ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލުގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ބަދަލުކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްއޭސީއެލް އިން ބުނީ އޮޕަރޭޝަންތައް ބަދަލުކުރަން ނިންމީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެމްބަރު މަސް ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް މާދަމާ އިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން ބުނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމަށާއި، ރަންވޭއަށް ކްލިއަރަންސް ހޯދުމަށްޓަކައި ބާ ޓާމިނަލްއާއި އާއި އެތަނާއި އިންވެގެންވާ އިމާރާތްތަކާއި އަދި އުސް ތަންތަން ނަގައި ހުސްކުރަންޖެހޭ ކަމަށެވެ.
މި އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން ވަމުން އަންނައިރު، ޓާމިނަލްގެ ހިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި، އިންސާނީ ވަސީލަތް ތަމްރީނުކުރުމަށް ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސް މިހާރު ވަނީ ފަށާފައެވެ. މި ޕްރޮސެސްގެ ދަށުން މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރު ކުރުންވެސް ހިމެނިގެންދާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ އަމާޒަކީ އެއާޕޯޓުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް، ލަސްވެގެން ނޮވެމްބަރު މަހަށް ހަނިމާދޫ އެއާޕޯޓުގެ ފުރިހަމައަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވުން ކަމަށް ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ. ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މިފަހަރު ކުރިއަށްގެންދާ މަސައްކަތްތަކާއެކު އެ ވައިގެބަނދަރު ބައިނަލްއަގުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ