ކައުންސިލްގައި އޮތް އެއްބަސްވުމެއް ވީދާނުލަން، އާޒިމް އުޅުއްވަނީ ފްރޭމް ކުރަން: ނަހުލާ

މާލޭ ސިޓީ ކައުންސިލްގެ ލިޔުމެއް، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވީދާލި ކަމަށް މޭޔަރު އާދަމް އާޒިމް ތުހުމަތު ކުރެއްވުމުން، އޭނާ ފްރޭމް ކުރަން އުޅޭ ކަމުގެ ތުހުމަތު ނަހުލާ މިއަދު ކުރައްވައިފިއެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި އާޒިމް ވަނީ، ކުއްޔަށް ދޫކޮށްފައިވާ ބިމެއްގެ އެގްރީމެންޓެއް ނަހުލާ ވީދާލި ކަމަށް ވިދާޅުވެ، އެ މައްސަލަ ފުލުހުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ ނަހުލާ ވީދާލާފައި ވަނީ އެ ކައުންސިލުން ދާދި ފަހުން އާންމުކުރި ބިމުގެ ދަފުތަރުގައި ނުހިމެނި އޮތް ކޮންޓްރެކްޓެއް ކަމަށެވެ. މޭޔަރު ވިދާޅުވީ ކައުންސިލް މެންބަރަކު އެ އިދާރާގެ ލިޔެކިޔުމެއް ނައްތާލާ މަންޒަރު ދައްކާ ވީޑިއޯ ފުޓޭޖެއް ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލަައިގައި ކައުންސިލު މުވައްޒަފުންގެ ބަޔާން ނަގާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވެފައިވެއެވެ. https://sun.mv/214199 މިކަމާ ގުޅިގެން މިއަދު "ސަން"އަށް މައުލޫމާތު ދެއްވަމުން ނަހުލާ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ވަރަށް ބައިވަރު މަސައްކަތްތަކާ ގުޅޭ އެއްބަސްވުން ހަދައިފައިވާ ކަމަށެވެ. އެގޮތުން، އިއުލާންކޮށްގެން ބިޑްކުރުމަށް ފަހު އެއްބަސްވުމާ ހަމައަށް ރައީސް މުއިއްޒު ކުރިއަށް ގެންދަވާފައިވާ ނުވަ ޕްރޮޖެކްޓުގެ ތެރެއިން މޭޔަރު އާޒިމް ގެޒެޓްކުރެއްވީ އެންމެ ތިން ޕްރޮޖެކްޓް ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ. ގެޒެޓުނުކުރާ މަޝްރޫއުތަކުގެ ތެރޭގައި، ވިލިމާލޭގައި އައުޓްޑޯ ޖިމެއް އެޅުމަށް މެރީ ޖޫގޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި ބިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަހުލާ ވިދާޅުވީ މެރީ ޖޫގޯގެ އެދުމުގެ މަތިން އެއްބަސްވުމުގައި ސޮއިކުރަން ކައުންސިލުން އެންގި ދުވަހު އޭނާ ވެސް ކައުންސިލަށް ހާޒިރުވެވަޑައިގަތް ކަމަށެވެ. https://x.com/MaleCitymv/status/1996076924599501251 އެކަމަކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެ އެއްބަސްވުން ބާތިލުވާ ގޮތަށް ތާރީޚު އޮޅުވާލާފައިވާ ކަމަށް ނަހުލާ ވަނީ ތުހުމަތުކުރައްވާފައެވެ. އެ ދުވަހު މެރީ ޖޫގޯގެ ބޭފުޅުން ލައްވާ ސޮއިކުރުވައި، އިނގިލީގެ ނިޝާން ޖެހުވި ލިޔުމުގެ ތާރީޚެއްގެ ގޮތުގައި ލިޔެފައި އޮތީ މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަސް ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ. އަދި އެ ލިޔުމުގައި ކައުންސިލްގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް، ޢަބްދުލް މުހައިމިން ނަސީރުގެ މަގާމުގެ ގޮތުގައި ވެސް އޮތީ އޭނާގެ ކުރީގެ މަގާމު ކަމަށް ނަހުލާ އިތުރަށް ވިދާޅުވެފައިވެއެވެ. އައުޓްޑޯ ޖިމް އެޅުމަށް އެގްރީމެންޓުގައި އެ ބުނާ ހަ މަސް، މި މަހު އެކެއްގައި ފާއިތުވާނެކަން ނަހުލާ ފާހަގަކުރެއްވިއެވެ. "މިދިޔަ ބުދަ ދުވަހުގެ ކައުންސިލް ޖަލްސާގައި ވިލިމާލޭގެ ގިނަ ޕްރޮޖެކްޓުތަކެއް ލިސްޓުގައި ނެތް ވާހަކަ އަޅުގަނޑު ދެންނެވުމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އަންގަވައިގެން ކަމަށް ވިދާޅުވެ، ބޯކޮށް ވާރޭ ވެހިވެހި އޮއްވައި ކައުންސިލް އިދާރާއަށް ހާޒިރުކޮށްގެން ބެކް ޑޭޓުކޮށް ހަ މަސް ދުވަހުގެ ކުރީގެ ތާރީޚެއް ޖަހާފައި އޮތް، ބިން ހަވާލުކުރާ ލިޔުން، ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ގްރޫޕަށް ލާފައި އޮންނާނެ ބިން ހަވާލުކުރާ ލިޔުން،" ނަހުލާ ވިދާޅުވިއެވެ. https://sun.mv/214488 އަދި އެ ލިޔުންތަކުގެ ފޮޓޯ ނަގައި، ކައުންސިލްގެ އެސްޖީއަށް ހުށަހެޅުއްވި ކަމަށް ނަހުލާ ވިދާޅުވިއެވެ. "އޭގެ ފަހުން އެސްޖީ ގުޅާފައި ވިދާޅުވި ބިމުގެ ކަންތައްތައް ހަމައަކަށް އަޅަން މޭޔަރު ވިދާޅުވިކަމަށް. އަދި މި ބެކްޑޭޓް އެގްރީމެންޓްގެ ވާހަކަ ސޯޝަލް މީޑިއާއަށް ލީކް ނުކުރުމަށް އެދިފައިވޭ. މިހާރު ލީކްކުރުމުން އެކަމާ ރުޅިއައިސްގެން މޭޔަރު އެ އުޅުއްވަނީ ކެމްޕެއިން ތެރޭގައި އަޅުގަނޑު ފްރޭމްކުރަން،" ނަހުލާ ތުހުމަތުކުރެއްވިއެވެ. މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ. ފޮޓޯ/ފޭސްބުކް ނަހުލާ ވިދާޅުވިގޮތުގައި އޭނާ ވީދާލީ މެރީ ޖޫގޯ އަތުގައި އޮތް އެއްބަސްވުމުގެ ކޮޕީއެވެ. އަދި ކައުންސިލުގައި އޮތް ކޮޕީ ވީދާފައިނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެސްޖީ މުހައިމިން ވިދާޅުވީ އެއީ އޮޅުވާލުމުގެ ބޭނުމުގައި ޖެހި ތާރީޚެއް ނޫން ކަމަށެވެ. އަދި އެ ލިޔުމުގެ ތާރީޚުގައި ޖޫން އެކެއް ލިޔެފައި އޮތް ނަމަވެސް ބިމާ ބެހޭ އެއްބަސްވުންތަކުގެ ގްރޭސް ޕީރިއަޑް ގުނާނީ ބިން ހަވާލުކުރާ ތާރީޚުން ފެށިގެން ކަމަށެވެ. https://sun.mv/214731 އެހާ ހިސާބުން މި ބަހުސް އިތުރަށް ހޫނުވުމުގެ ސަބަބުން ކައުންސިލްގެ ޖަލްސާ ވަނީ ނިންމާލައިފައެވެ. އަދި މި މައްސަލައަކީ މިހާރު ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަައަކަށްވާތީ މިކަމުގައި އިތުރަށް ވާހަކަދެއްކުން ރަނގަޅު ނޫން ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން ހޯމަ ދުވަހުގައި ނަހުލާ، އާޒިމަށް ފޮނުއްވި ސިޓީގައި ވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހު ގެޒެޓުކޮށްފައިވާ އިއުލާންތަކުގައި، ކައުންސިލުން ވިލިމާލޭގައި ކުއްޔަށް ދޫކުރި ބިންތަކުގެ ލިސްޓުގައި، މެރީޖޫގޯއާ އެކު އެ އަވަށުގައި އައުޓްޑޯ ޖިމެއް ތަރައްގީކުރުމަށްވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ނުހިމަނާ ކަމަށެވެ. އެކަން ހަމަ އެ މަހުގެ 26ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގައި ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާނެކަން ނަހުލާ ފާހަގަކުރައްވާފައިވެއެވެ. https://sun.mv/214809 ފާހަގަކޮށްލެވޭ ގޮތުގައި މާލެއިން ދޫކޮށްފައިވާ ބިންތަކުގެ މައްސަލައިގައި، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި އެޖެންޑާކޮށްދިނުމަށް ވެސް ހުށަހަޅައިފައިވެއެވެ. މި މައްސަލައިގައި އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރަނީ ނުއަގުގައި މާލޭގެ ބިންތައް ކުއްޔަށް ދޫކޮށްފައި ހުރުމެވެ. އޭގެ ތެރޭގައި ހިލޭ ދޫކޮށްފައިވާ ބިންތައް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ