އެންމެ ގިނައިން ކިޑްނީ ފެއިލްވަނީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވުމާއި، ހަކުރު ބަލީގެ ސަބަބުން-

އަލީ އިހްސާން ފިރާޤު
 
ކިޑްނީއަކީ އިންސާނާގެ ހަށިގަނޑުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. އެގޮތުން ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތައް ނުވަތަ ވިހަ މާއްދާތައް ކުޑަކަމުދާ ތަކެތީގެ ޒަރީއްއާއިން ބޭރު ކުރަނީ ކިޑްނީ މެދުވެރިވެގެންނެވެ. މީގެ އިތުރަށް ލޭގެ ރަތްސެލްތައް އުފެއްދުމަށް އެހީތެރިވުމާއި، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަކީވެސް ކިޑްނީގެ ވަޒީފާއެކެވެ. 
ކިޑްނީ ފެއިލްވުމޭ ބުނެވެނީ ކިޑްނީގެ 85 ނުވަތަ 90 ޕްސެންޓް ފަންގްޝަން  ގެއްލިގެން ދިޔުމުންނެވެ. ނުވަތަ އިންސާނާ ދިރިހުރުމަށް ބޭނުންވާނެ މިންވަރަށް ކިޑްނީގެ ފަންގްޝަން ގެއްލިގެން ދިޔުމުންނެވެ. ކިޑްނީ ފެއިލްވެއްޖެނަމަ އެކަމަށް ފަރުވާއެއް ނޯންނާނެވެ. މީގެ މާނައަކީ ފެއިލްވެފައިވާ ކިޑްނީ އަލުން ރަނގަޅެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ބައެއް ކަހަލަ ފަރުވާތަކާއެކު ކިޑްނީ ފެއިލްވެފައިވާ މީހުންނަށް ދުނިޔޭގައި ދިގު މުއްތަކަށް އުޅެވިދާނެއެވެ. ކިޑްނީ ފެއިލްވުމަކީ ތިމާއަށް އިއްވޭ މަރުގެ ހުކުމެއް ނޫނެވެ. އެހެނީ ކިޑްނީ ފެއިލްވެފައިވާ މީހުން ފަރުވާއާއެކު އެހެން މީހުން ފަދައިން އެމީހުން ބޭނުންވާ ކަމެއްކޮށްގެން ވަރަށް އެކްޓިވް ދިރުއުޅުން އުޅެއެވެ. 
ކިޑްނީ ފެއިލްވުމަށް މެދުވެރިކުރާ އެންމެ އިސް ދެ ސަބަބަކީ ލޭ މައްޗަށް ދިޔުމާއި ހަކުރު ބައްޔެވެ. އެހެންކަމުން ހަކުރު ބަލި ހުންނަ މީހެއްނަމަ ހަކުރު ކޮންޓްރޯލްކުރުމަށް ޑޮކްޓަރުގެ އިރްޝާދާއެކު މަސައްކަތް ކުރަންޖެހޭނެއެވެ. ހަމައެހެންމެ، ލޭމައްޗަށްދާ މީހެއްނަމަ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ޑޮކްޓަރުގެ އިރުޝާދާއެކު މައްސަކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. 
ބައެއް ކަހަލަ ޖިސްމާނީ އަނިޔާގެ ސަބަބުންނާއި، ބައެއް ބަލިތަކުގެ ސަބަބުންނާއި، އެހެނިހެން ޑިސްއޯޑާރ ތަކުގެ ސަބަބުންވެސް ކިޑްނީ ފެއިލްވުމަށް މެދުވެރިވެއެވެ. 
ކިޑްނީ ފެއިލްވުމަކީ އެއްރެއަކުން ނުވަތަ އެއްދުވަހަކުން ނުވަތަ ހަމަ ކުއްލިއަކަށްވާނެ ކަމެއް ނޫނެވެ. ކިޑްނީ ފެއިލްވުމަކީ މަޑުމަޑުން ކިޑްނީގެ ފަންގްޝަން ނުވަތަ މަސައްކަތް ގެއްލިގެން ދިޔުމުގެ ނަތީޖާއެކެވެ. ބައެއް މީހުންނަށް ކިޑްނީ ބައްޔެއް ހުރިކަންވެސް ގިނަ ފަހަރަށް އެނގެނީ ކިޑްނީ ފެއިލްވާ ފަހުންނެވެ. އެހެން ދިމާވާ ސަބަބަކީ ކިޑްނީ ބަލީގެ ކުރީކޮޅުގައި ވަރަށް ގިނަ ފަހަރު އަލާމާތެއް ނުފެންނާތީއެވެ. އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ބަލި ވަރަށް ބޮޑުވަރުވާ ފަހުންނެވެ. 
އެގޮތުން ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުމާއި، ކަންތައްތަކަށް ސަމާލުކަންދިނުމަށް އުނދަގޫވުމާއި، ކާހިތްނުވުމާއި، ނިދަން އުނދަގޫވުމާއި، ފައިފޮއްސިވުމާއި، ހެނދުނު ނިދިން ހޭލާ ވަގުތު ލޯކައިރި ދުޅަވެފައިހުރުން ހިމެނެއެވެ. މިދެންނެވި އަލާމާތްތަކުގެ އިތުރުން ރޭގަނޑު ގަޑީގައި މާގިނައިން ކުޑަކަމުދާންޖެހުމާއި، ހަންގަނޑު ކުރަކިވެ ކެހުމާއި، ރޭގަނޑު ގަޑީގައި ހަށިގަނޑުގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ. 
ކިޑްނީ ފެއިލްވެއްޖެނަމަ ދެވޭ މައިގަނޑު ދެ ފަރުވާއަކީ ޑަޔަލިސިސް އާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމެވެ. ޑަޔަލިސިސްގައި ދެ ވައްތަރެއް ހިމެނެއެވެ. އެއީ ހިމޯޑަޔަލިސިސް އާއި ޕެރިޓޯނިޔަލް ޑަޔަލިސިސްއެވެ. މީގެ ތެރެއިން ޑޮކްޓަރުން އެންމެ ބޮޑަށް ބާރު އަޅަނީ ކިޑްނީ ޓްރާންސް ޕްލާންޓް ހެދުމަށެވެ. 
ލިޔުމުގައި ހިމަނައިލި މައުލޫމާތު ނެގީ www.kidney.org އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ