިންމާފައެވެ. ހުޅުމަލޭގެ 3 ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަކޮށް ހިއްކުމަށް ކަނޑައެޅިފައި ވަނީ 63 ހެކްޓަރއެވެ
ފޭސްަ 3 ގެ ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތަކާއި ތަކެތި ނެގުމަށް ފަހު ފުރުސަތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ