ބޮޑު ތިން ނިންމުމަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދަނީ

ޤާނޫނީ ގޮތުން ނިންމަވަނަޖްހޭ ބޮޑު ތިން ނިންމެވުމެއް ނިންމެވުމަށް ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކަށް ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާޞަތުގައި ބޭއްވި ރަސްމީ ޖަލްސާގައިދެއްކެވި ވާހަކަފުޅުގައެވެ.
މި ރަމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއްކަމަކަށް ފާހަގަކުރެއްވީ ވެރިކަމުގެ ދައުރު ބަދަލުވާ ދުވަސް އަލުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ބަދަލުކުރެއްވުމެވެ. 2013 ވަނަ އަހަރުގައި ރިޔާސީ އިންތިޚާބުގެ ދެބުރުގެ ވޯޓު ނެގުމަށްފަހު ރިޔާސީ ދައުރު ބަދަލުވީ އެއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ވުމާއެކު އޭގެފަހުން ރިޔާސީ ދައުރުބަދަލުވާ ދުވަހަކީ ނޮވެމްބަރު 17އެވެ.
އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ސިޔާސީ އޮއިވަރުގައި ޖެހުމުގެ ސަބަބުން ކޮންމެ ފަސް އަހަރަކު ވެރިކަމުގެ ދައުރު ބަދަލުވާ ދުވަސްކަމަށްވާ 11 ނޮވެމްބަރުގެ ބަދަލުގައި އެއް ހަފްތާ ފަހަތަށް ކައްސާލާފައިވާކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ވެރިކަން ބަދަލުވާ ދުވަހަކީ ޒަމާނުއްސުރެ ޖުމްހޫރީ ދުވަސްކަން ފާހަގަކުރައްވާ ރައީސް ވަނީ ރައްޔިތުން ރުހޭނަމަ ގާނޫނުއަސާސީއާއި ގާނޫނަށް ގެންނަންޖެހޭ ބަދަލެއް ގެންނަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެކަމަށެވެ.
"ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11. އަޅުގަނޑު އަމިއްލަ އަށް ނިންމާލެވޭ ވަރުގެ ކަމެއް ނޫނޭ އެއީ. އެކަމަކު ގާނޫނު އޮތް ގޮތުން، އަދި މިތިބަ މަޖިލިސް އިއްޒަތްތެރި މެމްބަރުންނަށް ވެސް ނުނިންމެނެއޭ. ރައްޔިތުންގެ ގާތަށް ދާން މި ޖެހެނީ. ރައްޔިތުން ގާތު އަހާލަން އެބަޖެހޭ ފެންނަ ނުފެންނަ ވޯޓަކަށް ޖުމްހޫރީ ދުވަސް. މާނައަކީ މި ދައުރު ނިމޭ ދުވަސް 2028 ގެ ނޮވެމްބަރު 11އަށް ބަދަލުކުރަން. ހަފުތާއެއް ކުރުވުން. ރައްޔިތުން އެގޮތަށް ރުހެންތޯ އަޅުގަނޑު އަހާލާނަން ރައްޔިތުންގެ ގާތު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދެވަނަ ޖުމްހޫރިއްޔާ ފެށުނު ދުވަސްކަމަށްވާ 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާއި ގުޅުވައެވެ.
ދެވަނަ ކަމަކަށް ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމެވެ. އެއީ އެމަނިކުފާނު ބޭނުންފުޅުވާގޮތްކަން ހާމަކުރައްވާ ރައީސް ވިދާޅުވީ މިހާ އާބާދީ މަދު ޤައުމެއްގައި ޚަރަދުގެ ގޮތުންވެސް އެންމެ ރަނގަޅުގޮތަކީ ދެ އިންތިޚާބު އެކުއެކީގައި ބޭއްވުންކަމަށެވެ. ދެ އިންތިޚާބުގެ ދެމެދުގައި މިހާރު އޮންނަނީ އެންމެ ދެތިން މަސްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރައްޔިތުންނަށް އެކަން އެގޮތަށް ކުރިއަށް ގެންދަން ފެންނަނަމަ ދެން އޮންނަ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އޮންނާނީ އެކުއެކީކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ވޯޓަކަށް އަހާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ދެ އިންތިހާބާ ދޭތެރޭގައި މި އޮންނަނީ ދެ ތިން މަސް ނޫންތޯ؟ އެތައް ޚަރަދެއް އެބަ ހިނގާ. އިލެކްޝަންސް ކޮމިޝަނުން އެކަނި ވެސް އެތައް ސަތޭކަ މިލިޔަނެއް އެބަ ޚަރަދުކުރަންޖެހޭ. އޭގެ ބަދަލުގައި ރިޔާސީ އިންތިޚާބާ އެކުގައި މަޖިލިސް އިންތިޚާބު ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތް. އެކަމަކު އަޅުގަނޑަކަށް ނުނިންމޭނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބު ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ކަނޑައެޅުމެވެ. އެހެންކަމުން ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރުވެސް ބަންޑާރަ ނައިބުގެ އޮފީހުން އަންނަނީ ދިރާސާތައް ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.
"ދެވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުގައި ޕްރިފަރެންޝަލް ވޯޓިން އިން ދެވަނަ ބުރަކަށް ދާ ހާލެއްގައި ވެރިއަކަށް ހޮވާނެ މީހާވެސް އެނގޭ ގޮތަށް ވޯޓުލެވޭ ގޮތަށް. މާނައަކީ އެއްބުރުން ނިމޭނެއޭ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވަނީ މިއީވެސް ކަރަދު ކުޑަކުރެވޭނެ ކަމެއްކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މިފަދަ މުހިންމު ބައެއް ކަންކަން ރައްޔިތުންގެ ކައިރީގައި އަހައި ރައްޔިތުން ބޭނުންވާ ކަމަށްވާނަމަ، އެގޮތަށް ބަދަލުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ