ކެބިނެޓުން ބޭނުން ބަޔަކަށް މަސައްކަތް ދޭން މާލިއްޔަތު ގަވާއިދަށް ސަންސެޓު މާއްދާތަކެއް ކެބިނެޓުން ބޭނުން ބަޔަކަށް މަސައްކަތް ދޭން މާލިއްޔަތު ގަވާއިދަށް ސަންސެޓު މާއްދާތަކެއް

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ތަސައްވުރުކުރާ ހުޅުވާލެވިފައިވާ ބީލަމުގެ އުސޫލުން މުދަލާއި ހިދުމަތްތައް ހޯދުމަށް އިސްކަން ދިނުމުގެ އަސާސާ ހިލާފަށް، "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުގެ ދަށުން ކެބިނެޓަށް ކަންކަން ހަވާލުކުރަން އިތުރަށް ފަސޭހަކުރަން، ސަންސެޓު މާއްދާތަކެއް ހިމަނައި އެ ގަވާއިދު މިއަދު ބަދަލުކޮށްފި އެވެ.
މާލިއްޔަތު ގަވާއިދުގައި އޮންނަނީ "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ މަގުސަދަކީ ވާދަވެރި ބީލަމަކަށް ވަގުތު ނެތް ހާލަތްތަކުގައި ނުވަތަ އޭގެ އަގުގެ ގޮތުން ވާދަވެރި މާހައުލެއްގައި އެ ބީލަމަކަށް ތަރުހީބު ލިބިދާނެ ކަމަށް ނުފެންނަ ހާލަތްތަކުގައި ހޯދަން ބޭނުންވާ އެއްޗެއް ނުވަތަ ހިދުމަތެއް އެކަށީގެންވާ ގޮތެއްގައި ހޯދުން، ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތެއް އެކަށީގެންވާ ގޮތެއްގައި ކުރުން ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ވަނީ މި އަހަރުގެ ފެބްރުއަރީގައި، މާލިއްޔަތު ގަވާއިދު ބަދަލުކޮށް، ސަރުކާރުން ބޭނުންވާ ގިނަ ކަންކަން މި އުސޫލުގެ ދަށުން ހަވާލުކުރެވޭ ގޮތަށް ބަދަލުކޮށްފަ އެވެ. މިހާރު އެ ގަވާއިދުގައި އޮތީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި، ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް މި ގޮތަށް ހަވާލުކުރެވޭ ގޮތަށެވެ.
މި ފަހަރު ގަވާއިދު ބަދަލުކުރީ، މި ގޮތަށް މަޝްރޫއުތައް ކަނޑައެޅުމުގައި އޮތް އިޖުރާއަތެއް ބަދަލުކުރާށެވެ. ކުރިން އޮތް އިޖުރާއަތުގެ ދަށުން، ސިންގަލް ސޯސްކޮށް ކަމެއް ކުރަން ކަނޑައެޅޭނީ ދައުލަތުގެ އޮފީހަކުން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ކެބިނެޓަށް ނޫނީ ކެބިނެޓުގެ ކޮމިޓީއަކަށެވެ. މިހާރު ގަވާއިދު އޮތް ގޮތުން، މިނިސްޓްރީ މެދުވެރި ނުވެ، ސިންގަލް ސޯސް ހުއްދައަށް އެދި ދައުލަތުގެ އިދާރާތަކަށް ކެބިނެޓަށް ހުށަހެޅޭނެވެ.
ދެން އެ ގަވާއިދަށް ގެނައި ބަދަލަކީ ސީދާ ކެބިނެޓުން ބޭނުން ބަޔަކަށް ހަވާލުކުރެވޭ ގޮތަށް އިބާރާތްތައް ބަދަލުކުރުމެވެ.
މި ގޮތުން ކެބިނެޓުން ހަވާލުކުރަން ނިންމާ މަޝްރޫއުތަކުގައި ޕްރޮކިޔުމަންޓު ހުއްދަ ދެނީ ވެސް ކެބިނެޓުން ނޫނީ ވަޒީރުންގެ ކޮމިޓީންނެވެ. މިއީ މާލިއްޔަތު ގަވާއިދުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަޝްރޫއުތައް ދިނުމުގައި ނޫނީ އަމަލުކުރާ އުސޫލެއް ނޫނެވެ.
ޕްރޮކިޔުމަންޓުތަކަށް ހުއްދަ ދިނުމުގައި އަމަލުކުރާ އާންމު އުސޫލުގައި އޮންނަނީ އޮފީސްތަކުގެ ޕްރޮކިޔުމަންޓު ޑިޕާޓުމަންޓުތަކާއި ބިޑު ކޮމިޓީ އާއި އެ އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިން ހިމެނޭ ނިޒާމެއްގެ ދަށުން ހުއްދަ ހޯދައިގެން ޕްރޮކިޔުމަންޓު ހިންގުމާއި އަގު ބޮޑު ޕްރޮކިޔުމަންޓު ޕްރޮޖެކްޓުތައް ނޭޝަނަލް ޓެންޑާ ބޯޑުގެ ތެރެއިން ހަވާލުކުރުމެވެ.
މި ބަދަލުތަކުގެ ކުރިން މާލިއްޔަތަށް ގެނައި ބަދަލުގައި، ބިޑް ސެކިއުރިޓީއެއް، ޕާފޯމަންސް ގެރެންޓީއެއް، އެޑްވާންސް ފައިސާ ގެރެންޓީއެއް ނެތި ޕްރޮޖެކްޓު ހަވާލުކުރެވޭނެ ގޮތަށް މަގުކޮށި އެވެ. މި ފަހަރު ވަނީ މި މީހުންނަށް 15 ޕަސެންޓު ފައިސާ އެޑްވާންސުގެ ގޮތުގައި ދެވޭނެ ގޮތް ވެސް ގަވާއިދުން ފަހިކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ގެޒެޓުކުރި ގަވާއިދުގައި އޮތް ގޮތުން މި ގަވާއިދަށް އަމަލުކުރާނީ ފެބްރުއަރީ 26، 2027 އާ ހަމައަށެވެ. މިއީ މާލިއްޔަތު ގަވާއިދު ބަދަލުކުރި ތާރީހުން ފެށިގެން ދެ އަހަރުގެ މުއްދަތެކެވެ.
މާލިއްޔަތު ގަވާއިދު ބަދަލުކޮށްގެން މިކަން ފުރަތަމަ ކުރިއިރު ވެސް މިއީ ކޮރަޕްޝަނަށް ފަހިވާ ގޮތަށް ގެނައި ބަދަލެއް ކަމަށް ބުނެ އާންމުންނާއި އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ