ބޯޓުގަ ތިބި މީހުން ދިރިތިބުމަކީ ފަހަރުގައި އެކަށީގެންވާ ކަމެއް – މެލޭޝިޔާގެ އޮފިޝަލުން

މެލޭޝިޔަން އެއާލައިންސްގެ މަތިންދާބޯޓު އެމްއެޗް 370 ގައި ތިބި މީހުން ދިރިތިބުމަކީ ފަހަރުގައި އެކަށީގެންވާ ކަމެއް ކަަމަށް މެލޭޝިއާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ އޮފިޝަލުން މިހެން ބުނެފައިވާއިރު މިދިޔަ ހަފްތާގައި އެ ބޯޓު އިންޑިއާ ކަނޑަށް ވެއްޓި އަދި އޭގެއިން ދަތުރުކުރި އެންމެންވެސް މަރުވެފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެކުރިން އޮސްޓްރޭލިއާގެ އޮފިޝަލުން ވެސް ވަނީ ފްލައިޓުގައި ތިބި މީހުން ދިރިތިއްބާ ސަލާމަތް ކުރެވުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކާ އެކު ބޭއްވި ބައްދަލުވުމެއްގައި މެލޭޝިއާގެ އޮފިޝަލަކު ވަނީ މެލޭޝިއަން އެއާލައިންސްގެ ބޯޓު އެމްއެޗް 370 އިން ދަތުރުކުރި 239 ފަސިންޖަރުން މަރުވީ ކަމަށް އަދި މުޅިން ނުނިންމާ ކަމަށް ބުނެފައެވެ.
"އަހަރުމެން އަބަދުވެސް އުއްމީދުކުރަނީ އަދި ކުރާނީ ވެސް އެ ބޯޓުން ދަތުރުކުރި އެންމެން ވެސް ދިރިތިއްބާ ފެންނާނެ ކަމަށް. އަހަރުމެން ކުރަމުންދާ މަސައްކަތެއް ހުއްޓައެއް ނުލާނަން" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެލޭޝިއާގެ ވަގުތީ ޓްރާންސްޕޯޓް މިނިސްޓަރު ހިޝާމުއްދީން ހުސެއިން ވިދާޅުވިއެވެ.
ގެއްލުނު ބޯޓު ހޯދުމަށް އިއްޔެ ކުރި މަސައްކަތުގައި ޖުމްލަ 5 އެއާކްރާފްޓަކަށް ވަނީ އެމްއެޗް 370 ގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައެވެ. ބައިތައް ފެނިފައިވަނީ ކުރިން ބެލި ސަރަހައްދަށް ވުރެ 1،100 ކިލޯމީޓަރު އިރު އުތުރުގައިވާ ސަރަހައްދަކުންނެވެ. ކުރިން ބަލަމުން ދިޔައީ އޮސްޓްރޭލިޔާގެ ޕާތުގެ ހުޅަނގު ދެކުނުން 2،500 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.
އެގޮތުން ޗައިނާގެ އެއާކްރާފްޓަކަށް ވަނީ މިއަދު ހުދު ކުލަ އާއި އޮރެންޖް އަދި ރަތް ކުލައިގެ އެއްޗެހިތަކެއް ފެނިފައެވެ. ނަމަވެސް އެއީ ސީދާ ގެއްލުނު ބޯޓުގެ ބައިތަކެއް ކަން އަދި ވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ. ޗައިނާގެ ކަނޑު މަތީ ބޯޓެއް މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު އެ ބޯޓުން މަސައްކަތް ކުރަމުންދަނީ ގެއްލުނު ބޯޓުގެ ބައިތައް ފެނޭތޯ އެވެ. އަދި ލައިފް ޖެކެޓާއި ތެޔޮ ފަދަ އެއްޗެހި ފެނޭތޯ ދަނީ މަސައްކަތްކުރަމުންނެވެ.
މެލޭޝިޔާ ފްލައިޓް ފެނޭތޯ ބަލަމުން ދިޔަ ސަރަހައްދު އޮސްޓްރޭލިޔާއާ ކައިރި އަށް ބަދަލުކޮށްފައިވަނީ ފްލައިޓާ ގުޅުން ކެނޑުމުގެ ކުރިން އެންމެ ފަހުން ލިބެން ހުރި ރާޑަރުގެ މައުލޫމާތުތައް އިތުރަށް ތަހުލީލުކުރުމަށް ފަހު އާއި ސެޓަލައިޓު ފޮޓޯތަކުގެ މައްޗަށް ބެލުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ