ހޯދާ ނަތީޖާއިން ދަރިވަރުންގެ ޤާބިލުކަން މިންކުރެވޭތަ؟

ދަރިވަރެއްގެ ހުނަރާއި ޤާބިލުކަން މިންކުރެވޭނީ ހަމައެކަނި އިމްތިހާނުގެ ނަތީޖާއިންތޯ؟ މިއީ މިއަދު ގިނަ ބެލެނިވެރިންނާއި، މުދައްރިސުން އަދި ތަޢުލީމީ ދާއިރާގެ މާހިރުން ކުރަމުންދާ ސުވާލެކެވެ. ދަރިވަރުންގެ ކިބައިގައި ހުންނަ ތަފާތު ހުނަރުތަކާއި ޚާއްސަ ޤާބިލުކަން ވަޒަންކުރުމަށް ހަމައެކަނި އިމްތިހާނުގެ ނަތީޖާއަކީ އެންމެ އެކަށީގެންވާ މިންގަނޑުތޯ އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ. ކޮންމެ އަހަރަކު ސްކޫލްތަކުން ނެރޭ ނަތީޖާތަކަށް ބަލާއިރު، މި ސުވާލެއް އަބަދުވެސް އުފެދެއެވެ. އެއީ މި ނަތީޖާތަކުން ދަރިވަރުންގެ އަސްލު ޤާބިލުކަން ދައްކުވައިދޭތޯއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކުއްޖެއްގެ ތަޢުލީމީ ކުރިއެރުން ވަޒަންކުރުމަށް ހަމައެކަނި އިމްތިހާނުގެ މާކްސްއަށް ބެލުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި އިމްތިހާނުތަކުގެ ނަތީޖާއަށް ދެވޭ މުހިންމުކަން ބޮޑެވެ.
ޓެސްޓް ސްކޯތަކާއި ޖީޕީއޭއިން ކާމިޔާބީ މިންކުރާ ދުނިޔެއެއްގައި، މި ސުވާލު އުފައްދާ މިކަމަށް ފުންކޮށް ވިސްނަންޖެހެއެވެ. އަޅުގަނޑުމެން ގިނަ ހުނަރުތަކެއް ލިބިފައިވާ އިންސާނުން ހަމައެކަނި ހިސާބުތަކަކުން ގާބިލުކަން މިންކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟
ގްރޭޑްތަކުން ނުވަތަ ހޯދާ ޑިގްރީއަކުން ކިޔެވުމުގެ ފެންވަރު ކުޑަ މިންވަރަކުން ދައްކުވައިދިން ކަމުގައިވިޔަސް، އިންސާނުންގެ ވިސްނުމާއި، އުފެއްދުންތެރިކަމާއި، ޤާބިލުކަން ދައްކުވައިދިނުމުގައި އެ ގްރޭޑްތަކުގެ މާބޮޑު ރޯލެއް ނެތެވެ.
ގްރޭޑްތަކުގެ އަސްލު މަޤްޞަދު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ގްރޭޑްތައް ތަޢާރަފުކުރެވުނީ މައިގަނޑު ތިން ބޭނުމަކަށެވެ. އެއީ، ދަރިވަރުންގެ މާއްދާގެ ފެންވަރު ވަޒަންކުރުމަށާއި، އެމީހުންގެ ކުރިއެރުމާއި ރަނގަޅުކުރަންޖެހޭ ދާއިރާތައް ފާހަގަކޮށް ފީޑްބެކް ދިނުމަށާއި، އަދި ޔުނިވަރސިޓީ ފަދަ މަތީ ތަޢުލީމީ މަރުކަޒުތަކަށް ދަރިވަރުން ހޮވުމުގައި އެހީތެރިވެދޭ މިންގަނޑެއްގެ ގޮތުގައި ބޭނުންކުރުމަށެވެ.
އެހެންނަމަވެސް، މިހާރު ގްރޭޑްތަކުގެ މި އަސްލު މަޤްޞަދު އޮޅި، އެއީ ހަމައެކަނި މީހެއްގެ ވިސްނުމުގެ ފެންވަރާއި މަޤާމު ދައްކުވައިދޭ އެއްޗެއްގެ ގޮތުގައި ބެލެވެއެވެ. އަދި ގިނަ ފަހަރަށް މީހެއްގެ މުޅި ޤާބިލުކަން މިންކުރާ މިންގަނޑެއްގެ ގޮތުގައިވެސް ނުރަނގަޅު ގޮތެއްގައި ބޭނުންކުރެވެއެވެ.
މާކްސް ދިނުމުގެ ނިޒާމަކީ ދަރިވަރުންގެ ޤާބިލުކަން ވަޒަންކުރުމުގައި އެއް ދިމާލަކަށް އަމާޒުކުރެވިފައިވާ ނިޒާމެކެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ބަލަނީ ލިޔުމުން ހަދާ އިމްތިހާނުތަކާއި، އެސޭތަކާއި އަދި އެހެނިހެން އެސައިންމަންޓްތަކުގެ ނަތީޖާއެވެ. މި އިމްތިހާނުތަކުން މައިގަނޑު ގޮތެއްގައި ދެނެގަނެވެނީ ދަރިވަރުންގެ ހަނދާނުގައި ހުރި މަޢުލޫމާތާއި، ވަގުތު ކަނޑައެޅިފައިވާ ޓެސްޓުތަކުގައި މަސައްކަތްކުރުމުގެ ފެންވަރާއި، ލިޔުމުން މުޢާމަލާތްކުރުމުގެ ހުނަރާއި، އަދި އިމްތިހާނުގެ މިންގަނޑުތަކަށް ފެތޭގޮތަށް ޖަވާބުދިނުމުގެ ޤާބިލުކަމެވެ.
އިންސާނީ ޤާބިލިއްޔަތަކީ ގިނަ ދާއިރާތަކެއް ހިމެނޭ ކަމެކެވެ. މިގޮތުން އަޅުގަނޑުމެން ވިސްނާލަން ޖެހެނީ، އުފެއްދުންތެރިކަމާއި، އިހްސާސްތައް ދެނެގަތުމުގެ ހުނަރާއި، ލީޑަރޝިޕާއި، އެހެން މީހުންނާއެކު މަސައްކަތްކުރުމުގެ ޤާބިލުކަމާއި، އަދި މައްސަލަތައް ހައްލުކުރުމުގެ ހުނަރުފަދަ ކަންކަމެވެ. މި ހުރިހާ ސިފައަކީވެސް ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް ކޮންމެހެން މުހިންމު ކަންކަމެވެ. ނަމަވެސް މީގެ ތެރެއިން މައްސަލަ ހައްލުކުރުމުގެ ހުނަރު ފިޔަވައި އެހެން ގިނަ ސިފަތަކަކީ ސްކޫލްތަކުގައި މާކްސް ދެވޭ ކަންކަމެއް ނޫނެވެ.
ދަރިވަރެއްގެ ހުނަރުވެރިކަން ވަޒަންކުރެވެނީ ހަމައެކަނި އިމްތިހާނުގެ މާކުސްއަކުން ނޫނެވެ. މިސާލަކަށް، ވަގުތު ކަނޑައެޅިފައިވާ ތާރީޚު އިމްތިހާނެއްގައި އެސޭއެއް ލިޔުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ދަރިވަރަކަށް، ދިރިއުޅުމުގައި ދިމާވާ މައްސަލަތަކަށް އައު އަދި އުފެއްދުންތެރި ހައްލުތައް ހޯދުމުގެ ފާހަގަކޮށްލެވޭ ހުނަރު ލިބިފައި ހުރެދާނެއެވެ. ނަމަވެސް، މިފަދަ ތަފާތު ހުނަރުތައް ގްރޭޑިންގ ނިޒާމުގައި ވަޒަންކުރެވޭ މިންވަރު ވަރަށް ކުޑައެވެ.
އެއް ކްލާހެއްގައި ކިޔަވާ ދަރިވަރުންގެ މެދުގައިވެސް، އެ ދަރިވަރަކަށް ލިބޭ ގްރޭޑް ގުޅިފައި އޮންނަނީ އެ ދަރިވަރަކު މުދައްރިސް ގަބޫލުކުރާ ކިޔަވައިދިނުމުގެ ސްޓައިލާ އެއްގޮތަށް ކިޔެވުމަށް ހޭދަކުރާ މިންވަރަށެވެ. މިއީ އެ ދަރިވަރެއްގެ ޤާބިލުކަން ދައްކުވައިދޭ މިންގަނޑެއް ނޫނެވެ. އެހެނަސް، އެއީ ވަކި ކަހަލަ އުންމީދުތަކަކާ އެއްގޮތަށް އެ ދަރިވަރަކު ކިޔަވަމުންދާ މިންވަރު ދައްކުވައިދޭ މިންގަނޑެކެވެ.
މިފަދަ ކަންކަމުގެ ސަބަބުން ދަރިވަރެއްގެ ނަތީޖާ ދަށްވުމަކީ އެ ދަރިވަރެއްގެ ޤާބިލުކަން ދަށްވާކަމެއް ނޫނެވެ. މިސާލަކަށް، އާއިލާ ބެލެހެއްޓުމަށް ޕާޓްޓައިމްކޮށް މަސައްކަތްކުރަންޖެހޭ ދަރިވަރަކަށް ހުރިހާ އިމްތިޙާނަކުން މޮޅު ނަތީޖާ ހޯދުމަށް ވަގުތު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ އެ ދަރިވަރުގެ ހުނަރާއި ޤާބިލުކަން ދަށްކަމަށް ދޭހަވާ ކަމެއް ނޫނެވެ.
މަތީ ފާހެއް ހޯދުމަށް ނެގޭ އިމްތިހާނުތަކުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ފެންވަރު ދަށްވެ، އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ނުނެރެވެއެވެ. ގިނަ ދަރިވަރުންނަށް އިމްތިހާނުގެ ވަގުތުގައި ކިޔެވި ތަކެތި ހަނދާން ނުކުރެވުމާއި، އިމްތިހާނު ދުވަސްވަރު ރަނގަޅަށް ނިދުމުގެ ފުރުސަތު ގެއްލިގެން ދިއުމަކީ އާއްމުކޮށް ދިމާވާ މައްސަލަތަކެވެ.
މީގެ އިތުރުން، އާއިލާއާއި މުޖުތަމައުގެ ފަރާތުން ކުރިމަތިވާ ޕްރެޝަރގެ ސަބަބުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރެއެވެ. މިފަދަ ނިޒާމެއްގެ ސަބަބުން ޕްރެޝަރުގެ ދަށުން މަސައްކަތްކުރުމުގެ ޤާބިލުކަން ހުންނަ ދަރިވަރުންނަށް ރަނގަޅު ނަތީޖާ ލިބޭއިރު، މާއްދާގެ އަސްލު މައުލޫމާތު އެނގޭ ނަމަވެސް ޕްރެޝަރާ ކުރިމަތިލުމުގައި ދަތިވާ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ނުލިބެއެވެ.
ދަރިވަރެއްގެ ހުނަރާއި ޤާބިލުކަން ވަޒަންކުރުމުގައި ހަމައެކަނި ބަލަނީ މާކްސްއަށްކަމުގައި ނުވާއިރު ދަރިވަރުންގެ ކުރިމަގުގެ ޤާބިލުކަން ދެނެގަތުމަށް ބަލަންޖެހެނީ އިތުރު ކޮން ކަންތައްތަކެއްތޯ ވެސް ބަލައިލަންޖެހެއެވެ.
އެގޮތުން ދަރިވަރެއްގެ ޝައުޤުވެރިކަމާއި ކަމަކަށް ޝައުޤުވެރިވެ އުނގެނުމުގެ ފޯރި ހުންނަ މިންވަރަކީ އޭނާގެ ޤާބިލުކަން ދައްކުވައިދޭ މުހިންމު ދެ ސިފައެވެ. މިސާލަކަށް، ތަރިތަކާއި ޖައްވުގެ ދިރާސާތަކަށް ޝައުޤުވެރިވާ ދަރިވަރަކު، ޓެކްސްޓް ފޮތުން ބޭރުން އިތުރު މަޢުލޫމާތު ހޯދައި، ޑޮކިއުމެންޓަރީތައް ބަލައި، އަދި އަމިއްލައަށް ބްލެކް ހޯލްތަކުގެ މޮޑެލްތައް ފަރުމާކުރުމުގައި ގަޑިއިރުތަކެއް ހޭދަކުރެއެވެ. އެފަދަ ދަރިވަރެއްގެ ހިސާބު މާއްދާގެ މާކްސް އާދައިގެ ފެންވަރެއްގައި ހުރިކަމުގައިވިޔަސް، އޭނާގެ ޝައުޤުވެރިކަމާއި ފޯރި ދައްކުވައިދެނީ އެ ދާއިރާއިން ކުރިއަރައި ދިއުމުގެ ފުރިހަމަ ޤާބިލުކަން ހުރި މިންވަރެވެ.
އުފެއްދުންތެރި ވިސްނުމަކީވެސް ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ސިފައެކެވެ. އާދަޔާ ޚިލާފު ގޮތްގޮތަށް ވިސްނައި، އައު ޚިޔާލުތައް ހުށަހަޅައި، އާ ކަންކަން އުފައްދާ މީހުންނަކީ މުޖުތަމަޢު ބަދަލުކުރާ މީހުންނެވެ. ނަމަވެސް، ހިތާމައަކީ މިފަދަ ތަފާތު ވިސްނުންތައް ގިނަފަހަރު އިމްތިހާނުތަކުގައި ގޯސްކަމުގައި ބެލެވުމެވެ. އެހެންނަމަވެސް، މިފަދަ ވިސްނުންތެރިންނަކީ ދުނިޔެ ބަދަލުކުރާ މީހުންނެވެ.
ދަރިވަރެއްގެ ހިތުގައި އުފެދޭ އުނގެނުމުގެ ލޯތްބަކީ އޭނާގެ ކުރިމަގު އުޖާލާ ކުރުމުގެ މަގެވެ. މާކްސް ހޯދުމަށް ވުރެ ބޮޑަށް މަޢުލޫމާތު އުނގެނުމަށް ޝައުޤުވެރިވާ ދަރިވަރުން، ކޮންމެ އިމްތިހާނަކުން މޮޅު ނަތީޖާ ނުހޯދި ކަމުގައި ވިޔަސް، ދުރު މުސްތަޤުބަލެއްގައި އެމީހުންގެ އަމިއްލަ ދިރިއުޅުމުގައި ކާމިޔާބަށް ވާސިލުވުމުގެ ފުރުސަތު ބޮޑެވެ.
ތާރީޚަށް ބަލާއިރު، އާންމު މިންގަނޑުތަކުން ވަޒަންކުރާއިރު ރަނގަޅު ނަތީޖާ ނުހޯދި ގިނަ ދަރިވަރުން، ފަހުން ދުނިޔެއަށް އެތައް ޚިދުމަތްތަކެއް ކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ކާމިޔާބު ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެތައް ބޭފުޅުންނެއް ހިމެނެއެވެ.
ޖޭކޭ ރޯލިންގއަށް ފޮތް ޝާއިޢުކުރާ ފަރާތްތަކުން ތަކުރާރުކޮށް ފޮތް ބަލައިނުގަތުމުގެ ތަޖުރިބާ ކުރަންޖެހުނެވެ. މިއަދު ސްކޫލެއްގައި "ލިޔުންތެރިކަން" މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނަމަ، އޭނާއަކީ ފެއިލްވި ދަރިވަރަކަށް ވީސްކަން ޔަޤީނެވެ.
ދުނިޔޭގެ ނަން މަޝްހޫރު ގޫގުލް އަދި އެޕަލް ފަދަ ކުންފުނިތަކުންވެސް މުވައްޒަފުން ހޮވުމުގައި އެކަޑެމިކް ގްރޭޑްތަކަށްވުރެ ބޮޑަށް ހުނަރާއި، ތަޖުރިބާ އަދި އީޖާދީ ގޮތެއްގައި މައްސަލަ ހައްލުކުރުމުގެ ޤާބިލުކަމަށް އިސްކަންދެއެވެ. މިއީ މުޖުތަމަޢަށް ބޭނުންވާ އިންސާނުން ބިނާކުރުމަށް އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރަން ޖެހިފައިވާ މިންވަރު ހާމަވާ ކަމެކެވެ.
މިގޮތުން، ތަޢުލީމީ ދާއިރާގައި އަންނަނިވި ކަންކަމަށް އިސްކަންދިނުން މުހިންމެވެ.
މީގެއިތުރުން، ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް މަސައްކަތްކުރާ ދަރިވަރުންނަށް ހިތްވަރު ދިނުމަށާއި، ތަޢުލީމީ ކާމިޔާބީގެ އާންމު މިންގަނޑެއްގެ ގޮތުގައި މާކްސް ބޭނުންކުރެވެއެވެ.
މާކްސްތަކުން ދަރިވަރުންގެ ޙަޤީޤީ ޤާބިލުކަން ފުރިހަމައަށް ދައްކުވައިދޭތޯއެވެ؟ މި ސުވާލުގެ ޖަވާބަކީ ނޫނެކެވެ. ލިބޭ ގްރޭޑަކީ ވަކި ވަގުތެއްގައި، ވަކި މަޢުޟޫޢުތަކަކުން ދަރިވަރަށް އެނގިފައިވާ މިންވަރު ދައްކުވައިދޭ މިންގަނޑުތަކެކެވެ. ލިބޭ ގްރޭޑަށް މާބޮޑު އިސްކަމެއް ދިނުމަކީ ދަރިވަރުންނަށް ބޭކާރު ކަންބޮޑުވުމެއް ގެނުވައިދޭ، އެކުދިންގެ ފުރިހަމަ ޤާބިލުކަން އެކަށީގެންވާ ގޮތުގައި ދައްކުވައިދިނުމަށް ހުރަސް އަޅާ ކަމެކެވެ. އަދި އެކުދިންގެ އުފެއްދުންތެރި ވިސްނުންތެރިކަން ދެނެގަތުމަށް ވެސް ހުރަސްއަޅާ އެއްޗެކެވެ. ރިޕޯޓު ކާޑަކީ ދަރިވަރުގެ މުސްތަޤްބަލު ލަފާކުރެވޭނެ އެއްޗެއްގެ ގޮތުގައި ދެކޭ ނަޒަރިއްޔާ އިޞްލާޙުކުރަން އެބަ ޖެހެއެވެ. ދަރިވަރެއްގެ ޤާބިލުކަމަކީ ހަމައެކަނި އަކުރެއް ނުވަތަ އިންސައްތައެއްގެ ތެރެއަށް ފެތޭވަރަށްވުރެ މާ މުހިއްމު، ވަރުގަދަ އެއްޗެކެވެ. އެއީ އެކުދިންގެ ނާޒުކު ހިތްތަކުގައި ފޮރުވިފައިވާ ކޮންމެ ކަމެއް ދެނެގަތުމަށް ބޭނުންވާ މިންނެތް މަސައްކަތާއި، ކެތްތެރިކަމާއި، އުފެއްދުންތެރި ޤާބިލުކަމާއި، ކުރިއަށް ދިއުމުގެ ޢަޒުމެވެ. މިފަދަ ސިފަތައް ދަރަޖަކުރުމުގެ ނިޒާމަކަށް ފެއްތުން ދަތި ނަމަވެސް، މުސްތަޤްބަލުގެ ދުނިޔެ ބިނާކުރެވޭނީ މިފަދަ ބޭނުންތެރި ބަދަލަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ