ރައީސް ނަޝީދު އުޅުއްވަނީ އެމްޑީޕީއަށް ވެރިކަން ލިބުނަ ނުދޭންވެގެން: މެމްބަރު ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު އުޅުއްވަނީ އެމްޑީޕީއަށް ވެރިކަން ލިބުނަ ނުދޭންވެގެން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.
މެމްބަރު ހުސައިން ޝަހީމް މިފަދައިން ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބުގައި، ވެރިކަން ކުރާ މައި ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮއްވެވުމަށް ބާއްވާ، އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި، ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ، ކެމްޕެއިން ޓީމުން ބޭއްވި ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.
މެމްބަރު ހުސައިން ވިދާޅުވީ، ރައީސް ޞާލިޙް "ރިއެކްޓް ނުކުރައްވާ" ކަމަށް [ރައީސް ނަޝީދަށް] ހީފުޅުވިޔަސް، އެ މަނިކުފާނު [ރައީސް ޞާލިޙް] ސަރުކާރު ހިންގަވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. މެމްބަރު ހުސައިން ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި މުޅި ކެބިނެޓް އިސްތިއުފާ ދިން ފަދަ ގޮތަކަށް މި ސަރުކާރުން "ރިއެކްޓް ނުކުރާނެ" ކަމަށެވެ.
ކަންކަމުގައި ރައީސް ޞާލިޙް "ރިއެކްޓް ނުކުރައްވާ" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙަށް ފާޑުވިދާޅުވުންތައް އަމާޒުކުރައްވާފައެވެ.
ރައީސް ނަޝީދުގެ އެ ފާޑުވިދާޅުވުންތަކަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވެސް ވަނީ ރައްދުދެއްވާފައެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ އެމްޑީޕީ ރިއެކްޓް ނުކުރާނެ ކަމަށާއި އެޕާޓީއަކީ އަބަދުވެސް ޕްރޯއެކްޓް ކުރާ އަދި ހަކުޅި ކުރިއަށް ކުޅޭ ޕާޓީއެއް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފަށާފައިވާއިރު، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙް އާއި ރައީސް ނަޝީދުގެ ކެމްޕެއިން ފޯރިގަދަވެ، ދެ ފަރާތުން ވެސް އަންނަނީ ފާޑުކިޔުންތަކާއި ހޫނު ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތަޢާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުއެވެ.
އިދިކޮޅު ޕީޕީއެމްގެ ފަރާތުންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ވަނީ ކަނޑައަޅާފައެވެ. ޕީއެމްގެ ފަރާތުން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިންތިހާބުގައި ވާދަކުރައްވާނެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޖުމްހޫރީ ޕާޓީއިންވެސް ކެންޑިޑޭޓަކު ނެރޭނެކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެ ޕާޓީއިން ނެރޭ ކެންޑިޑޭޓް ވާނީ ގިނިކަންޏާ ނުކުންނަވާ ބޭފުޅަކަށްތޯ ނުވަތަ ކޯލިޝަނެއްގެ ތެރެއިން ނުކުންނަވާ ބޭފުޅަކަށްތޯ އަދި އޮތީ ހާމަނުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ