އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނި ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅީ އެ ނޫން ގޮތަކުން ހައްލެއް ފެންނަން ނެތުމުން މަޖުބޫރު ވެގެން ކަމަށް ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ މިއަދު ކުރިއަށް ގެންދެވޭ ގޮތް ނުވުމުން ދެ އަމުރަކަށް އެދި އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅައިފި އެވެ.
ނަޝީދުގެ މައްސަލަ މިއަދު އެޖެންޑާކޮށްފައި ވަނިކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ފޮނުއްވާފަ އެވެ. އީވާ ސަލާން ފޮނުއްވާފައި ވަނީ ޑެންގޫ ހުމަށް ޕޮޒިޓިވްވެފައިވާ ކަމަށް ބަޔާންކޮށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ނާއިބު ރައީސް ރިޔާސަތު ގައި ނެތް ހާލަތެއްގައި އެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއަށް ފެންނާތީ ކަމަށް އަމީން އާންމު ވަނީ ވިދާޅުވެފައެވެ.އަމީން އާންމު އެހެން ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށައެޅިއްޖެ ހާލަތެއް ގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ވާނީ ނާއިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާތީ އެވެ. ނަމަވެސް އެމްޑީޕީން ދެކޭ ގޮތުގައި މަޖިލީސް ހުއްޓުމަކަށް އަންނާނެ ގޮތަށް ގަވާއިދު މާނަ ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ނެތް ހާލަތެއް ގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ ފަސް މެންބަރުން ތިއްބަވާއިރު އެ އިން މެންބަރުން ރިޔާސަތަށް ވަޑައިގެން ވެސް ޖަލްސާ ކުރިއަށް ގެންދަން ޖެހެއެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގައި އެ ޕާޓީގެ ގާނޫނީ ކޮމެޓީގެ މެންބަރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމުން އެ ބާރުގެ މަސައްކަތް އެއްވެސް ހާލަތެއް ގައި ހުއްޓިގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ހުއްޓޭ ގޮތަށް ގަވާއިދެއް ވެސް ގާނޫނެއް ވެސް މާނަ ކޮށްގެން ނުވާނެ ކަމަށެވެ.އެހެން ކަމުން މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން މަޖިލީސް ކުރިއަށް ގެންދެވޭނެ މަގެއް ހޯދަން އެ މައްސަލަ ސުޕްްރީމް ކޯޓަށް މިހާރު ހުށައަޅާފައެވެ.އެމްޑީޕީން ހުށައެޅި މައްސަލައިގެ ތަފްސީލު ހިއްސާ ކުރަމުން ގާނޫނީ ވަކީލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ ކޯޓަށް ހުށައެޅި މައްސަލާ ގައި އެ ޕާޓީން ދެ އަމުރަކަށް އެދިފައިވާނެ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަންނަވާނީ ނާއިބު ރައީސް ކަމަށް މަޖިލީހުގެ އަމީން އާންމު މިއަދު ނިންމެވި ނިންމެވުމަކީ ގާނޫނު އަސާސީ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ނާއިބު ރައީސް ނެތް ހާލަތެއް ގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.ދެން އެދިފައިވަަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް މިހާރު ހުށައަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމުގެ ކުރީން މަޖިލީހުގެ އިތުރު ޖަލްސާ އެއް ނުބޭއްވޭނެ ކަމަށް އަމުރުކޮށް ދެއްވުމަށެވެ.އަހްމަދު ވިދާޅުވީ މިހާރު އޮތް ހާލަތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވޭނީ ހަމައެކަނި ނާއިބު ރައީސަށް ކަމަށް ކަނޑައެޅުމަކީ މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގެ ބާރު ކަނޑުވާލުން ކަމަށެވެ. މި ހާލަތު އިތުރަށް ދެމިގެން ގޮސްފިނަމަ ދުސްތޫރީ މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓޭނެ ކަމަށް ވެސް ވިދާޅުވި އެވެ."މިކަމަށް ސުޕްރީމް ކޯޓުގެ ނިންމުމެއް ކޮންމެހެން މުހިންމު ކަމަށް ވެސް އަޅުގަނޑުމެން ދެކެން،"
އެމްޑީޕީގެ ގާނޫނީ ޓީމުން ބުނީ މަޖިލީހަކީ ދައުލަތުގެ އެއް ބާރު ކަމަށާ އެ ބާރުގެ މަސައްކަތްތަކާއި ނިންމުންތަކަށް އެހެން ބަޔަކު ފާޑު ކިޔުމަކީ ގަބޫލު ކުރައްވާ ގޮތް ނޫން ކަމަށެވެ. ނަމަވެސް ވަކި މަސްލަހަތެއް ގައި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާ ދުސްތޫރީ އެތައް މައްސަލަތަކެއް ކުރިމަތިވާ ގޮތަށް މަޖިލީސް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށެވެ.ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅީ އެ ނޫން ގޮތަކުން ހައްލެއް ފެންނަން ނެތުމުން މަޖުބޫރު ވެގެން ކަމަށް ވެސް ގާނޫނީ ޓީމުގެ ބޭފުޅުން ވިދާޅުވި އެވެ.
އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް ނޮވެންބަރު 17 އާ ހަމައަށް ދަންމާލުމަށް ފަހު ނަޝީދުގެ ރިޔާސަތުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވައިފިނަމަ އެއީ ގާނޫނީ ގޮތުން ސައްހަ ޖަލްސާ އެއްގައި ކުރެއްވި ސައްހަ ހުވައެއް ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.އަދި އެ ހާލަތުގައި ރައީސް މުއިއްޒު އެކުލަވާލައްވާ ކެބިނެޓަށް ރުހުން ނުދެއްވާނެ ކަމަށާ ވަޒީރުންނަށް ޖައްސަވާނީ "ނޯ" ކަމަށް ވެސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އެެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ސާފުކޮށް އެހެން ވިދާޅުވާން ދެކޮޅު ހައްދަވާފައެވެ. ގާނޫނީ ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމުން ހުރިހާ ކަމެއް ވެސް ސާފުވާނެ ކަމަށެވެ. މިވަގުތަށް މުހިންމީ ސުޕްރީމް ކޯޓްގެ ނިންމުމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދެ އަމުރަކަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް ވަދެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ