ނައިފަރުން ފެށިގެން މަޑިވަރު އެއާޕޯޓާއި ފެލިވަރާއި ގާއެރިފަރާ އެކު ހިންނަވަރާ ހަމައަށް ބްރިޖަކުން ގުޅާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުގައި މަޑިވަރުގައި ހުންނަވައި ގާސިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ނައިފަރުން ފެށިގެން ހިންނަވަރަށް ބުރިޖަކުން ގުޅާލާނެ ކަމަށާއި އެކަމުން އިގުތިސޯދީ ކުރިއެރުންތައް އެ ސަރަހައްދަށް އަންނާނެ ކަމަށެވެ.
"ހިންނަވަރަށް ދެވުނު ނަމަ އަޅުގަނޑު ވިސްނައިގެން ހުރީ ހިންނަވަރުން ފެށިގެން ނައިފަރާ ދޭތެރޭ މިއޮތް މަޑިވަރާއި, ފެލިވަރާއި, ގާއެރިފަރާ ގުޅާލުމަށް. ދެން ކޮންމެ ގޮތެއް ވިޔަސް ކުޑަ ކަނޑުއޮޅިއެއް އެބަ އޮތް. ގާތްގަނޑަކަށް 300 މީޓަރު އެއް ފަޅު އަނެއް ފަޅާ ދޭތެރޭ ހުންނަނީ. އެންމެ ދިގު ދޭތެރޭ ވެސް ހުރީ 500 މީޓަރު. އަޅުގަނޑުގެ ވެރިކަމެއްގައި މިތަން އެއްކޮށް އަޅުގަނޑު ބުރިޖުން ގުޅާލަދޭނަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެރަށްރަށް ގުޅާލުމަށް މާބޮޑު ހަރަދެއް ނުދާނެ ކަމަށާއި އެ ރަށްރަށް ގުޅާލުމުން އެ ސަރަހައްދު ސިޓީއަކަށް ވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ޅަވިޔަނި އަތޮޅުގެ ރަށްތަކަކީ ބޮޑު ފަޅެއް އެކުލެވިގެންވާ ރަށްތަކެއްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެރަށްރަށް ހިއްކަން ޖެހިއްޖެ ނަމަ އެކަންވެސް ކުރެވޭނެ ކަމަށެވެ.
ނައިފަރާ ހިންނަވަރާ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް އެ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.
ނައިފަރު މަޑިވަރު، ފެލިވަރު، ގާއެރިފަރު އަދި ހިންނަވަރު ބުރިޖަކުން ގުޅާލަން ގާސިމް ވައުދުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ