ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން ތާއިދުކުރަން ނިންމީ ވަރަށް ވިސްނާފައި: މެމްބަރު ޝަރީފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްއަށް ދެވަނަ ދައުރެއް ދޭން ތާއިދުކުރަން ނިންމީ ވަރަށް ވިސްނާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝަރީފް މިފަދައިން ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ޓިކެޓް ދެއްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް އިޢުލާންކުރެއްވުމާއި ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ، ކޮވިޑް-19ގެ ކާރިސާގައި އެމަނިކުފާނު ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެއްވީ ބިޔަ ބޮޑު ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލައްވާ ވިސްނުންތެރިކަމާއި ހިކުމަތްތެރި ކަމާއި އެކުގައި ކަމަށެވެ. އަދި ކާރިސާގެ ވަގުތުގައި ވެސް ގައުމު މެނޭޖުކުރެއްވި ގޮތައް ބަލައި ވަރަށް ބޮޑަށް ވިސްނުމަށް ފަހު ރައީސް ސާލިހަށް ތާއީދުކުރަން ނިންމީކަން އޭނާ ހާމަކުރެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ޞާލިޙް ހާމަކުރައްވާފައި މިވަނީ އެކިއެކި ޕްލެޓްފޯމްތަކުގައި ދެވަނަ ދައުރަކަށް ތައްޔާރު ކަމަށް ވިދާޅުވެ، 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވުމަށް ފަހުގައެވެ.
އެމަނިކުފާނެ އިތުރުން، އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ.
ވެރިކަން ކުރާ މައި ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ