އަނބިދަރިންނަށް ވަޤުތު ނުދިނުމަކީ ޙަރާމްކަމެއް! އެއީ ކުރެވޭ ބޮޑުފާފައެއް!: މުފްތީ މެންކް

އަޅުގަނޑުމެންގެ ކައިވެންޏަށް 3 އަހަރު ފުރުނީއެވެ. މަހަކު އެއްރޭވެސް އަޅުގަނޑަސް ނުނިދެނީސް ފިރިމީހާ ގެއަކަށް ނައުދެއެވެ. މިއީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ؟ 
ކިޔުންތެރިޔާގެ ތިއަ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  
މިއަދުގެ ގިނަ ޒުވާނުންނާއި ހަރު ޢުމުރުގެވެސް ގިނަ ބައަކާއި ބައެއް މުސްކުޅިންގެ ޙާލަތަށް ބެލިނަމަވެސް އެމީހުން ނިދަން ގެއަށްދާ ވަގުތަކީ މެންދަމު 12 ނުވަތަ މެންދަމުން އަލިވެ 2 ޖަހާއިރެވެ. އެހައިރު ވަންދެން ހޭލައި ތިބެނީ އަޅުކަންކުރާކަށް ނޫނެވެ. އެހައިއރުވަންދެން ނުނިދައި އަޅުކަންކުރަން ތިބޭކަށްވެސް ދީނަކު ނެތެވެ. އޮތީ އަވަހަށް ނިދާފައި މެންދަންފަސްވުމުން ހޭލުމެވެ.  
އެހައިރުވަންދެން ނުނިދައި ތިބެ ކުރާ ކަމަކީ ރައްޓެހިންނާއިއެކު ކޮންމެވެސް ތަނެއްގައި ކޮންމެވެސް ކަމެއް ކުރަން ވަގުތު ހޭދަކުރުމެވެ. އެގޮތަށް އުޅެނިކޮށް ދިމާވާ ކުއްޖަކާއި ކައިވެނިކުރަނީއެވެ. ކައިވެނިކުރާއިރު މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަމެއްވެސް ނުއެނގެއެވެ. ކައިވެންޏަށްފަހު ތިމާގެ ބޮލުގައި ޒިންމާތަކެއް އެޅޭ ކަމާއި ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމެއްވެސް ނުއެނގެއެވެ. މީހުން ކައިވެނިކުރާތީ ކައިވެނިކޮށްލަނީއެވެ. އެކައިވެންޏަށް ދަރިންވެސް ލިބެނީއެވެ. ކޮންމެހެން ދަރިއަކު ބޭނުންވެގެން ހޯދަނީއެއްވެސް ނޫނެވެ. 
ދަރިން ގޯސްވުމުން ނުވަތަ ނުރަނގަޅު ކަމެއް ކުރުމުން ކުށްވެރިކުރަނީ ދަރިންނެވެ. ނުވަތަ ގޭގައި އިންނަ އަނބިމީހާއެވެ. ދަރިފުޅު ގޯސްވި ސަބަބު މައިންބަފައިންނަށް ޚާއްޞަކޮށް ގިނަ ބައްޕައިންނަށް އެނގޭ ކަމަކަށްވެސް ނުވެއެވެ. އެކަމުގެ ޙައްލަކީ ކޮބައިކަމާއިމެދު ނުވެސް ވިސްނައެވެ. އެކަމުގެ ޙަޤީޤީ ކުށްވެރިއަކީ ތިމާކަން ޤަބޫލުކުރަންވެސް ބޭނުމެއް ނުވެއެވެ.
ރަނގަޅަށް އަޑު އަހާށެވެ! ކައިވެނިކުރުމަށްފަހު ދިރިއުޅުމަށް ގެންނަން ޖެހޭ އެންމެ ބޮޑު ބަދަލަކީ އަނބިންނާއިއެކު ވަގުތު ހޭދަކުރުމެވެ. އަނބިން ގެއަށް ނުވަތަ އެހެންވެސް ތަނަކަށް ދޫކޮށްލާފައި ގޮސް ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އެއީ ޙަރާމް ކަމެކެވެ. ކުރެވޭ ބޮޑު ފާފައެކެވެ. އަދި އަނބިންނާއިއެކު ވަގުތު ހޭދަކުރުމަކީ އަޅުކަމެކެވެ. ހަމައެކަނި އަނބިންނާއިއެކުގައެއް ނޫނެވެ. އަނބިދަރިން ހިމެނޭ ގޮތަށް ޢާއިލާ އާއިއެކު ވަގުތު ހޭދަކުރުމަކީ އިސްލާމް ދީނުގައި ޘަވާބު ދެއްވަވާ މަތިވެރި އަޅުކަމެކެވެ. ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއެކެވެ.
ގިނަ ފިރިންގެ ދިރިއުޅުމަށް ބަލާށެވެ! މަސައްކަތުގައި އުޅެފައި ގެއަށް އަންނަނީ ރޭގަނޑުއެވެ. އައިސް ފެންވަރައިގެން ކަނީއެވެ. ކައިގެން ކުރާ ކަމަކީ ނޫސް ކިޔުމެވެ. ޓީވީ ބެލުމެވެ. ފޯނާއި ކުޅުމެވެ. ޢާއިލާގެ މީހަކާއި އަނގައިން ބުނުމެއް ނުއޮވެއެވެ. އަނބި ދަރިންނާއިވެސްމެއެވެ. އެގޮތަށް އިންދައި ނިދިޖެހުމުން އެދަށް އަރައި ނިދަނީއެވެ. މިއަދުވެސް ކެރިހުރެ ދިމާއަށް މިބުނަނީއެވެ. އެއީ "މޭޖަރ ސިން" (ބޮޑުފާފަ)އެކެވެ.
މިއަދު ބައެއް ފިރިހެނުންނަކީ އަދި އަންހެނުންނަކީ ވެސް ދަންވަރު 2،3 ޖަހަންދެން ސްކްރީނަކަށް ބަލައި ހޭން ތިބޭ ބައެކެވެ. ސްކްރީނަށް މީހުން ފޮނުވާ ތަފާތު އައިކޮންތައް ބަލާފައި ހޭނ ބައެކެވެ. އެހެން ތިއްބައި މީހަކު، ދަރިއަކުނަމަވެސް އަނގައިން ބުނެފި ނަމަ ބުނާނީ "މަމީ ، ޑެޑީ ވަރަށް ބިޒީ" ކަމަށެވެ. އެހެންބުނާއިއރު ބިޒީ މިވަނީ މީހުން ފޮނުވާ އައިކޮންތައް ބަލާފައި ހޭނށެވެ.
މިފަދަ މީހުންނަށް އެމީހުންގެ ދަރިން ނުބައިމަގަކުން ދިއުމުން ދަރިން ކުށްވެރިކުރުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ ދަރިންނަށް ބޭނުންވާ ލޯތްބާއި އަޅައިލުން ނުދީ ހުރުމަށްފަހުވެސް ދަރިންނަކީ ފުރިހަމަ ތަރުބިއްޔަތެއް ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރާ މީހާއަށް އެހެރީ ކޮންމެވެސް ކަމެއް ވެފައެވެ. ފަރުވާއަށް ބޭނުންވެފައެވެ. އެހީތެރިކަމަށް ބޭނުންވެފައެވެ!
ވަށައިގެންވާ މާހައުލުގެ ސަބަބުން މިޒަމާނުގައި މިއުޅެނީ ދަރިން ތަރުބިއްޔަތުކުރަން ޖިހާދު ކުރި ނަމަވެސް އެކަމުގެ އެންމެ ރަނގަޅު ހޯދަން އުނދަގޫވެގެންނެވެ. ވީއިރު ދަރިންނަކީ އޮޓޮމެޓިކުން ތަރުބިއްޔަތު ކުރެވޭނެ ބައެއް ކަމަށް ހީކުރާ މީހާގެ ސިކުނޑީގައި ބޮޑެތި މައްސަލަތަކެއް ހުންނާނެއެވެ. ވީމާ ފުރަތަމަ ފަރުވާކޮށް ރަނގަޅުކުރަން ޖެހޭނީ އެމީހެއްގެ ސިކުނޑިއެވެ. ދަރިން އިޞްލާޙް ކުރެވޭނީ މި ޙަޤީޤަތް ޤަބޫލުކޮށްގެންނެވެ.
މިމޭރުމުން ވަރަށް ގިނައިން އެބަ ވާހަކަދެއްކެއެވެ. ވިސްނައިދޭން އެބަ މަސައްކަތްކުރެވެއެވެ. ސަބަބަކީ އިޖުތިމާޢީ މިބޮޑު މައްސަލަ ޙައްލު ނުކުރެވި ހަރުދަނާ ޖީލެއް ނުއުފެއްދޭނެތީއެވެ. ދަރިންނާއި އަޅާނުލައި އެކުދިން ތަރުބިއްޔަތު ނުކުރެވޭނެތީއެވެ. ކޮޓަރީގެ ހަތަރު ފާރާއި ކައިވެނިކޮށްގެން އަނބިންނަށްވެސް އަބަދު ނުތިބެވުމުގެ މައްސަލަތައް ކުރިމަތިވާތީއެވެ. އެހަން އެކަން އެވަނީ ކައިވެނި ކުރަނީ ކޮޓަރީގެ 4 ފާރަކާއިއެއް ނޫނެވެ. އިންސާނަކާއިއެވެ.  
 
- މުފްތީ މެންކުގެ ދަރުސަކުން
 
 
 
 
 
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ