ނައިބު ކަމުން ވަކިކުރި މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ހުކުމްކޮށްފި

ޑރ. މުހައްމަދު ޖަމީލް އަހްމަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުން ވަކިކުރި މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަށާއި ނަމަވެސް ސިވިލް ކޯޓަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސަކަށް ހުންނެވި ޖަމީލް އެ މަގާމުން ވަކިކުރީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. އެއީ ޖޫން 2015 ގައެވެ. ޖަމީލްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރުއެވެ.މި މައްސަލައިގައި ޖަމީލް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 2 ކަމެކެމެވެ. އެއީ އޭނާ މަގާމުގައި ހުރުމަށް ނާގާބިލުކަމަށް ކަނޑައެޅެނީ ރައީސުލްޖުމްހޫރިއްޔާގެ ބަހެއް ނެތިކަމަށާއި، އަދި އޭނާ މަގާމުން ދުރުކޮށްފައިވަނީ ވަކީލަކު މެދުވެރިކޮށް އަދި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީކަމަށެވެ. އެހެންނަމަވެސް ދައުލަތުން މީގެ ކުރިން އަޑުއެހުންތަކުގައި ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓުގައި ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ އިޖުރާއީ ނުކުތާތަކެއް ފާހަގަކޮށްފައިވެއެވެ.އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމުން އޭނާ އެ މަގާމުން ވަކިކުރަން ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދެއްވި އެވެ. ޖަމީލް މަގާމުން ވަކިކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އެއީ މިހާރުގެ ޔޫތު މިނިސްޓަރު އަދި އޭރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ. ޖަމީލް މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރަން ބޭނުންވީ 57 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ