ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިލަދޫއަށް 400 ކިލޯވޮޓުގެ ޖެނަރޭޓަރެއް ގެންގޮސްފި

ނ. މިލަދޫގައި ކަރަންޓުގެ ހިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށް 400 ކިލޯވޮޓުގެ ޖެނަރޭޓަރެއް ގެންގޮސްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، އެ ރަށުގައި ކަރަންޓަށް އޮންނަ ޑިމާންޑު އިތުރުވެފައި ވާތީ، މިހާރު އެރަށުގައި ބޭނުންކުރާ ޖެނަރޭޓަނަށް ޑިމާންޑަށް ކޭޓާ ކުރަން ދަތިތަކަކާ ކުރިމަތި ވެފައި ވާކަމަށެވެ. އަދި ދޭތެރެއަކުން ކަރަންޓުގެ ހިދުމަތަށް ބުރޫ އަރައި، ރަށުން ކަރަންޓު ކެނޑޭ މައްސަލަ ދިމާވާ ކަމަށް ބުންޏެވެ.
އެހެން ކަމުން، މިފަހަރު ގެންދިޔަ އާ ޖެނަރޭޓަރުގެ އެހީއާއެކު، 820 މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއަށް ދަތިކަމެއް ނެތި ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ. އަދި އެ ޖެނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އިންސްޓޯލްކޮށް ނިމުމާއެކު އެ ރަށުގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް ބުންޏެވެ.
ފެނަކައިން ވަނީ އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެ ރަށް ތަމްސީލު ކުރާ މެންބަރު ޔޫނުސް އަލީގެ އެހީތެރިކަން ފާހަގަ ކޮށްފައެވެ.
ފެނަކައަކީ ރާއްޖޭގެ 150 އަށް ވުރެ ގިނަ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ކުންފުންޏެކެވެ. އަދި ރަށްރަށުގައި ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ކުންފުނިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދާދި ފަހުން ފެނަކައިން ވަނީ ނ. ވެލިދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް، އެ ރަށަށް 800 ކިލޯވޮޓުގެ ޖެނަރޭޓަރެއްވެސް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ