ކޮމަންޑޫ ދާއިރާގެ ޕްރައިމަރީ ޕީޕީއެމް-ޕީއެންސީން އަންނަ އާދިއްތަ ދުވަހު ބާއްވަނީ

އަންނަ އަހަރުގެ ފެބުރުއަރީ މަހު ބާއްވައި، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމް އާއި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ، އަންނަ އާދީއްތަ ދުވަހު ބާއްވާނެކަން ޕީޕީއެމްއިން އިއުލާނު ކޮށްފިއެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި، ހުސައިން ވަހީދު އަވަހާރަވުމުންނެވެ. ޕީޕީއެމުން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ނަމުގައި ވާދަ ކުރަން އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ.ކޮމަންޑޫ، ށ.މަރޮށި، ށ.ފޯކައިދޫގެ އިތުރުން މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރާން އެދޭ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 3:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ. ޕީޕީއެމުން ވަނީ މަޖިލިސް މެންބަރެއްގެ ޝަރުތު ފުރިހަމަވާ އަދި ޕީޕީއެމްއާ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި އިއްޔެއާ ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ ތެރެއިން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ބައި އިލެކްޝަންގައި ޕާޓީ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށަހަޅާ ފޯމު ޕާޓީ އޮފީހަށް ހުށަހެޅުމަށް އެދިފައެވެ. ފޯމާއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަކޮށް، އެ ތަކެތި ވެސް ހުށަހެޅުމަށް ޕީޕީއެމުން އެދެއެވެ. ޕީޕީއެމްގެ އިތުރުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާނެކަން މިހާތަނަށް އިއުލާން ކޮށްފައިވަނީ އެމްއެންޕީ އާއި އެމްޑީޕީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ