ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ނުހިނގައިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެކޯޓުން ގޮތެއް ނުނިންމަނީސް އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާނުކުރަން ނިންމައިފިއެވެ.
މި މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތް މީޑިއާއަށް ތަފުސީލުކޮށްދެއްވައި މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓާ ޙަސަން ޒިޔާއު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލާގައި ގޮތެއް ނުނިންމަނީސް މަޖިލީހުގެ ޖަލްސާ ބޭއްވޭނެކަމަށް ދެކެވަޑައިނުގަންނަވާކަން ނައިބުރައީސް އީވާ ހާމަކުރެއްވީ 31 ސެޕްޓެންބަރުގައި ފޮނުއްވި ސިޓީއަކުން ކަމަށެވެ.
ހަމަ އެދުވަހު މަޖިލީހުގެ އިދާރާއިން އީވާއަށް ފޮނުވި ސިޓީއެއްގައި ސުޕްރީމް ކޯޓުގައި އޮތް މައްސަލައާއި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައަކީ ދެ މައްސަލައަކަށްވާތީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހުރަހެއް އޮތްކަމަށް ނުދެކޭކަން އެންގެވިކަމަށް ޒިޔާއު ވިދާޅުވިއެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ސަލާމުގައި ހުންނެވުމަށްފަހު މިއަދު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނުނިމެނީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން އީވާ އަންގަވާފައިވާކަމަށް ޒިޔާއު ވިދާޅުވިއެވެ.
އަދި ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާގައި ހިމެނޭ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން އީވާ އެންގެވުމާ ގުޅިގެން، އިތުރު ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާނުކުރާނެ ކަމަށްވެސް ޒިޔާއުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަތަކުގެ އަޑުއެހުންތައް މާދަމާ ފެށޭނެއެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު 10:00 ގައި ބާއްވަން ސުޕްރީމް ކޯޓުންވަނީ ތާވަލުކޮށްފައެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ކުރަން އެއްބާރުލުން ނުދޭން އެމްޑީޕީން ނިންމުމާ ގުޅިގެން މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ މި އަހަރުގެ ސަޕްލިމަންތަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތްވަނީ ކުރިއަށްނުގެންދެވި ތާށިވެފައެވެ.
ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ދެން ނަޝީދުގެ އިތުބާރުނެތެކަމުގެ ޤަރާރު އެޖެންޑާނުކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ