އޮޔާދިޔަ ދޯންޏަކުން ކުޑަކުއްޖަކު ހިމެނޭހެން 10 މީހުން ސަލާމަތްކޮށްފި
ދަތުރުކުރަނިކޮށް އިންޖީނު ހުއްޓިގެން އޮޔާދިޔަ، ދޯންޏަކުން ދިހަ މީހުން މިއަދު ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނީ، ފުވައްމުލައް ސިޓީން މަސްބާނަން ނިކުމެ އުޅުނު "ސަވާރީ" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އޮޔާދާ ކަމުގެ މައުލޫމާތު ލިބުނީ، 15:50ހާއިރު ކަމަށެވެ. އެ ކަމުގެ މައުލޫމާތު ފުވައްމުލައް ސިޓީގެ ފުލުހުންނަށް ލިބުމާ އެއްކޮށް އެ ސަރަހައްދަށް ގޮސް، ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗުގައި ފުވައްމުލަކަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ. އޭގެތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި ކުޑަކުއްޖެއް ކަމަށްވާއިރު، އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު ސަވާރީ ދޯނި ވަނީ، ފުވައްމުލަކަށް ގެންގޮސްފައެވެ. އަދި، ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އިންޖީނު ހުއްޓިގެން ދޯންޏެއް އޮޔާދިޔައިރު، މިރޭ ވެސް ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެހެންވެ، ކަނޑު ދަތުރުކުރާ މީހުން މޫސުން ގޯސް ދުވަސްވަރަށް، މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ނޫނީ ދަތުރުނުކުރުން މުހިންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ