ވޯޓުލާ ދުވަހު މޫސުން ގޯސް، ވިއްސާރަ ކުރާނެ: މެޓް އޮފީސް

ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި, މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށެވެ. މިގޮތުން، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނަ ހޮނިހިރު ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަހަރައްދަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ތަންކޮޅެއް ވައި ގަދަވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ މުޅި ރާއްޖެއަށް މި ހަފުތާ އެއްކޮށް ވިއްސާރަ ކުރި ނަމަވެސް އެއްވެސް ރަށަކަށް އުދަ އަރާނެކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. ރާއްޖެއަށް މިހާރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ހަފުތާގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު އޮންނާނެއެވެ. އެ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ